ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި އެންމެފަހުގެ ޗެމްޕިއަން ބަޔާން މިއުނިކް އަތުން 3-2 އިން ޕީއެސްޖީ މޮޅުވިއިރު ޕޯޓޯ އަތުން ޗެލްސީ 2-0 އިން މޮޅުވެއްޖެއެވެ.

މިއީ ބަޔާން މިއުނިކް އަށް ވަރަށް ހިތްދަތި ބައްޔެކެވެ. ޕީއެސްޖީ އަތުން ވި ބައްޔާއެކު އެ ޓީމުން 2019 ވަނަ އަހަރުގެ މާރޗުގެ ފަހުން ދަމަހައްޓަމުން އައި މޮޅުވުމުގެ ރެކޯޑަށް ނިމުން އައީ އެވެ.

މި މެޗާއި ކުރިމަތިލިއިރު ޕީއެސްޖީގެ މުހިއްމު ބައެއް ކުޅުންތެރިން ކަމަށްވާ މާކޯ ވެރާޓީ، ސާޖް ގްނަބްރީ ފަދަ ކުޅުންތެރިން ކުޅެފައެއް ނުވެއެވެ. އެއީ މި ކުޅުންތެރިން ކޮވިޑަށް ފައްސިވުމާއި ގުޅިގެންނެވެ. އަދި އަނިޔާއާއި ގުޅިގެން ބަޔާންގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ ރޮބާޓް ލެވަންޑޯސްކީ މި މެޗުގައި ނުކުޅެއެވެ.

މެޗުގައި ފުރަތަަމަ ލަނޑުޖަހައި ލީޑު ނެގީ ޕީއެސްޖީ އެވެ. ނޭމާ ދިން ޕާހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޒުވާން ތަރި ކީލިއަން އެމްބާޕޭއެވެ. މި ލަނޑު ޖަހާފައިވަނީ މެޗުގެ ތިންވަނަ މިނެޓުގަައެވެ. މި ހާފުގައި ޕީއެސްޖީން ލީޑު ފުޅާކުރި ލަނޑު 28 ވަނަ މިނެޓުގައި ކާމިޔާބުކުރީ މާކީނިއޯސް އެވެ. އޭނާ މި ލަނޑު ޖެހީ ނޭމާގެ އެހީއާއެކު އެވެ.

ބަޔާން އިން މެޗުގެ ފަރަގު ކުޑަކުރީ 37 ވަނަ މިނެޓުގައެވެ. ބެންޖަމިން ޕަވާޑްގެ ހުރަހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެރިކް މެކްސިމް ޗޮޕޮ މޯޓިންނެވެ. ފުރަތަމަ ހާފު ނިމުނީ މި ނަތީޖާގައި އޮވެގެންނެވެ.

ދެވަނަ ހާފުގެ 60 ވަނަ މިނެޓުގައި ޖޯޝުއާ ކިމިޗް ތަނަވަސްކޮށްދިން ބޯޅައަކުން ތޯމަސް މުލާ ވަނީ މެޗުގެ ނަތީޖާ ބަޔާންއަށް އެއްވަރުކޮށްދީފައެވެ. ނަމަވެސް ބަޔާން އަށް ޕީއެސްޖީ މި ނަތީޖާގައި ހިފަހައްޓާލެވުނީ މަދު ވަގުތުކޮޅަކަށެވެ. މެޗުގެ 68 ވަނަ މިނެޓުގައި އެމްބާޕޭ ވަނީ ޕީއެސްޖީ މެޗުން މޮޅުވި ލަނޑު ޖަހާފައެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާފަައިނަލުގެ ދެވަނަ ލެގުގައި މި ދެ ޓީމު ބައްދަލުކުރާނީ މިމަހުގެ 13 ގައެވެ. ޕީއެސްޖީގެ ދަނޑުގައި ކުޅޭ މި މެޗުން ޕީއެސްޖީ މޮޅުވެއްޖެ ނަމަ ސެމީފައިނަލުގެ ޖާގައެއް އެ ޓީމަށް ލިބިގެންދާނެ އެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ޕޯޓޯ ބަލިކޮށް، މުބާރާތުގެ ސެމީ ފައިނަލާ ގާތަށް ޗެލްސީ ޖެހިލިއިރު މެޗުގެ 32 ވަނަ މިނެޓުގައި ޖޯޖީނިއޯ ދިން ޕާހަކުން ޗެލްސީއަށް ލީޑު ނަގައިދިނީ މޭސަން މައުންޓެވެ.

މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް ޗެލްސީން ވަނީ ލީޑު ފުޅާކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ ޑިފެންޑަރު ބެން ޗިލްވެލެވެ.މި މޮޅާއެކު ސެމީއާ ގާތަށް ޕީއެސްޖީ ޖެހިލިއިރު، ކުއާޓާގެ ދެވަނަ ލެގު ކުޅޭނީ މި މަހުގެ 13 ވަނަ ދުވަހު ޗެލްސީގެ ދަނޑުގައެވެ.