ޕްރިމިއާ ލީގުގައި ރޭ ޓޮޓެންހަމްއާ ދެކޮޅަށް ކުޅުނު މެޗުން 3-0 އިން މެންޗެސްޓަރ ޔުނައިޓެޑް ބަލިވެއްޖެއެވެ.

ރޭގެ މެޗުން ބަލިވުމުން ޔުނައިޓެޑް މިހާރު އޮތީ ކުޅުނު ތިން މެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގެ 13 ވަނައިގައެވެ. ޓޮޓެންހަމް އޮތީ ކުޅުނު ތިން މެޗުން ވެސް މޮޅުވެ ލިބުނު ނުވަ ޕޮއިންޓާއެކު ލީގުގެ ދެވަނައިގައެވެ. އެއްވަނައިގައި އޮތް ލިވަޕޫލް އަށް ވެސް ނުވަ ޕޮއިންޓު ލިބިފައިވާއިރު އެޓީމަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ.

ޔުނައިޓެޑްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ދެ ޓީމުގެ ފަރާތުން ވެސް ގޯސްތަކެއް ފެނިގެން ގޮސްފައިވާއިރު މި ހާފުގައި ގޯލެއް ކާމިޔާބުކުރަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ޔުނައިޓެޑްގެ ފޯވާދް ރޮމެލޫ ލުކާކޫ އަށެވެ. ނަމަވެސް ޓޮޓެންހަމްގެ ކީޕަރު ކައިރިން ވެސް ނައްޓާލުމަށްފަހު ލުކާކޫ ފޮނުވާލި އެ ހަމަލާ ވަނީ ގޯލާ އަމާޒުވާ ގޮތް ނުވެފައެވެ.

ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވި ނަމަވެސް މެޗުގެ 50 ވަނަ މިނެޓްގައި ހެރީ ކޭން ވަނީ ޓޮޓެންހަމް އަށް މެޗުގެ ލީޑު ނަގާދީފައެވެ. އަދި އޭގެ ދެ މިނެޓްފަހުން ކްރިސްޓިއަން އެރިކްސަން ދިން ޕާހަކުން ލޫކަސް މޯރާ ވަނީ އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީ ޔުނައިޓެޑް ޕްރެޝަރަށް ވައްޓާލާފައެވެ.

ގޯލްޖަހާނެ މާ ރަނގަޅު ފުރުސަތުތަކެއް ދެވަނަ ހާފްގައި ޔުނައިޓެޑަށް ތަނަވަސްކުރެވިފައި ނުވާއިރު މެޗުގެ 84 ވަނަ މިނެޓްގައި މޯރާ ވަނީ ޓޮޓެންހަމްގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ.

ރޭގެ މެޗަކީ ޕްރިމިއާ ލީގުގައި ޔުނައިޓެޑް ޖެހިޖެހިގެން ބަލިވި ދެވަނަ މެޗުކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ލީގުގައި އެންމެފަހުން ބްރައިޓަންއާ ބައްދަލުކޮށް 3-2 އިން ޔުނައިޓެޑް ވަނީ ބަލިވެފައެވެ. އަނެއްކޮޅުން މިއީ ޔުނައިޓެޑްގެ ކޯޗު ހޯޒޭ މޮރީނިއޯ ކޯޗުކޮށްދިން ޓީމެއް އަމިއްލަ ދަނޑުގައި އެންމެ ތަފާތު ބޮޑުކޮށް ބަލިވި ފުރަތަމަ ފަހަރުވެސް މެއެވެ.

ލީގުގައި ޔުނައިޓެޑް ދެން ބައްދަލުކުރާނީ ބާންލީއާއެވެ. ޓޮޓެންހަމް ނިކުންނާނީ ވޮޓްފޯޑްއާ ދެކޮޅަށެވެ.