ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެއް ފުޓްސަލް މުބާރާތް، ކްލަބް މޯލްޑިވްސް ކަޕްގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް(އެމްޕީއެލް) ބަލިކޮށް ފެނަކަ ރެކްރިއޭޝަން ކުލަބުން ފުރަތަމަ ފަހަރަށް ތަށި އުފުލާލައިފިއެވެ.

މިއީ މި މުބާރާތުގެ ފައިނަލުގައި ފެނަކަ ކުޅުނު ފުރަތަމަ ފަހަރެވެ. އެމްޕީއެލުން ވަނީ މި މުބާރާތުގެ ތަށި މީގެ ކުރިން ތިން ފަހަރަށް ކާމިޔާބު ކޮށްފައެވެ.

މިރޭ ހުޅުމާލޭ ރެހެނދީ ދަނޑުގައި ކުޅުނު ފައިނަލް މެޗު ފެނަކަ އިން ކާމިޔާބު ކުރީ 1-2 ގެ ނަތީޖާއިން ފަހަތުން އަރާ އެމްޕީއެލް ބަލިކޮށްގެންނެވެ.

ފުރަތަމަ ހާފު ފަށައިގެން ފެނަކަ ޓީމުން އައީ ޓީމު ކުރިއަށް ޖައްސައިގެން ކުޅެ ގިނަ ހަމަލާތައް އުފައްދަން މަސައްކަތް ކުރަމުންނެވެ. އެގޮތުން އެ ޓީމުގެ އަޔާޒް އަހުމަދު(އަޔާ) ހަމަލާ އުފެއްދި ނަމަވެސް އެމްޕީއޭލްގެ ކީޕަރު ތާޑޭ ވަނީ ދިފާއުކޮށްފައެވެ. ފެނަކަ އިން ޓީމު ކުރިއަށް ޖައްސައިގެން ކުޅެނިކޮށް، އޭގެ ފައިދާ ނަގާ ފުރަތަމަ ހާފުގެ ދިހަ ވަނަ މިނެޓުގައި އެމްޕީއެލުން ލީޑު ނެގިއެވެ. މިއީ އެމްޕީއެލްގެ ޝަމާއިލް ގޯލުގެ ކައިރި ކަނަށް ފޮނުވާލި ހަމަލާއެކެވެ. ފެނަކައިގެ ކީޕަރު އަހުމަދު ޒައިދާން އަށް މި ބޯޅަ ދިފާއު ކުރަން އުނދަގޫވީ ބޯޅައިގެ ބާރު ކަމުންނެވެ.

ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް ނަތީޖާ ހަމަހަމަ ކުރަން ރަނުގެ ފުރުސަތެއް ފެނަކަ ޓީމަށް ލިބުނެވެ. މިއީ ފަސް ފައުލު ހަމަވެ ހަ ވަނަ ފައުލާއެކު އެޓީމަށް ލިބުނު ދުރު ޕެނަލްޓީ އެކެވެ. އަޔާ ފޮނުވާލި ހަމަލާ ދިޔައީ ބޭރަށެވެ. އޭގެ ދެ މިނެޓު ފަހުން ފެނަކަ އަށް ލިބުނު ދުރު ޕެނަލްޓީ ވެސް ވަނީ ނާކާމިޔާބުވެފައެވެ.

ދެވަނަ ހާފު ފަށައިގެން ފެނަކަ އިން އައީ ބޯޅަ ހިފަހައްޓައިގެން ކުޅެ ރީތި ޕާސިން ގޭމެއް ކުޅެމުންނެވެ. މެޗުގެ 13 ވަނަ މިނެޓުގައި ފެނަކަ އިން ނަތީޖާ ހަމަހަމަ ކުރީ އަޔާ ގޯލާ އަމާޒުކޮށް ފޮނުވާލި ހަމަލާ ކީޕަރު އަތުގައި ޖެހިފައި އައި ރިބައުންސުންނެވެ. މި ގޯލު މުހައްމަދު އައްޒާމް ކާމިޔާބު ކޮށްދިން އިރު، އޭނާ މި ގޯލު ޖެހުމަށް ފަހު އުފާ ފާޅުކޮށްފައެއް ނުވެއެވެ. ސަބަބަކީ ކުލަބު މޯލްޑިވްސް މުބާރާތްތަކުގައި މީގެ ކުރިން އެމްޕީއެލް ޓީމަށް އައްޒާމް ކުޅެފައި ވާތީއެވެ.

