ޕްރިމިއާ ލީގުގެ ކްލަބް ވެސްޓްހަމް ޔުނައިޓެޑަށް ކުޅެމުން އަންނަ އިންގްލެންޑްގެ މިޑްފީލްޑަރު ޑެކްލަން ރައިސް ހޯދަން އާސެނަލް އިން ތިން ވަނަ ބިޑެއް ހުށަހަޅައިފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ރައިސް ހޯދަން އާސެނަލް އިން ހުށަހެޅީ 100 މިލިއަން ޕައުންޑާއި އެޑްއޮންސްގެ ގޮތުގައި ފަސް މިލިއަން ޕައުންޑްގެ ފީއެކެވެ. މިއީ ވެސްޓްހަމް އިން ބޭނުންވާ އަދަދެވެ. އެ ޓީމުން އޮތީ 100 މިލިއަން ޕައުންޑަށް ވުރެ ބޮޑު އަގެއް ހުށަހަޅާ ބަޔަކަށް ރައިސް ދޫކޮށްލާށެވެ.

މެންޗެސްޓާ ސިޓީން ރައިސް ހޯދަން 80 މިލިއަން ޕައުންޑާއި އެޑްއޮންސްގެ ގޮތުގައި 10 މިލިއަން ޕައުންޑްގެ ފީއެއް ހުށަހެޅި ނަމަވެސް ވެސްޓްހަމް އިން އިއްޔެ ވަނީ އެ ބިޑް ބަލައިނުގެންފައެވެ. އަދި ރިޕޯޓުތައް ބުނާ ގޮތުގައި ސިޓީން ވަނީ ރައިސް ހޯދަން އިތުރު ބިޑެއް ހުށަނާޅަން ނިންމައިފައެވެ.

އެހެންކަމުން ކުރިއަށް އޮތް ސީޒަންގައި ރައިސް ފެނުން ގާތީ އާސެނަލުންނެވެ. އާސެނަލް އާއި ވެސްޓްހަމް އިން މިހާރު މަޝްވަރާތައް ކުރިއަށް ގެންދަނީ އެ ފައިސާ ދައްކާނެ ގޮތަކާ މެދުގައެވެ. މި ހޫނު މޫސުމުގެ ޓްރާންސްފާގައި އާސެނަލް އިން އެންމެ ބޭނުންވާ ކުޅުންތެރިއަކީ ވެސް ރައިސްއެވެ.

ވެސްޓްހަމް އިން މިހާތަނަށް އައިއިރު، އާސެނަލްގެ ބިޑް ބަލައިގެންފައެއް ނުވެއެވެ. އެ ޓީމު މަޑުކޮށްގެން ތިބީ މެންޗެސްޓާ ސިޓީން ހުށަހެޅުމެއް ލިބިދާނެ ކަމުގެ އުންމީދުގައެވެ. އެކަމަކު، ސިޓީން އިތުރަށް ބިޑް ނުކުރަން ނިންމުމާ ގުޅިގެން ވެސްޓްހަމް އިން ވަނީ އިތުރު ވިސްނުމަކަށް ދާން މަޖުބޫރުވެފައެވެ.

ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި އާސެނަލް އިން ބޭނުން ވަނީ އިންސްޓޯލްމަންޓް ގޮތުގައި ދިނުމަށެވެ. އެގޮތުން ފަސް އަހަރަށް ބަހާލައިގެން އެ ފީ ދައްކަން އާސެނަލް އިން ބޭނުންވެއެވެ.

ޑެކްލަން ރައިސް އަށް މިހާ ބޮޑު އަގެއް ހުށަހެޅުމުން އޭނާ ވެގެން ދާނީ އިންގްލެންޑްގެ ދެވަނަ އަށް އެންމެ އަގު ބޮޑު ކުޅުންތެރިޔާއަށެވެ. މީގެކުރިން މެންޗެސްޓާ ސިޓީން ވަނީ އެސްޓަން ވިލާ އަށް ކުޅުނު ޖެކް ގްރީލިޝް ގެނައުމަށް 100 މިލިއަން ޕައުންޑް ހޭދަކޮށްފައެވެ. އަދި އެންމެ ފަހުން ބްރޫޝިއާ ޑޯޓްމަންޑަށް ކުޅުނު ޖޫޑް ބެލިންހަމް ރެއާލް މެޑްރިޑަށް ގެންދިޔައީ 115 މިލިއަން ޕައުންޑް ހޭދަކޮށްފައެވެ.

އިންގްލެންޑްގެ ގައުމީ ޓީމުގައި މުހިންމު ރޯލެއް އަދާ ކުރަމުން އަންނަ ރައިސްއަކީ ދުނިޔޭގައި އުފެދުނު އެންމެ މޮޅެތި މިޑްފީލްޑަރުންގެ ތެރެއިން އެއް ކުޅުންތެރިޔާއެވެ. ރައިސް ވަނީ ޗެމްޕިއަންސް ލީގު ކުޅެން ބޭނުންވާ ކަން މީގެކުރިން ހާމަކޮށްފައެވެ. އަދި އޭނާ އާސެނަލް އަށް ބަދަލުވާން ބޭނުންވާތީ އޭނާ ދޫކޮށްލަން ރަސްމީކޮށް ވެސްޓްހަމްގައި މިއަދު އެދޭނެއެވެ.