ޕްރިމިއާ ލީގުގެ ކްލަބް ވެސްޓްހަމް ޔުނައިޓެޑަށް ކުޅެމުން އަންނަ އިންގްލެންޑްގެ މިޑްފީލްޑަރު ޑެކްލަން ރައިސް ހޯދަން މެންޗެސްޓާ ސިޓީން ކުރި ބިޑް ބަލައިގެންފައި ނުވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި މެންޗެސްޓާ ސިޓީން ހުށަހަޅާފައި ވަނީ 80 މިލިއަން ޕައުންޑާއެކު އެޑްއޮންސްގެ ގޮތުގައި 10 މިލިއަން ޕައުންޑްގެ ފީއެކެވެ. އެކަމަކު، މިއީ ވެސްޓްހަމް އިން ހިތްހަމަ ޖެހޭ ވަރުގެ ފީއަކަށް ނުވިއެވެ.

އާސެނަލް އިން ވެސް ވަނީ ދާދި ފަހުން 75 މިލިއަން ޕައުންޑާ އެކު އެޑްއޮންސްގެ ގޮތުގައި 15 މިލިއަން ޕައުންޑްގެ ފީއެއް ހުށަހަޅައިފައެވެ. އެ ބިޑް ވެސް ވެސްޓްހަމް އިން ބަލައިނުގަނެއެވެ.

ވެސްޓްހަމް އިން ބޭނުން ވަނީ 100 މިލިއަން ޕައުންޑްގެ އަގެއް ދޭ ބަޔަކަށް ރައިސް ދޫކޮށްލާށެވެ. އަދި ވަރަށް އަވަހަށް އާސެނަލް އިން އެ އަގު ހުށަހަޅާނެ ކަމަށްވެއެވެ. ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި ކުރިއަށް އޮތް 48 ގަޑިއިރު ތެރޭގައި އާސެނަލް އިން ބިޑް ކުރާނެއެވެ.

އާސެނަލް އިން ޑެކްލަން ރައިސް ގެންދިއުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދާ އިރު ވާދަވެރި މެންޗެސްޓާ ސިޓީ އާއި ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑުން ވެސް ރައިސް ގެންދަން ބޭނުންވެއެވެ.

އިންގްލެންޑްގެ ގައުމީ ޓީމުގައި މުހިންމު ރޯލެއް އަދާ ކުރަމުން އަންނަ ރައިސްއަކީ ދުނިޔޭގައި އުފެދުނު އެންމެ މޮޅެތި މިޑްފީލްޑަރުންގެ ތެރެއިން އެއް ކުޅުންތެރިޔާއެވެ. ރައިސް ވަނީ ޗެމްޕިއަންސް ލީގު ކުޅެން ބޭނުންވާ ކަން މީގެކުރިން ހާމަކޮށްފައެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ރައިސް ބޭނުން ވަނީ ބޮޑު ކުލަބަކަށް ބަދަލުވެ، ކާމިޔާބީތަކެއް ހޯދާށެވެ. އަދި ވެސްޓްހަމްގައި ހުރެގެން އެ ކާމިޔާބީތައް ހޯދުމުގެ ފުރުސަތު ނެތް ކަމަށް އޭނާ ގަބޫލު ކުރެއެވެ.