ރެއާލް މެޑްރިޑު ދޫކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ އިޓަލީގެ ޔުވެންޓަސްއަށް ބަދަލުވީ މި ސީޒަނަށެވެ. މިހާތަނަށް ޔުވެންޓަސްއާއެކު ތިން މެޗު ކުޅެފައިވާ އިރު، އޭނާއަށް އަދި ގޯލެއް ޖެހިފައެއް ނުވެއެވެ.
ޔުވެންޓަސްއަށް ރޮނާލްޑޯ ގުޅުމާއެކު އޭނާގެ ދަރިފުޅު ރޮނާލްޑޯ ޖޫނިއާ ވަނީ ޔުވެންޓަސްގެ އެކަޑެމީއާ ގުޅި، ކްލަބުގެ ޔޫތު ޓީމަށް ކުޅެން ފަށައިފައެވެ.
އުމުރުން އަށް އަހަރުގެ ރޮނާލްޑޯ ޖޫނިއާ ޔުވެންޓަސް ނުވަ އަހަރުން ދަށުގެ ޓީމަށް ކުޅުނު ފުރަތަމަ މެޗުގައިވެސް އޭނާ ވަނީ ހަތަރު ގޯލް ޖަހައިފައެވެ.
ރޮނާލްޑޯ ޖޫނިއާގެ މޮޅު ކުޅުމަށް މީޑިއާގެ ސަމާލުކަން ހުއްޓިފައިވާ އިރު، މީޑިއާތަކުން ބުނެފައި ވަނީ ރޮނާލްޑޯ ފަދަ ކާމިޔާބު ކުޅުންތެރިއަކަށް އޭނާ ވާނެ ކަމަށެވެ.
ޔުވެންޓަސްއަށް ބަދަލުވިފަހުން ރޮނާލްޑޯއަށް އަދި ގޯލެއް ޖެހިފައި ނުވި ނަމަވެސް، އޭނާއަކީ ޔޫރަޕްގެ ގަދަ ފަސް ލީގުގައިވެސް އެންމެ ގިނައިން ގޯލަށް ހަމަލާ އުފެއްދި ކުޅުންތެރިއާއެވެ.
ރޭގެ މެޗުން 2-1ގެ ނަތީޖާއަކުން ޕާމާ އަތުން ޔުވެންޓަސް މޮޅުވެފައިވާ އިރު، އެމެޗަށް ނުކުތުމުގެ ކުރިންވެސް ރޮނާލްޑޯ ވަނީ 23 ހަމަލާއެއް ނާކާމިޔާބު ކޮށްލާފައެވެ. އަދި ރޭގެ މެޗުގައި ޕާމާ ކޮޅަށްވެސް އޭނާ ވަނީ އަށް ޝޮޓު ހަދައިފައެވެ.
ރޮނާލްޑޯ ޖޫނިއާއާއެކު ޔުވެންޓަސް އެކަޑެމީއަށް ކުޅޭ ކުދިންގެ ތެރޭގައި ކްލައުޑިއޯ މާޗީޝިއޯގެ ދަރިފުޅުގެ އިތުރުން، ބާޒާލީގެ ދަރިފުޅުވެސް ހިމެނެއެވެ.
???????