ގައުމީ ޔޫތު ޗެމްޕިއަންޝިޕް 2023 ގެ އަންހެނުންގެ ޓީ20 ކްރިކެޓް ޝިލްޑް ޗެމްޕިއަންކަން ލ. ކުނަހަންދޫ އަންހެން ޓީމު ހޯދައިފިއެވެ.

އަންހެނުންގެ ޓީ20 ޝީލްޑް ފައިނަލްގައި ކުނަހަންދޫ ޓީމުން ވަނީ 36 ލަނޑުން ފުވައްމުލަކު ޓީމު ބަލިކޮށްފައެވެ.

މި އޮކްޓޫބަރު މަހުގެ 16 އިން 20 ގެ ނިޔަލަށް ކުރިއަށްދިޔަ މުބާރާތުގައި ކުނަހަންދޫ އަންހެން ޓީމުގެ އިތުރުން ދެން ވާދަކުރީ، މާލޭ ސިޓީގެ އަންހެން ޓީމާއި، ފުވައްމުލަކު އަންހެން ޓީމެވެ.

އެކުވެނި ކްރިކެޓް ދަނޑުގައި މިއަދު ކުޅުނު ގްރޭންޑް ފައިނަލް މެޗުގައި ޓޮސް ދިމާވުމުން ފުވައްމުލަކު އަންހެން ޓީމުން ގަސްދުކުރީ ހޮވަން އަރާށެވެ. ކުނަހަންދޫ ޓީމުން ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި ފަސް ވިކެޓަށް 125 ލަނޑުހެދިއެވެ.

ކުނަހަންދޫ އަންހެން ޓީމާ ދެކޮޅަށް ފުވައްމުލަކު އަންހެން ޓީމު ކުޅުނު މެޗުގެ ތެރެއިން. --ފޮޓޯ: ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް

ކުނަހަންދޫ ޓީމަށް އެންމެ ރަނގަޅަށް ކުޅުނު ސުމައްޔާ ހަމީދު ވަނީ ނުބައިނުވެ 61 ބޯޅައިން 76 ލަނޑު ހަދައިފައެވެ. މި އިނިންގްސްގައި ސުމައްޔާ ވަނީ 11 ފަހަރު ހަތަރަކަށް ޖަހައި، ދެ ފަހަރު ހަޔަކަށް ޖަހައިފައެވެ. އެ ޓީމުން ދެން އެންމެ ރަނގަޅަށް ކުޅުނީ ފާތިމަތު މަލްހާއެވެ. އޭނާ ނުބައިވީ 13 ލަނޑަށެވެ. މި އިނިންގްސްގައި ފުވައްމުލަކު ޓީމުގެ ފާތިމަތު އަނާލް އާއި ފާތިމަތު މާހާ ދެ ވިކެޓްނެގިއިރު، އައިޝަތު އައިމާ ވިކެޓެއް ނެގިއެވެ.

ޖަވާބުގައި ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި ހަތް ކުޅުންތެރިން ނުބައިވެގެން ފުވައްމުލަކު ޓީމަށް ހެދުނީ 89 ލަނޑެވެ. އެ ޓީމުގެ ކެޕްޓަން، އައިޝަތު އައިމާ ވަނީ 22 ބޯޅައިން 16 ލަނޑު ހަދައިފައެވެ. ދެން އެންމެ ރަނގަޅަށް ކުޅުނު މަރިޔަމް ސަމާ 13 ލަނޑުހެދިއިރު، ނާދިޔާ ޔޫސުފް ނުބައިވީ 11 ލަނޑަށެވެ.

މެޗުގެ ދެވަނަ އިނިންގްސްގައި ކުނަހަންދޫ ޓީމުގެ ނަބާ ބިންތި ނަސީމް އާއި ހަލީމަތު ލައިޝާގެ އިތުރުން ފާތިމަތު މަލްހާ އާއި ހައްވާ އިފާސާ އަދި ސުމައްޔާ ހަމީދު ކުރެން ކޮންމެ ކުޅުންތެރިއަކު ވިކެޓެއްނެގިއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކުނަހަންދޫ ޓީމުގެ ސުމައްޔާ އެވެ.