ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅެމުން އަންނަ ނޯވޭގެ ތަރި އާލިން ހާލަންޑް އަކީ ތަފާތު މޮޅު ކުޅުންތެރިއެއް ކަމަށާއި އެއީ މުސްތަގްބަލް އޮތް ވަރުގަދަ ކުޅުންތެރިއެއް ކަމަށް މެންޗެސްޓަ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

ގާޑިއޯލާ މިހެން ބުނީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި މިރޭ ސިޓީގެ ދަނޑުގައި ޑޯޓްމަންޑާއި ސިޓީ ކުޅޭ މެޗުގެ ކުރިން ވާހަކަދައްކަމުންނެވެ. މި މެޗު ކުޅޭނީ ރާއްޖެގަޑިން މިރޭ 00:00 ގައެވެ.

މި ސީޒަނަށްފަހު ސިޓީގެ ތަރި އަގުއެރޯ އެ ކުލަބް ދޫކޮށްލާއިރު، ގިނަބަޔަކު ބުނާގޮތުގައި ސިޓީން ދެން ގެންނާނެކަމަށް ބެލެވޭ އެއް ކުޅުންތެރިއަކީ ހާލަންޑްއެވެ. މި ސުވާލު ނޫސްވެރިން ކުރުމުން ގާޑިއޯލާ ދިނީ ނުސީދާ ޖަވާބެކެވެ. ގާޑިއޯލާ ބުނީ ކުލަބުން ބޮޑު ހަރަދުކޮށްގެން ކުޅުންތެރިން ގެނައުމުގެ ވިސްނުމެއް އަދި ނެތް ކަމަށާއި ނަމަވެސް ހާލަންޑް އަކީ ތަފާތު މޮޅު ކުޅުންތެރިއެއް ކަމަށެވެ.

"ގިނަވެގެން 100 މިލިއަން ޕައުންޑް ހަރަދުކުރަން މި ކުލަބުން އަދި ވިސްނާފައެއް ނެތް، އެހެންނެއްނޫން މިސާލަކަށް ކުލަބުން އެ އަގުގަ ކުރިޔަށްއޮތް ފަސް އަހަރު ނުވަތަ 10 އަހަރަށް ވިސްނާފަ ކުޅުންތެރިއެއް ގެންނަން ވިސްނަފާނެ އެ ހާލަތު އަތުވެއްޖެ ނަަމަ، އަދި މިހާތަނަށް ކުލަބުގެ ސްޕޯޓިން ޑިރެކްޓަރާ އެހެނިގެން ވެރިންގެ ވިސްނުން އަދި ނެތް އަގުބޮޑުކޮށް ކުޅުންތެރިން ގެންނާކަށް" ގާޑިއޯލާ ބުންޏެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން ހާލަންޑްގެ ރިލީޒް ފީ ޑޯޓްމަންޑުން ވަނީ ބޮޑުކޮށްފައެވެ. އެއާއެކު އޭނާ ހޯދުމަށް މަސައްކަތްކުރަމުން އަންނަ ކުލަބުތަކުން އިތުރު މަސައްކަތްތަކެއް ކުރުމަށް ވަނީ ޖެހިފައެވެ.

މި މެޗާއި ކުރިމަތިލާއިރު ސިޓީގައި އަނިޔާގެ އެއްވެސް މައްސަލައެއް ނެތެވެ. ނަމަވެސް ޑޯޓްމަންޑްގައި އަނިޔާގެ މައްސަލަ އުޅެއެވެ. އެގޮތުން ކުރިން ސިޓީގެ ޔޫތު ޓީމަށް ކުޅުނު ސަންޗޯ އާއި ޑިފެންޑަރ ޑޭންގެ ކަކުލަށް ލިބުނު އަނިޔާގެ އިތުރުން ފޯވާޑް ޔޫސޮފާ މުކޯކޯ އަށް އަނިޔާވުމާއި ގުޅިގެން މި މެޗުން މި ކުޅުންތެރިން ނުފެންނާނެ އެވެ.