ޖަރުމަންގެ ބާލިންގައި މިހާރު ކުރިއަށްދާ ސްޕެޝަލް އޮލިމްޕިކްސް ވޯލްޑް ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ބެޑްމިންޓަން ކުޅުންތެރިޔާ އައިޝަތު މާނިޔާ އާދަމް، ރަން މެޑަލް ހޯދައިފިއެވެ.

ރާއްޖޭގެ ގައުމީ ބެޑްމިންޓަން ޓީމުގައި ހިމެނޭ އައިޝަތު އަފްނާން ރަޝީދު (ނާނު) ގެ އިރުޝާދުގެ ދަށުން މާނިޔާ ވަނީ މި މުބާރާތުގައި މޮޅު ކުޅުމެއް ދައްކާފައެވެ. މުބާރާތުގެ ފައިނަލަށް މާނިޔާ ދަތުރު ކުރީ ޖޯޑަން އާއި މޮންގޯލިއާ ކުޅުންތެރިން ބަލިކޮށްފައެވެ.

މާނިޔާ ރަން މެޑަލް ހޯދީ މިއަދު ކުޅުނު ފައިނަލް މެޗުގައި ބަލްގޭރިއާގެ ތިޔަންކަ ޖޯޖީވާ އާ ވާދަކޮށް ސީދާ ދެ ސެޓުން މެޗު ކާމިޔާބު ކޮށްގެންނެވެ. މާނިޔާ ސެޓްތައް ކާމިޔާބު ކުރީ 21-19 އަދި 21-10 އިންނެވެ.

މި ރަން މެޑަލް އަކީ ރަސްމީ ސިފައެއްގައި ސްޕެޝަލް އޮލިމްޕިކްސް ވޯލްޑް ގޭމްސްގައި ވާދަކުރަން ފެށިފަހުން ރާއްޖޭން ހޯދި ދެވަނަ ރަން މެޑަލް އެވެ. އެންމެ ފުރަތަމަ 2019 ވަނަ އަހަރުގެ މުބާރާތުގެ ނިއު ނޭޝަންސް ކެޓަގަރީގެ އަންހެނުންގެ 100 މީޓަރު ދުވުމުން ރާއްޖޭގެ ޝިފްނާ އިބްރާހިމް ރަން މެޑެއްޔެއް ހޯދިއެވެ.

މިއީ ސްޕެޝަލް އޮލިމްޕިކްސްގައި ރާއްޖޭން ބެޑްމިންޓަންގައި ވާދަކުރި ފުރަތަމަ ފަހަރެވެ. ރާއްޖޭގެ މުހައްމަދު ރާއިފް ޝަރީފް މިއަދު ކުޅޭނީ ފިރިހެން ޑިވިޝަންގެ ތިންވަނަ ހޮވާ މެޗުގައެވެ.