ސައުދީ ޕުރޯ ލީގުގެ ހަތް ވަނައިގައި އޮތް އަލް އިއްތިފާގުން، ކުރީގެ ލިވަޕޫލުގެ ކެޕްޓަން ސްޓީވަން ޖެރާޑު ހޯދުމަށް މަޝްވަރާ ފަށައިފި ކަމުގައި ސައުދީގެ މީޑިއާ ރިޕޯޓުތަށް ބުނެފިއެވެ.

ސައުދީގެ ބައެއް މީޑިއާ ރިޕޯޓުތަށް ބުނާ ގޮތުން އަލް އިއްތިފާގާއި އެކު މަޝްވަރާ ކުރުމަށް ޖެރާޑު މިދިޔަ ހޯމަ ދުވަހު ވަނީ ސައުދީއަށް ގޮސްފައެވެ. އެހެން ނަމަވެސް މަޝްވަރާ ތަކުގެ މާބޮޑު ތަފްސީލެއް އަދި ހާމަ ނުކުރެއެވެ. ޖެރާޑް ހުރީ މިދިޔަ އޮކްޓޯބަރު މަހު އެސްޓަން ވިލާގެ ކޯޗު ކަމުގެ މަޤާމުން ވަކިކުރި ފަހުން އެއްވެސް ޓީމަކާ ހަވާލުނުވެއެވެ.

އިނގިރޭސި ގައުމީ ޓީމާއި ލިވަޕޫލުގެ ކެޕްޓަން ކޮށްފައިވާ ޖެރާޑު ވަނީ އެސްޓަން ވިލާގެ ކޯޗުގެ ގޮތުގައި ހުރެ، އެޓީމު އިނގިރޭސި ޕްރިމިޔަރ ލީގުގެ ހަތް ވަނައަށް ގެންގޮސްދީފައެވެ. އެހެން ނަމަވެސް ފަހުން އެޓީމުގެ ފަރާތުން ރަނގަޅު ނަތިޖާތަކެއް ނުފެނުމާއި އެކު އޭނާ ވަނީ ކޯޗު ކަމުން ވަކިކޮށްފައެވެ.

އިނގިރޭސި ޕްރިމިޔަރ ލީގުން މި ސީޒަނުގައި ރެލިގޭޓުވި ދެ ކުލަބު ކަމުގައިވާ ލީޑްސް ޔުނައިޓެޑާއި ލެއިސްޓާރ ސިޓީއިންވެސް ޖެރާޑު ހޯދުމަށް ވަނީ މަޝްވަރާކޮށްފައެވެ. އެހެން ނަމަވެސް އެދެކުލަބަށްވެސް ޖެރާޑު ވަނީ ނޫނެކޭ ބުނެފަ ކަމުގައި މީޑިއާ ރިޕޯޓުތަށް ބުނެއެވެ.

ފުރަތަމަ ސީނިއާ ފުޓްބޯޅަ ކޯޗެއްގެ ގޮތުގައި ޖެރާޑް ވަނީ ގްލާސްގޯ ރޭންޖާސް ބަލިނުވެ ގިނަ މެޗު ތަކެއް ހިފަހައްޓާ ތާރީހުގެ ތެރެއަށް ވަދެފައެވެ. ޖެރާޑު ހޯދުމަށް މަޝްވަރާ ކުރަމުން އަންނަ އިރު، ސައުދީ ޕުރޯ ލީގުގެ އެހެން ކުލަބަކުން ކޯޗު ހޯސޭ މޮރީނިއޯ ހޯދުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.