ޕްރިމިއާ ލީގުގެ ޗެމްޕިއަން މެންޗެސްޓަ ސިޓީ އަށް ކުޅޭ ބްރެޒިލް ފޯވަޑް ގެބްރިއެލް ޖެސުސް ހޯދުމަށް އާސެނަލް އިން ކުރި 30 މިލިއަން ޔޫރޯގެ ބިޑް ބަލައިނުގަތް ކަމަށް މީޑީއާ ރިޕޯޓުތައް ބުނެފިއެވެ.

ޖެސުސް. 25، ކުރިއަށް އޮތް ޓްރާންސްފާ ބާޒާރުގައި މެންޗެސްޓަ ސިޓީ ދޫކޮށްލަން އުޅޭ ކަމުގެ އަޑުތަކެއް ފެތުރިފައި އޮންނަތާ ދުވަސްތަކެއްވެއްޖެއެވެ. އޭނާ ހޯދުމަށް އެންމެ ބޮޑަށް މަސައްކަތް ކުރާ ކްލަބަކީ ވެސް އާސެނަލްއެވެ. ޖެސުސް އަށް ޗެލްސީ، ރެއާލް މެޑްރިޑް އަދި ޓޮޓެންހަމް ޝައުގުވެރިވެއެވެ.

ނަމަވެސް ރިޕޯޓުތައް ބުނާ ގޮތުން ޖެސުސް ހޯދަން ފުރަތަމަ ފަހަރަށް ބިޑްކޮށްފައި ވަނީ އާސެނަލް އިންނެވެ. އެކަމަކު، މެންޗެސްޓަ ސިޓީން އެ ބިޑް ބަލައިގެންފައި ނުވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޖެސުސް ހޯދުމަށް އާސެނަލް އާއި ސިޓީއާ މަޝްވަރާ ކުރަމުންދާތާ މަސްތަކެއްވެއްޖެއެވެ. އެހެންވެ، އާސެނަލް އިން ތިބީ ޖެސުސް، އެ ޓީމަށް ގެނެވޭނެ ކަމާ މެދުގައި ވަރަށް ބޮޑަށް އުންމީދުކޮށްގެންނެވެ.

މެންޗެސްޓަ ސިޓީން ޖެސުސްގެ އަގަކަށް ކަނޑައަޅާފައިވަނީ 50 މިލިއަން ޕައުންޑެވެ.

ޖެސުސް ސިޓީއާއެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ އޮތީ އެންމެ އަހަރެކެވެ. ބްރެޒިލްގެ ޕަލެމެއިރާސް އިން ޖެސުސް ސިޓީއާ ގުޅުނީ 2017 ވަނަ އަހަރުއެވެ. 27 މިލިއަން ޔޫރޯގެ ފީއެއްގައި ސިޓީއާ ގުޅި މިހާތަނަށް އެ ޓީމަށް 234 މެޗު ޖެސުސް ކުޅެފައިވާއިރު އޭނާ ވަނީ 95 ގޯލް ޖަހައިފައެވެ.

ޖެސުސް އަށް މިހާރު ވެސް ސިޓީގެ ފުރަތަމަ އެގާރައިން ޖާގަ ލިބެނީ މަދު މެޗުތަކެއްގައެވެ. އަނެއްކޮޅުން ބޮރޫޝިޔާ ޑޯޓްމަންޑަށް ކުޅެމުން އައި ނޯވޭގެ ތަރި އާލިންގް ބްރައުޓް ހާލަންޑުގެ ސޮއި ސިޓީން ހޯދާފައިވާއިރު ހާލަންޑް ސިޓީއާ ގުޅުމަކީ ޖެސުސް އަށް ދަނޑުމަތިން ލިބޭ ވަގުތު އިތުރަށް މަދުވެގެންދާނެ ސަބަބެކެވެ.