އައިޔޫއެމްއެސްޔޫ ހޭންޑްބޯލް ފިއެސްޓާ 2023 ގެ އަންހެން ޑިވިޝަންގެ ސެމީ ފައިނަލް ކާމިޔާބުކުރުމަށްފަހު، މި މުބާރާތުގެ ފައިނަލުން މިފަހަރުވެސް އެމްއެންޔޫއިން ޖާގަހޯދައިފިއެވެ.

ޔުނިވާސިޓީ އަދި ކޮލެޖްތަކަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ މި މުބާރާތުގެ މިދިޔަ އަހަރުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަނުންނަކީވެސް އެމްއެންޔޫ އެވެ. މިއަހަރުގެ މުބާރާތުން އެ ޓީމު ފައިނަލަށް ދަތުރުކޮށްފައި ވަނީ މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ، ކޮންމެ މެޗެއްވެސް ބޮޑު ތަފާތަކުން ކާމިޔާބުކުރުމަށްފަހު އެވެ.

އައިޔޫއެމްއެސްޔޫ ހޭންޑްބޯލް ފިއެސްޓާ 2023: އެމްއެންޔޫގެ ސަޕޯޓަރުން -- ވަގުތު އިމޭޖްސް

އެމްއައި ކޮލެޖްގެ ސްޓޫޑެންޓް އެސޯސިއޭޝަނާއި ވާދަކޮށް ސެމީ ފައިނަލް އެމްއެންޔޫއިން ކާމިޔާބުކުރީ 27-6 ގެ ނަތީޖާއަކުންނެވެ. މިހާތަނަށް މި މުބާރާތުގައި އެމްއެންޔޫއިން ވަނީ 111 ލަނޑު ކާމިޔާބުކޮށްފަ އެވެ.

ނިމި ދިޔަ ސެމީ ފައިނަލްގައި 12 ލަނޑު ކާމިޔާބުކޮށް އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ އެމްއެންޔޫގެ ޖާޒީ ނަމްބަރު 11 ފިރުޝާނާ ނަސީރު އެވެ. މިއީ އެ މުބާރާތުގައި އޭނާއަށް ކްއީން އޮފް ދަ މެޗްކަން ލިބުނު ދެވަނަ ފަހަރުއެވެ.

އައިޔޫއެމްއެސްޔޫ ހޭންޑްބޯލް ފިއެސްޓާ 2023: ކްއީން އޮފް ދަ މެޗް، ފިރުޝާނާ -- ވަގުތު އިމޭޖްސް

އެމްއެންޔޫއިން ފައިނަލްގައި ވާދަކުރާނެ ޓީމެއް ކަށަވަރުވެގެން ދާނީ މާދަމާ ރޭ 21:30 ގައި ކުޅޭ ސެމީގެ ދެވަނަ މެޗަށްފަހު އެވެ. އެ މެޗުގައި ބައްދަލުކުރާނީ އަންހެން ޑިވިޝަންގެ މެޕްސް އަދި ކްލިކް ކޮލެޖް އެވެ.

އައިޔޫއެމްއެސްޔޫ ހޭންޑްބޯލް ފިއެސްޓާ 2023 ގެ ޓައިޓަލް ސޮޕްންސަރަކީ މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަމެންޓެވެ. ކޯ ސްޕޮންސަރުންނަކީ ރީޖަނަލް އެއާޕޯޓްސް (އާރުއޭސީއެލް)، އެފްއެސްއެމް އަދި އެމްޕީއެލް އެވެ. އެސޯސިއޭޓް ޕާޓްނަރުންނަކީ ސޭލްސްކޯ އަދި ކިއުރާ އެވެ. މީޑީޔާ ޕާޓްނަރަކީ "ވަގުތު" އެވެ. ޕީއާރު ޕާޓްނަރަކީ ސޯސަލް އެވެ. ޑިޖިޓަލް ޕާޓްނަރަކީ ދިރާގު އެވެ. ބެވްރެޖް ޕާޓްނަރަކީ ހޭޕީ މާކެޓް އަދި ކޮކާކޯލާ އެވެ. އެޕެރަލް ޕާޓްނަރަކީ ހެޕްޓާ އެވެ. ޕްރިންޓިންގް ޕާޓްނަރަކީ ގްރެފައިޓްއެވެ.