މި ހާފުގައި އަޔާގެ ޖާދޫގައި ޖެހި އެމްޕީއެލްގެ ގިނަ ކުޅުންތެރިން ކައިރިން ފަސޭހާއިން ނެއްޓުމަށްފަހު ގިނަ ހަމަލާތަކެއް އުފެއްދިއެވެ. މެޗު ނިމެން އެންމެ 30 ސިކުންތަށް ވެފައި ވަނިކޮށް އަޔާ ގޯލާ ދިމާލަށް ފޮނުވާލި ހަމަލާ އެމްޕީއެލްގެ ކީޕަރު ތާޑޭ އަތުގައި ޖެހި އޭރިއާ ތެރެއަށް ބޯޅަ ހުއްޓުނެވެ. މި ބޯޅަ ފޮނުވާލީ ހުސައިން ޝަރީފް(އޮންލީ) ގޯލުގެ ތެރެއަށެވެ. މިއީ މި މުބާރާތުގައި އޭނާ ޖެހި 13 ވަނަ ގޯލު ކަމަށްވާއިރު އޮންލީ ވަނީ މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމް ހާސިލްކޮށްފައެވެ.

މި ގޯލާއެކު ފެނަކަ ޓީމުން މެޗު ނިންމާލިއިރު، މިއީ ފެނަކަ ޓީމަށް މި މުބާރާތުގައި ލިބުނު ފުރަތަމަ ތައްޓެވެ. މިދިޔަ އަހަރުގެ ސެމީ ފައިނަލުގައި ފެނަކަ ކުޅުނު ނަމަވެސް އެޓީމު ވަނީ މުބާރާތުން ކަޓާފައެވެ.

ފެނަކަ ޓީމުގެ ކޯޗު އަބޯ ފާހަގަ ކުރިގޮތުގައި މި ކާމިޔާބީ ފެނަކައަށް ލިބުނީ ދުރާލާ ފަރިތަކުރުންތައް ކުރިއަށް ގެންގޮސް ފެނަކައިގެ އިސްވެރިންނާއި މެނޭޖުމެންޓުން ދިން ފުރިހަމަ އެއްބާރު ލުމުންނެވެ.

މި މުބާރާތުގެ އެންމެ ޝަރަފުވެރި މަގާމް ކިންގް އޮފް ފުޓްސަލް ކާމިޔާބު ކުރީ ގދ. ވާދޫ އަށް އުފަން އަޔާޒް އަހުމަދެވެ. އޭނާ ވަނީ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދާފައެވެ.

މި އަހަރުގެ އެންމެ ރަނގަޅު ސަޕޯޓިން ޓީމަކަށް ހޮވުނީ ރޯޑް ރެކްރިއޭޝަން ކްލަބް(އާރްއާރްސީ)އެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޙަަަހަ

    ރެފްރީންގެ އެއްވެސް އިންސާފެއްނެތް ، އަދި އެބައުޅޭ ކާޑްނޫން އެއް ނުދައްކާ ރެފްރީއެއްވެސް ، އެމްޕީއެލް ގޯލް ޖެހިއިރުވެސް އޮންލީ ސީދާ ދައްފާ ލާފައިނީވެސް ، ސީދާ ރަތެއް އެއީ ، އޭގެ ކުރިން އަޔާ ކުރިފައުލުވެސް ސީދާ ފަހަތުން ކަނޑާލީ އެކަމަކު ޖެހުމެއް އެކަނި ދިނީ ، މިވަރު މެޗެއްގައި އިންސާފްނެތިއްޔާ ވާނީ މިހެން

    5
    2
  2. ހަދީޖާ

    މިވެސް ބްރޭކިން ނިއުސް އެއް؟ ލޮލް!

  3. ރާއްޖެމީހާ

    އޮންލީ ވަރެއް ނެތް ! ހީ އިޒް ދަ ބެސްޓު ..

    1
    1
  4. މަހުދީ

    ތަށި ހޯދިއިރު އެމްޑީ އޮތީ ރައީސް ޔާމީން އުޅުއްވާ ނޫޅުއް ާާގޮތްބަލަން ގޮސް އައްޑޫގައި.. ހުރިހާ ކުންފުނި އެމްޑީ
    ެން ހަމަ ބިރުން ތެޅެނީ.