އާޖެންޓީނާގެ ތަރި ލިއޮނަލް މެސީއާއެކު އެއް ޓީމަކަށް ކުޅުމަކީ އޭނާއަށް ލިބުނު ފަޙުރެއް ކަމަށާއި، މެސީ ފްރާންސްގެ ޕީއެސްޖީ ދޫކޮށް ދިއުމަކީ ހިތާމަވެރި ހަބަރެއް ކަމަށް އެޓީމުގެ ފޯވާޑް ކިލިއަން އެމްބާޕޭ ބުނެފިއެވެ.

މެސީ ވަނީ މި ސީޒަނަށްފަހު ޕީއެސްޖީ ދޫކޮށްލަން ނިންމާފައެވެ. އެ ނިންމުން މެސީ ނިންމި ނަމަވެސް، ޕީއެސްޖީން ބޭނުންވީ އޭނާގެ އެއްބަސްވުން އައު ކުރުމަށެވެ. ޕީއެސްޖީ ދޫކޮށްލުމަށް ފަހު މިހާރު މެސީ ވަނީ އެމެރިކާ ލީގުގެ އިންޓަ މިއާމީ އަށް ބަދަލުވާން ނިންމައިފަ އެވެ.

އެކަމާއި ގުޅޭ ގޮތުން ވާހަކަ ދައްކަމުން އެމްބާޕޭ ބުނީ، މެސީ އަކީ ފުޓުބޯޅައިގެ ތާރީޚުގައި ވެސް ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމަށެވެ. އެހެންކަމުން މެސީ ފަދަ ކުޅުންތެރިޔަކު ޕީއެސްޖީ ދޫކޮށްލަން ނިންމި ޚަބަރަކީ އުފާވެރި ޚަބަރެއް ނޫން ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

"ޕީއެސްޖީ ދޫކޮށްލަން މެސީ ނިންމުމާއެކު، އެހާ ގިނަ ބަޔަކަށް ހިތްހަމަ ޖެހުމާއި، އުފާވެރިކަން ލިބެނީ ކީއްވެ ކަމެއް އަހަންނަކަށް ނޭނގޭ. އަހަރެން ގަބޫލް ކުރާ ގޮތުގައި ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު. ހަގީގަތުގައި މެސީއާއެކު އެއްޓީމަކަށް ކުޅުމުގެ ފުރުސަތު ލިބުމަކީ އަހަންނަށް ލިބުނު ފަޚުރެއް،" އެމްބާޕޭ ބުންޏެވެ.

މީގެ އިތުރުން މެސީ ޕީއެސްޖީގައި ހޭދަ ކުރި ދެ އަހަރަކީ އެމްބާޕޭ އަށް ވަރަށް އުފާވެރި ދެ އަހަރު ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

މިސީޒަނުގެ ފްރާންސް ލީގުގައި އެމްބާޕޭ ޖެހި 29 ގޯލާއެކު ޖެހިޖެހިގެން ފަސްވަނަ ފަހަރަށް އޭނާ ވަނީ ލީގުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދައިފައެވެ. ޕީއެސްޖީން މިސީޒަނުގެ ފްރާންސް ލީގު ޗެމްޕިއަންކަން ހޯދި ނަމަވެސް، އެމްބާޕޭ ހުރީ މުޅިން ހިތްހަމަޖެހިފައެއް ނޫނެވެ.

ހަމައެހެންމެ، ޕީއެސްޖީއާއެކު މިހާރު އެމްބާޕޭ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އެހެންކަމުން އެ އެއްބަސްވުން އިތުރަށް އައު ކުރަން ބޭނުންނުވާ ކަމަށް އެމްބާޕޭ ވަނީ ޕީއެސްޖީއަށް އަންގާފަ އެވެ.