އެކުވެރިކަމުގެ މެޗެއްގައި ރޭ ސްކޮޓްލޭންޑްގެ މައްޗަށް 4-0 އިން ކުރި ބެލްޖިއަމް އިން ކުރި ހޯދައިފިއެވެ.

ސްކޮޓްލޭންޑްގައި ކުޅުނު މި މެޗުގައި ބެލްޖިއަމްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ 28 ވަނަ މިނެޓްގައި ރޮމެލޫ ލުކާކޫ ވަނީ އެޓީމަށް ލީޑު ނަގާދީފައެވެ. މިއީ ބެލްޖިއަމްގެ ގައުމީ ޓީމަށް ލުކާކޫ ކާމިޔާބުކޮށްދިން 41 ވަނަ ގޯލެވެ.

އަދި ދެވަނަ ހާފްގެ ކުރީކޮޅު ކެޕްޓަން އެޑެން ހަޒާޑް ވަނީ ރީތި ގޯލެއް ކާމިޔާބުކޮށްދީ ބެލްޖިއަމްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. ބެލްޖިއަމްގެ ތިންވަނަ ގޯލު މެޗުގެ 52 ވަނަ މިނެޓްގައި މިޗީ ބަޓްޝުއާއީ ކާމިޔާބުކޮށްދިންއިރު އޭގެ އަށް މިނެޓްފަހުން އެޓީމުގެ ހަތަރުވަނަ ގޯލު ވެސް ކާމިޔާބުކޮށްދިނީ ބަޓްޝުއާއީއެވެ.

ރޭގެ މެޗުން ސްކޮޓްލޭންޑް ބަލިވިއިރު މިއީ 1973 ވަނަ އަހަރަށްފަހު އަމިއްލަ ގައުމުގައި ކުޅެ ސްކޮޓްލޭންޑް މިހާ ބޮޑު ތަފާތަކުން ބަލިވި ފުރަތަމަ ފަހަރެވެ.

ވޯލްޑް ކަޕްގެ ތިންވަނަ ހޯދި ބެލްޖިއަމް އަށް ކުރިއަށް ދެން އޮތީ އަލަށް ފެށި ޔުއެފާ ނޭޝަންސް ލީގުގެ މެޗެކެވެ. އެ މެޗުގައި އެޓީމު ބައްދަލުކުރާނީ އައިސްލޭންޑާއެވެ.

ޔުއެފާ ނޭޝަންސް ލީގުގައި ހަތަރު ފަންތީގެ ހަތަރު ލީގެއް އޮންނައިރު ކޮންމެ ލީގެއްގައި ހިމެނެނީ ތިން ޓީމު ހިމެނޭ ހަތަރު ގްރޫޕެވެ. އެގޮތުން ބެލްޖިއަމް ލައްވާލާފައިވަނީ މުބާރާތުގެ އެންމެ ވަރުގަދަ ޓީމުތައް ހިމެނޭ ލީގު ކަމަށްވާ އޭ ލީގުގެ ގްރޫޕް ދޭއްގައެވެ. މި ގްރޫޕްގައި ބެލްޖިއަމް އާއި އައިސްލޭންޑުގެ އިތުރުން ދެން ހިމެނެނީ ސްވިޒަލޭންޑެވެ.

ހަތަރު ގްރޫޕުގެ އެއް ވަނަ ހޯދާ ޓީމުތަކުގެ މެދުގައި އިތުރު މުބާރާތެއް އަންނަ އަހަރުގެ ޖޫން މަހު އޮންނާނެއެވެ. އެ މުބާރާތް ފަށާނީ ސެމީފައިނަލާއި ހިސާބުންނެވެ.