ޗެލްސީގެ އެންމެ އުންމީދީ ކުޅުންތެރިޔާ ކޯލް ޕާމާ ފަރިތަކުރުންތަކުގައި ބައިވެރިވާން ފެށުމާ އެކުގައި އެ ޓީމަށް ބޮޑު ހިތްވަރެއް ލިބިއްޖެއެވެ.

ޕްރިމިއާ ލީގުގައި މިދިޔަ ބުދަ ދުވަހުގެރޭ ޗެލްސީން އާސެނަލްއާ ދެކޮޅަށް ބައްދަލު ކުރި މެޗުގައި ޕާމާ ނުކުޅެއެވެ. އެ މެޗު 5-0 އިން އާސެނަލް ކާމިޔާބު ކުރިއިރު އުމުރުން 21 އަހަރުގެ ޕާމާ އަށް ނުކުޅެވުނީ ބަލިވުމުގެ ސަބަބުންނެވެ. މި ސީޒަންގައި ޗެލްސީ އަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ އެއް ކުޅުންތެރިއަކީ ވެސް ޕާމާއެވެ.

ޕާމާ އަށް މިދިޔަ މެޗުގައި ނުކުޅެވުނު ނަމަވެސް އިއްޔެ އިން ފެށިގެން އޭނާ ވަނީ ޗެލްސީގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފައެވެ. އަދި ލީގުގައި އަންނަ ހޮނިހިރު ދުވަހު އެސްޓަން ވިލާއާ ދެކޮޅަށް ކުޅޭ މެޗުގައި ޕާމާ ފެނުނު ގާތް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޗެލްސީން ޔޫރަޕް ފުޓްބޯޅަ އަށް އުންމީދު ކުރާ ނަމަ، ޕްރިމިއާ ލީގުގެ ބާކީ ހުރި މަދު މެޗުތަކުން ޗެލްސީ މޮޅާން ޖެހޭނެއެވެ.

މެންޗެސްޓާ ސިޓީން 42 މިލިއަން ޕައުންޑްގެ އަގެއްގައި ޗެލްސީއާ ގުޅުނު ޕާމާ ވަނީ މި ސީޒަންގައި ޗެލްސީ އަށް 20 ލަނޑު ޖަހައިފައެވެ. ޕާމާ އާ ބެހޭ ގޮތުން ޗެލްސީގެ ކޯޗު މޮރީޝިއޯ ޕޮޗެޓީނޯ ޕްރީ މެޗު ކޮންފަރެންސްގައި ވާހަކަ ދައްކާނެ ކަމަށް ބެލެވެއެވެ.