އަންނަ ނޮވެމްބަރު މަހު ގަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުން ޓިއުނީޝިއާ ސަސްޕެންޑް ކުރަން ޖެހިދާނެ ކަމުގެ އިންޒާރު ފީފާ އިން ދީފިއެވެ.

ފީފާ އިން މި އިންޒާރު ދީފައި މިވަނީ، ޓިއުނީޝިއާގެ ފުޓްބޯޅަ ފެޑެރޭޝަން (ޓީއެފްއެފް) އަށެވެ. ޓިއުނީޝިއާ އަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދިނީ އެ ގައުމުގެ ސަރުކާރުން ޓީއެފްއެފް އަށް ވަދެ ނުފޫޒު ފޯރުވާ ފަދަ އަމަލެއް ކުރާ ތަން ފެނިއްޖެ ނަމަ ކަމަށް ވެސް ފީފާ އިން ބުނެފައިވެއެވެ.

މިއީ ޓިއުނީޝިއާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ކުޅޭ ހަ ވަނަ ފަހަރެވެ. އެފްރިކާގެ ގައުމެއް ކަމަށްވާ ޓިއުނީޝީއާ މިފަހަރު ލައްވާލާފައި ވަނީ ގްރޫޕް ޑީގައެވެ. އެ ގްރޫޕްގައި ދެން ހިމެނެނީ ފްރާންސް، އޮސްޓްރޭލިއާ އަދި ޑެންމާކެވެ. މި މުބާރާތުގައި ޓިއުނީޝިއާ ފުރަތަމަ ނުކުންނާނީ އަންނަ ނޮވެމްބަރު 22 ގައި ޑެންމާކާ ދެކޮޅަށެވެ.

ޓިއުނީޝިއާ އަށް ފީފާގެ އިންޒާރު މިއައީ އެ ގައުމުގެ ޔޫތު މިނިސްޓަރު ކަމެލް ޑެގޫޗީ، ޓީއެފްއެފްގެ އަމަލުތަކާ ގުޅިގެންނެވެ. ފީފާގެ ގަވައިދުގައިވާ ގޮތުން އެ ތަނުގެ މެމްބަރު ގައުމުތަކެއްގެ ފުޓްބޯޅަ ފެޑެރޭޝަން އޮންނަން ވާނީ މިނިވަންކަމާ އެކުގައި ހިންގާ ފެޑެރޭޝަނެއްގެ ގޮތުގައެވެ.

މި ގަވައިދާ ހިލާފުވެގެން މީގެކުރިން ކެންޔާ އާއި ޒިމްބާބްވޭ ވަނީ ސަސްޕެންޑްކޮށްފައެވެ. އަދި މިދިޔަ އޮގަސްޓް މަހު އިންޑިއާ ވެސް ވަނީ ސަސްޕެންޑްކޮށްފައެވެ.

މިކަމާ ގުޅިގެން ޓީއެފްއެފް އާއި ފީފާ އިން ވެސް އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. އެކަމަކު، ފީފާ އިން ޓީއެފްއެފް އަށް ސިޓީއެއް ފޮނުވިކަން މީޑިއާތަކުން ކަށަވަރުކޮށްދެއެވެ.

ޓިއުނީޝިއާ ކުޅުނު އެއްވެސް ވޯލްޑް ކަޕް މުބާރާތެއްގައި ގްރޫޕް ސްޓޭޖް ފަހަނަ އަޅައި ދެވިފައެއް ނުވެއެވެ.