ޕްރިމިއާ ލީގުގެ ޗެލްސީއަށް ކުޅެމުން އަންނަ ފޯވާޑް ރޮމެލޫ ލުކަކޫ ވިއްކާލުމަށް ފަހު މެންޗެސްޓަ ސިޓީގެ ފޯވާޑް ރަހީމް ސްޓާލިން ގެނައުމަށް ޗެލްސީ މަސައްކަތް ކުރަން ފަށައިފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ބެލްޖިއަމްގެ ގައުމީ ޓީމުގައި ވެސް ހިމެނޭ ލުކަކޫ ގެންދަން އެންމެ ބޮޑަށް މަސައްކަތް ކުރަމުން އަންނަނީ އިންޓަ މިލާނުންނެވެ. ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް އެ ޓީމަށް ގެންދަން އެންމެ ބޭނުންވާ ކުޅުންތެރިންގެ ތެރޭގައި ސްޓާލިން ހިމެނޭ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

އުމުރުން 27 އަހަރުގެ ސްޓާލިން، ސިޓީއާ އެކު ހަދާފައި އޮތް އެއްބަސްވުން އަދި އާކޮށްފައެއް ނުވެއެވެ.

އެކަމަކު، ޗެލްސީ އަށް ސްޓާލިން ގެނެވެން އޮތީ ލުކަކޫ އިންޓަ މިލާނަށް ވިއްކާލައިގެން ކަމަށް ބެލެވެއެވެ. ލުކަކޫ ވިއްކާލުމާ ގުޅޭ މަޝްވަރާތައް ޗެލްސީ އާއި އިންޓަ މިލާންއާ ދެމެދު ކުރިއަށްދާ ކަމަށްވެއެވެ.

ލުކަކޫގެ ކުރިމަގާ މެދުގައި ޗެލްސީގެ ވެރިޔާ އާއި ޗެލްސީގެ ކޯޗާ ދެމެދު މަޝްވަރާތައް ބާއްވާފައިވެއެވެ. އަދި އެންމެ ފަހުން ޗެލްސީ އާއި ލުކަކޫ ވެސް ނިންމާފައި ވަނީ އިންޓަ މިލާނުން 97.5 މިލިއަން ޕައުންޑަށް ގެނައި ލުކަކޫ ވިއްކާލުމަށެވެ. މިދިޔަ އަހަރު ޗެލްސީއަށް ގެނައި ލުކަކޫ އަށް މިދިޔަ ސީޒަންގައި އެންމެ އެކަށީގެންވާ ކުޅުމެއް ދެއްކިފައެއް ނުވެއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ޗެލްސީން ބޭނުން ވަނީ ލުކަކޫ ވިއްކާލައިގެން ލޯން ފީއެއްގެ ގޮތުގައި 20 މިލިއަން ޕައުންޑް ހޯދާށެވެ. އެހެން ނޫނީ ހަފްތާއަކު ލުކަކޫ މުސާރައިގެ 300،000 ޕައުންޑް ހޯދާށެވެ.

އެކަމަކު މިލާނުން ލޯން ފީގެ ގޮތުގައި ދޭން ބޭނުން ވަނީ ހަތް މިލިއަން ޕައުންޑެވެ. މި އަގަށް އަދި އެއްބަސްވެފައި ނުވާތީ ލުކަކޫގެ މުސާރަ ކުޑަ ކުރަން ޖެހިދާނެއެވެ.

ސްޓާލިން ވަނީ މެންޗެސްޓަ ސިޓީގައި ގިނަ ކާމިޔާބީތަކެއް ހޯދައިފައެވެ. އެގޮތުން މިދިޔަ ސީޒަންގައި 47 މެޗު ސިޓީ އަށް ކުޅެދީ، 17 ގޯލް ވަނީ ޖަހައިފައެވެ. އެކަމަކު، ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އެންމެ ޝައުގުވެރިވާ ކުޅުންތެރިންގެ ތެރޭގައި ސްޓާލިން ނުހިމެނެއެވެ.

ސްޓާލިން ސިޓީއާ އެކުގައި ހަދާފައިވާ އެއްބަސްވުން 2023 ވަނަ އަހަރު ހަމަވާނެއެވެ. އެހެންކަމުން ކުރިއަށް އޮތް ސީޒަނާ ދިމާކޮށް ސްޓާލިން ވިއްކާލުމަކީ އެކަށީގެންވާ ކަމެކެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ސްޓާލިން ވިއްކާލާނީ 50-60 މިލިއަން ޕައުންޑާ ދެމެދުގެ އަގެއްގައެވެ. ސްޓާލިން މިދިޔަ އޮކްޓޯބަރު މަހު ވަނީ ސިޓީ ދޫކޮށްލަފާނެ ކަމުގެ އިޝާރާތެއް ދީފައެވެ.