އޭއެފްސީ ކަޕުގެ ކޮލިފިކޭޝަނުގައި ރާއްޖޭގެ ކުލަބް އީގަލްސްއާއި ބަންގްލަދޭޝްގެ ޑާކާ އަބަހާނީ ބައްދަލުކުރާ މެޗު ކުޅެން ހަމަޖެހިފައިވާ ތާރީހަށް ޑާކާ އަބަހާނީ ޓީމަށް ނޭޕާލަށް ނުދެވޭނެކަން ހާމަވުމާއެކު މި މެޗު ކުޅެން ހަމަޖެހުނު ތާރީހުގައި ނޭޕާލްގައި ނުކުޅެވުމުގެ ފުރުސަތު ބޮޑުވެއްޖެ އެވެ.

"ވަގުތު" އަށް މައުލޫމާތުދެމުން ނޭޕާލްގެ މަޝްހޫރު ކުޅިވަރު ނޫހެއްގެ ނޫސްވެރިއަކު ބުނީ މި މެޗު ކުޅުމުގެ ފުރުސަތަކަށް އެދި ބަންގާޅުގެ ފުޓުބޯޅަ ފެޑެރޭޝަނުން ނޭޕާލްގެ ފުޓުބޯޅަ އިދާރާއާއި ގިނަ މަޝްވަރާތަކެއް ކުރިކަމަށެވެ. މި މެޗު ކުޅުމުގެ ހުރިހާ ހުއްދަތަކެއް ލިބުނު ނަމަވެސް އެ ތާރީހުގައި މެޗު ނުކުޅެވެނީ ބަންގްލަދޭޝް ފުރަބަންދުކޮށްފައި ވުމުގެ ސަބަބުން ދަތުރުފަތުރުގެ ކަންކަން އެގައުމުގައި މަނާކުރުމާއި ގުޅިގެންނެވެ.

މި މެޗު އެންމެ ފުރަތަމަ ކުޅެން ނިންމާފައިވަނީ ބަންގްލަދޭޝްގައެވެ. ނަމަވެސް އެ ގައުމުގައި ކޮވިޑުގެ ހާލަތު ގޯސްވުމާއި ގުޅިގެން މި މެޗުގައި އެ ގައުމުގައި ކުޅުމުގެ ފުރުސަތު ކަމާބެހޭ އިދާރާތަކުން ދީފައެއް ނުވެއެވެ. އަދި އެ ގައުމުގެ ސަރުކާރުންވެސް މި މެޗު ކުޅުމަށް މާ ބޮޑު އެއްބާރުލުމެއް ނުދޭތީ އޭއެފްސީން ދެން ފުރުސަތު ދިނީ ނިއުޓްރަލް ދަނޑެއްގައި މެޗު ކުޅޭށެވެ. އެއާއެކު ޑާކާ އަބަހާނީ އިން ނިންމީ ނޭޕާލްގެ ދަސަރަތް ސްޓޭޑިއަމްުގައި މެޗު ކުޅޭށެވެ.

ނޭޕާލްގެ ކުޅިވަރު ނޫސްވެރިޔާ ބުނީ މި މެޗު އިންޑިއާގައި ކުޅެވޭތޯ ގިނަ މަސައްކަތްތަކެއް ޑާކާ އަބަހާނީ އިން ކުރަމުންދާ ކަމަށެވެ. ނަމަވެސް އެ ގައުމު ފުރަބަންދުގައި އޮތުމާއި ގުޅިގެން މި މެޗު މިމަހުގެ 25 އަށް ފަސްކޮށްދިނުމަށް ހުށައަޅާފައެވެ.

މީގެކުރިން މި މެޗު ކުޅެން އޮތީ މިމަހުގެ 15 ގައެވެ. ނަމަވެސް މެޗު ކުޅެވޭނެ ތަނެއް ހަމަނުޖެހުމާއި ގުޅިގެން އޭއެފްސީން ވަނީ މި މެޗު މިމަހުގެ 21 ގައި މެޗު ކުޅެންޖެހޭނެ ކަމަށް ނިންމާ އަބަހާނީއަށް ލިޔުން ދީފައެވެ. މެޗު ކުޅޭނެ ތަނެއް އެ ކުލަބަށް ހަމަނުޖެހިއްޖެ ނަމަ ދެން މި މެޗު ކުޅޭނީ ރާއްޖޭގައެވެ.

މިމަހުގެ 25 ގައި މި މެޗު ކުޅޭނެ ތަނެއް ޑާކާ އަބަހާނީއަށް ހަމަނުޖެހިއްޖެ ނަމަ ދެން މި މެޗު ކުޅެން ނިންމާފައިވަނީ އަަންނަ މަހު ރާއްޖޭގައެވެ.

ކުލަބް އީގަލްސް ވަނީ އޭއެފްސީ ކަޕުގެ ކޮލިފިކޭޝަނުގެ ފުރަތަމަ ބުރުގައި ބޫޓާންގެ ޗެމްޕިއަން ތިމްޕޫ ސިޓީ ބަލިކޮށްފައެވެ. މި މެޗު ކުޅެފައިވަނީ މާލޭގައެވެ.