ދުނިޔޭގެ އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ، ލިއޮނަލް މެސީ ސްޕެއިން ދޫކޮށްލުމާއެކު ލަލީގާ ބްރޯޑްކާސްޓިންގެ އެއްވެސް ކަމެއްގައި އިތުރަށް ދެން ބައިވެރިނުވާން މަޝްހޫރު ޕްރެޒެންޓަރު އަދި ކޮމަންޓޭޓަރު ޖޯ މޮރިސަން ނިންމައިފިއެވެ.

ޖޯ މޮރިސަން އެންމެ ބޮޑަށް ފާހަގަވެގެން ދިޔައީ އިންޑިއާގެ ސޮނީ ޓެން ސްޕޯޓްސް ގްރޫޕުގައި ޔުއެފާ ޗެމްޕިއަންސް ލީގުގެ މެޗުތަކުންނެވެ. އޭނާ ވަނީ ބޮޑެތި މެޗުތަކެއް ދެކުނު އޭޝިއާގައި ތިބި ފުޓުބޯޅަ ސަޕޯޓަރުންނަށް ގެނެސްދީފައެވެ. ހާއްސަކޮށް 2018 ގެ ވޯލްޑްކަޕާއި 2016 ގެ ޔޫރޯ ފާހަގަކޮށްލެވެއެވެ.

ސޮނީ ޓެންގައި ޖޯ މޮރިސަން ޝޯއެއް ހުށައަޅައިދެނީ

ދިވެހިންގެ މެދުގައިވެސް އޭނާ އެންމެ ބޮޑަށް މަގުބޫލުވީ ޗެމްޕިއަންސް ލީގާއި ލަލީގާގެ މެޗުތަކުންނެވެ. އޭނާ އެންމެ ފަހުން ލަލީގާގެ މެޗުތައް ޕްރެޒެންޓުކުރީ ނިމިދިޔަ ސީޒަނުގައެވެ. އެއީ ދެކުނު އޭޝިއާގެ ސަރަހައްދަށް ހާއްސަކޮށް ފޭސްބުކް ލައިވް އިން ގެނެސްދިން ޝޯތަކުންނެވެ. އެ ޝޯތަކުގައި ވެސް އޭނާ މިހާތަނަށް އެންމެ ގިނައިން ތައުރީފުކުރި އެއް ކުޅުންތެރިއަކީ މެސީ އެވެ.

ޖޯ މޮރިސަން ލަލީގާގެ މެޗުތައް ހޯސްޓުކުރަން ފެށީ 2010 ވަނަ އަހަރުގައެވެ. އެއަށްފަހު އޭނާ ވަނީ ދެކުނު އޭޝިއާގެ ކުޅިވަރު އާއިލާއަށް އަމާޒުކޮށް ގިނަ ޝޯތަކެއް ހުށައަޅައިދީފައެވެ. މީގެތެރޭގައި އެންމެ ބޮޑު މަގްބޫލުކަމެއް ލިބިގެންދިޔައީ ޖޯ މޮރިސަންގެ ފުޓުބޯޅަ ޝޯތަކެވެ.

ލަލީގާއާ ދުރަށް ދިޔަކަން ހާމަކުރަމުން ކުރިން ބީބީސީގައި ވެސް މަސައްކަތްކުރި ޖޯ މޮރިސަން މީސްމީޑިއާަގައި އޭނާގެ އެކައުންޓް މެދުވެރިކޮށް ބުނީ މެސީ ދިއުމާއެކު ލަލީގާ ބްރޯޑްކާސްޓުކުރުމުގެ އެއްވެސް ކަމެއްގައި ދެން ހަރަކާތްތެރި ނުވާނެ ކަމަށާއި މިޖީލުގެ އެންމެ ވަރުގަދަ ފުޓުބޯޅަ ހަމަލޮލަށް ބަލަން ލިބުނު ފުރުސަތަކީ ލިބުނު ބޮޑު ނަސީބެއް ކަމަށެވެ.

މިދިޔަ ސީޒަނުގެ ލަލީގާއާއި ގުޅޭ ޝޯއެއް ޖޯ މޮރިސަން ހުށައަޅައިދެނީ

"އަހަންނަށް އެންމެ ފުރަތަމަ މެސީ ފެނުނީ އިންޑިއާގެ ކަލްކަތާގެ ސޯލްޓް ލޭކް ސްޓޭޑިއަމުން، އެންމެ ފަހުން ފެނުނީ ރެއާލް އާއި ބާަސެލޯނާ ކުޅުނު އެލް ކްލަސިކޯ މެޗުން،" ޖޯ މޮރިސަން ބުންޏެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން މެސީ ލަލީގާ ދޫކޮށްލުމާއި އެކު ލީގުގެ އަގު ދަނީ ވެއްޓެމުންނެވެ. އަދި ބްރޯޑްކާސްޓަރުން ވެސް ވަނީ އިތުރު ހިޔާލަކަށް ދާން ޖެހިފައެވެ. އެއީ ލަލީގާގެ މެޗުތައް ދެން ދައްކައިގެން މާ ބޮޑު ފައިދާއެއް ލިބޭނެކަމަށް ނުބެލެވޭތީއެވެ.