ޕްރިމިއާ ލީގުގެ ކްލަބް ކްރިސްޓަލް ޕެލެސްގެ ފޯވާޑް ވިލްފްރީޑް ޒަހާ ތުރުކީގެ ގަލަތަސަރާއީ އަށް ބަދަލުވީ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ޒަހާ، ތުރުކީގެ ކްލަބު ގަލަތަސަރާއީ އަށް ބަދަލުވި ކަން އެ ކުލަބުން ވަނީ އިއުލާންކޮށްފައެވެ. އުމުރުން 30 އަހަރުގެ ފޯވާޑް އެ ކުލަބަށް ބަދަލުވެފައި ވަނީ ހިލޭ ޓްރާންސްފާއެއްގެ ދަށުންނެވެ. ގަލަތަސަރާއީ އިން ޒަހާ އަށް ޝައުގުވެރިކަން ފާޅުކުރީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އޭގެ އެއް ދުވަސް ފަހުން ޒަހާއާއެކު މަޝްވަރާތައް ފަށައި އެންމެ ފަހުން އޭނާއާ އެކުގައި އެއްބަސްވުމަކަށް މިހާރު ވަނީ އައިސްފައެވެ.

ޒަހާ ގެންދިއުމަށް ސައުދީ އަރަބިއްޔާގެ ޕްރޯ ލީގުގެ ކްލަބުތަކުންނާއި ޕީއެސްޖީންނާއި ނަޕޯލީ އާއި ލާޒިއޯ އަދި ގަލަތަސަރާއީއާ ވާދަވެރި ފެނަބާޗޭ އިން ވެސް ޝައުގުވެރިކަން ފާޅުކުރިއެވެ.

ގަލަތަސަރާއީ އަށް ޒަހާ ދިޔަ މައިގަނޑު އެއް ސަބަބަކީ ކުރިއަށް އޮތް ޗެމްޕިއަންސް ލީގުގެ ކޮލިފައިން ރައުންޑްގައި އެ ޓީމަށް ކުޅުމުގެ ފުރުސަތު ލިބިގެން ގޮސްފައިވާތީއެވެ.

ޒަހާ ކްރިސްޓަލް ޕެލެސްގައި ބެހެއްޓުމަށް އެ ކުލަބުން ޒަހާ އަށް ހަފްތާއަކު 200،000 ޕައުންޑްގެ މުސާރައެއް ވެސް ހުށަހެޅިއެވެ. އެކަމަކު، އެ ހުށަހެޅުން ޒަހާ ގަބޫލުކޮށްފައެއް ނުވެއެވެ.

ޒަހާ ވަނީ ކްރިސްޓަލް ޕެލެސް އަށް 458 މެޗު ކުޅެދީ 90 ގޯލް ވަނީ ޖަހައިފައެވެ. އޭނާ ސީނިއާ ޓީމާ ގުޅިފައި ވަނީ 2004 ވަނަ އަހަރުއެވެ. ޒަހާ ވަނީ ދުވަސްކޮޅަކު މެންޗެސްޓާ ޔުނައިޓެޑަށް ވެސް ކުޅެފައެވެ. އެކަމަކު، ފަހުން އަނެއްކާ ވެސް އޭނާ ބަދަލުވީ ކްރިސްޓަލް ޕެލެސްއަށެވެ.