އިންޑޮނޭޝިއާގައި ކުރިއަށްދާ އޭޝިއަން ގޭމްސްގެ ފުޓުބޯޅަ އިވެންޓްގެ ޗެމްޕިއަންކަން ދެކުނު ކޮރެއާއިން ހޯދައިފިއެވެ.

އެ މުބާރާތުގެ ޗެމްޕިއަންކަން ދެކުނު ކޮރެއާއިން ހޯދުމާއެކު ސުކޮޑުގެ ހުރިހާ ކުޅުންތެރިންނަށްވެސް ކޮރެއާގެ ގާނޫނުގައި ބުނާ ދެއަހަރު ދުވަހުގެ މިލިޓަރީ ހިދުމަތުގެ ޑިއުޓީން ވަނީ މާފުވެފައެވެ.

ކޮރެއާގެ ގާނޫނު ބުނާ ގޮތުން ކޮންމެ ފިރިހެނަކުވެސް އުމުރުން 28 އަހަރުވުމުގެ ކުރިން ދެއަހަރު ދުވަހު މިލިޓަރީއަށް ހިދުމަތް ކޮށްދޭން ޖެހެއެވެ. އެހެންނަމަވެސް ކުޅުންތެރިއެއް ބޮޑު މުބާރާތެއް ކާމިޔާބުކޮށްފި ނަމަ، އެކަމުން މާފް ދެވޭނެއެވެ.

މިއަދު ކުޅުނު އޭޝިއަން ގޭމްސްގެ ފައިނަލް ކޮރެއާއިން ކާމިޔާބުކުރީ ޖަޕާނައި ބައްދަލުކޮށް 2-1 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، ނަތީޖާ 0-0 ގައި އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުނީ އިތުރު ވަގުތު ކުޅެގެންނެވެ. އިތުރު ވަގުތުގައި ފުރަތަމަ ދެ ގޯލްވެސް ޖެހީ ކޮރެއާއިންނެވެ. ކޮރެއާއިން ގޯލްތައް ޖެހީ ލީ ސިއުންގް ވޫއާއި ވޭން ހީ ޗޭންއެވެ.

ޖަޕާނުގެ އުޑޭއަޔާސޭ އެޓީމަށް ގޯލެއް ޖަހައި އުންމީދު އާކޮށްދިން ނަމަވެސް ކޮރެއާއިން ފަސްވަނަ ފަހަރަށް އޭޝިއަން ގޭމްސް ކާމިޔާބުކުރިއެވެ.

ޓޮޓެންހަމްއަށް ކުޅެމުން އަންނަ އުމުރުން 26 އަހަރުގެ ސޮން މިލިޓަރީ ހިދުމަތުން ސަލާމަތް ވެފައިވާ އިރު، މެޗު ނިމުމާއެކު ސޮންގެ ލޮލުން ވަނީ އުފާވެރިކަމުގެ ކަރުނަތައް ވަނީ އޮހޮރިގެން ގޮސްފައެވެ.

2014 ވަނަ އަހަރު ދެކުނު ކޮރެއާއިން އޭޝިއަން ކަޕް ކާމިޔާބުކޮށްފައިވީ ނަމަވެސް، އޭރުގެ ސްކޮޑުގައި ސޮން ނުހިމެނެއެވެ.