އިނގިރޭސި ގައުމީ ފުޓްބޯޅަ ޓީމްގެ ކުރީގެ ކެޕްޓަން ސްޓީވަން ޖެރާޑް ސައުދީ އަރަބިއްޔާގެ ކްލަބް އަލް އިއްތިފާގްގެ ކޯޗްކަމާ ހަވާލުވެއްޖެއެވެ.

އުމުރުން 43 އަހަރުގެ ޖެރާޑް މި މަގާމަށް ހަމަޖެއްސީ މިއަދެވެ.

ލިވަޕޫލް އަށް ކުޅެފައިވާ ޖެރާޑް އެންމެ ފަހަކަށް މަސައްކަތްކުރީ އެސްޓަން ވިލާ ޓީމްގެ ކޯޗެއްގެ ގޮތުގައެވެ. ނަމަވެސް، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގައި އެސްޓަން ވިލާއިން ވަނީ އޭނާ އެ މަގާމުން ވަކިކޮށްފައިއެވެ. އެއަށްފަހު، ޖެރާޑް އެއްވެސް ޓީމަކަށް ކޯޗްކަން ކޮށްދީފައިނުވެއެވެ.

ޖެރާޑް އަލް އިއްތިފާގްގެ ކޯޗް ކަމާއި ހަވާލުވެފައިވަނީ ދެ އަހަރު ދުވަހަށް ދިގުދެމިގެންދާ އެއްބަސްވުމެއްގައި ސޮއިކުރުމަށްފަހުއެވެ.

ފްރާންސްގެ ކޯޗު ޕެޓްރިސް ކާޓަރޮން މިދިޔަ ފެބްރުއަރީ މަހު އެ ކްލަބުގެ މަގާމު ދޫކޮށްލި ފަހުން އަލް އިއްތިފާގުން ކުޅެމުން ދިޔައީ ދާއިމީ ކޯޗެއް ނެތިއެވެ. އެންމެ ފަހު ސީޒަންގައި އަލް އިއްތިފާގު އޮތީ ސައުދީ ޕްރޯ ލީގުގެ ހަތް ވަނައިގައިއެވެ. އަލް އިއްތިފާގާއި 35 ޕޮއިންޓްގެ ފަރަގަކާއިއެކު ލީގް ކާމިޔާބުކޮށްފައިވަނީ އަލް އިއްތިހާދް ފުޓްބޯޅަ ކްލަބުންނެވެ.

ޖެރާޑް ފުޓްބޯޅަ ކުޅުން ހުއްޓާލީ 2016 ވަނަ އަހަރުގައިއެވެ. 2018 ވަނަ އަހަރުގައި އޭނާ ކޯޗްކަން ކުރަން ފެށީ ސްކޮޓްލޭންޑްގެ ކްލަބް ރޭންޖަރސްގައި މަސައްކަތް ކުރުމަށް ފަހުއެވެ. ޖެރާޑްގެ ކޯޗްކަމުގެ ދަށުން ދިހަ އަހަރުގެ އިންތިޒާރަކަށްފަހު 2020-21 ވަނަ ސީޒަންގައި ސްކޮޓްލޭންޑް ލީގްގެ ތަށި އެ ކްލަބަށް ހާސިލުކުރެވުނެވެ.

މި ފަހަކަށް އައިސް، ސައުދީ އަރަބިއްޔާއިން ދަނީ އެ ގައުމުގެ ފުޓްބޯޅަ ކުރިއެރުވުމަށް ޔޫރަޕްގެ ފުޓްބޯޅައިގެ ދުނިޔޭގައި އެންމެ ފާހަގަކޮށްލެވޭ ނަންތައް އެ ގައުމަށް އައުމަށް ދައުވަތު އަރުވަމުންނެވެ. އޭގެ ތެރެއިން ސައުދީއަށް އެންމެ ފުރަތަމަ ބަދަލުވީ މަޝްހޫރު ތަރިއަކީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.