ޕްރިމިއާ ލީގު ވުލްވްސްގެ މެކްސިކޯގެ ފޯވަޑް ރައުލް ހިމެނޭޒް ފުލަމް އަށް ބަދަލުވެއްޖެއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ހިމެނޭޒް، ފުލަމް އަށް ގެންދިޔައީ 5.5 މިލިއަން ޕައުންޑް ދީފައެވެ. ހިމެނޭޒް ވަނީ ވުލްވްސްގެ ޕްރީ ސީޒަން ޓްރެއިނިން ކޭމްޕުން ވަކިވެ ފުލަމްގެ މެޑިކަލް ހެދުމަށް އިނގިރޭސި ވިލާތުގެ ލަންޑަނަށް ގޮސް މެޑިކަލް ވެސް ފުރިހަމަކޮށްފައެވެ.

ފުލަމް އިން ބުނީ ހިމެނޭޒްއާ އެކީގައި ގާއިމު ކުރި އެއްބަސްވުމުގެ ދަށުން 2025 ގެ ނިޔަލަށް އެ ކުލަބުގައި މަޑު ކުރާނެއެވެ. އުމުރުން 32 އަހަރުގެ ހިމެނޭޒް އިތުރު އެއް އަހަރު ކޮންޓްރެކްޓް އާ ކުރުމުގެ ފުރުސަތު ވެސް ދީފައިވެއެވެ.

ފުލަމް ކުޅުންތެރިއެއްގެ ގޮތުގައި ހިމެނޭޒް ވަރަށް އަވަހަށް ދައްކާލުމަށް ހަމަޖެހިފައިވާ އިރު، ޕްރީ ސީޒަން ފަރިތަކުންތަކުގައި އޭނާ ވަރަށް އަވަހަށް ބައިވެރިވާން ފަށާނެއެވެ.

ހިމެނޭޒް ވަނީ މިދިޔަ ސީޒަންގައި ތިން ލަނޑު ޖަހައިފައެވެ. ޕްރިމިއާ ލީގުގައި އޭނާ ކުޅެފައި ވަނީ އެންމެ 15 މެޗެވެ. އަނިޔާގެ ސަބަބުން ޕްރިމިއާ ލީގުގެ ބޮޑު ބައެއް އޭނާއަށް ނުކުޅެވެއެވެ.

ފުލަމަށް ބަދަލުވުމަށް ފަހު ހިމެނޭޒް ބުނީ އެ ޓީމާ ގުޅެން ނިންމުމަކީ އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މި ކުލަބަށް ކާމިޔާބު ހޯދައި ދިނުމުގައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ވެސް ހިމެނޭޒް ބުންޏެވެ.

"އަހަރެން މިހުރީ ވަރަށް އުފަލުން މި ދަނޑުގައި ކުޅެވޭތީ. މިއީ ވަރަށް ރަނގަޅު ދަނޑެއް. އަހަރެންނަށް ވަރަށް ކަމުދޭ. އަހަރެންނަށް ކުރެވުނު ހުރިހާ މަސައްކަތެއް ކުރާނަން ޕްރިމިއާ ލީގުގައި ގޯލް ޖެހުމުގައި،" ހިމެނޭޒް ބުންޏެވެ.