ޕްރިމިއާ ލީގުގެ ކްލަބް ވެސްޓްހަމް ޔުނައިޓެޑަށް ކުޅެމުން އަންނަ އިންގްލެންޑްގެ މިޑްފީލްޑަރު ޑެކްލަން ރައިސް ގެންދިއުމަށް މެންޗެސްޓާ ސިޓީން ފުރަތަމަ ފަހަރަށް ބިޑެއް ހުށަހަޅައިފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި މެންޗެސްޓާ ސިޓީން ހުށަހަޅާފައި ވަނީ 80 މިލިއަން ޕައުންޑާއެކު އެޑްއޮންސްގެ ގޮތުގައި 10 މިލިއަން ޕައުންޑްގެ ފީއެކެވެ. އެކަމަކު، މިއީ ވެސްޓްހަމް ޔުނައިޓެޑުން ހިތްހަމަޖެހޭ ވަރުގެ އަދަދެއް ކަމަކަށް ނުބެލެވެއެވެ. އެއީ ވެސްޓްހަމް އިން ބޭނުން ވަނީ 100 މިލިއަން ޕައުންޑެވެ.

ޑެކްލަން ރައިސް ހޯދުމަށް އެންމެ ގަދައަށް މަސައްކަތް ކުރަމުންދަނީ މިދިޔަ ސީޒަންގެ ދެވަނަ ޓީމު އާސެނަލްއިންނެވެ. އާސެނަލްއިން ފުރަތަމަ ހުށައެޅި ދެ ބިޑުވެސް ވެސްޓްހަމްއިން ގަބޫލު ނުކުރި އިރު، ރޭ މެންޗެސްޓަ ސިޓީއިން ބިޑު ކުރުމާއެކު ތިން ވަނަ ބިޑެށް ހުށައަޅަން ތައްޔާރު ވަމުންދާ ކަމުގައި މީޑިއާ ރިޕޯޓުތައް ބުނެއެވެ. އާސެނަލްއިން ހުށަހަޅަނީ 100 މިލިއަން ޕައުންޑާ ގާތް ކުރާ އަދަދެކެވެ.

ވެސްޓް ހަމްއިން ކުރިން ބުނެފައިވާ ގޮތުން ޑެކްލަން ރައިސް ވިއްކާލާނީ 100 މިލިއަން ޕައުންޑަށްވުރެ ބޮޑު ހުށައެޅުމެށް ލިބޭ ކުލަބަކަށެވެ. މިހާރު މެންޗެސްޓަރ ސިޓީ އިން ހުށައަޅާފައި މިވަނީ އާސެނަލްއިން އެންމެ ފުރަތަމަ ހުށައެޅި އަގު ކަމުގައިވާ 90 މިލިއަން ޕައުންޑްއެވެ.

ޑެކްލަން ރައިސް ފާހަގަ ކުރެވިފައިވަނީ މިހާރު ކުޅެމުންދާ މިޑްފިލްޑަރުންގެ ތެރޭގައި ފާހަގަ ކުރެވޭ މޮޅު މިޑްފިލްޑަރެށްގެ ގޮތުގައެވެ. އިނގިރޭސި ގައުމީ ޓީމުގައިވެސް މުހިންމު ދައުރެށް އަދާކުރަމުން ދާއިރު، ޗެމްޕިއަންސް ލީގުގައި ކުޅުމުގެ ޝައުގުވެރިކަން އޭނާ ވަނީ ހާމަކޮށްފައެވެ.