ވޯލްޑް ކަޕްގެ މިއަދުގެ ފުރަތަމަ މެޗުގައި ސައުދީ އަރަބިޔާ އަތުން ބަލިވި ނަމަވެސް، މިއީ އާޖެންޓީނާ ހުރިހާ މެޗަކުން ބަލިވުން ނޫން ކަމަށް އެޓީމުގެ ކޯޗު ލިއޮނަލް ސްކަލޯނީ ބުނެފިއެވެ.

އާޖެންޓީނާއާއި ސައުދީން ބައްދަލު ކުރި މެޗު ސައުދީން 2-1 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައިވަނީ އާޖެންޓީނާގެ ޓީމަށާއި ސަޕޯޓަރުންނަށް ހައިރާން ކަމެއް ގެނުވާފައެވެ. ފުރަތަމަ ހާފްގައި އާޖެންޓީނާ މެޗުގެ ލީޑު ނެގި ނަމަވެސް، ސައުދީން ވަނީ ދެވަނަ ހާފް ފެށި ގޮތަށް 2 ލަނޑު ޖަހައި މެޗުގެ ލީޑު ނަގާފައެވެ.

މެޗަށް ފަހު ނޫސްތަކަށް ދިން އިންޓަވިއިއު އެއްގައި ސްކަލޯނީ ބުނެފައިވަނީ އެއީ މުބާރާތް ގެއްލުން ނޫން ކަމަށާއި އާޖެންޓީނާ އޮތް ގްރޫޕު ސީގެ އަދި ދެ މެޗު ކުރިއަށް އެބަ އޮތް ކަމަށެވެ.

"ކުރިއަށް އޮތް ގޮތަކީ ޓީމު އެއްކޮށް ތެދުވެ، މެކްސިކޯއާއި ކުރިމަތިލުން. މެކްސިކޯގެ މެޗަކީ އުނދަގޫވާނެ މެޗެއް. މުބާރާތުގައި ކުރިއަށްދާން ދެން އޮތް ދެމެޗުން ވެސް މޮޅުވުން މުހިންމު" އޭނާ ބުންޏެވެ.

ސްކަލޯނީ ބުނެފައިވަނީ މިއަދުގެ މެޗުން ބަލިވުމަކީ ލިބުނު ވަރަށް ބޮޑު ގެއްލުމެއް ކަމަށާއި ދެން ބަލާނީ ކުރިއަށް އޮތް މެޗުތަކުން މޮޅުވެ، މުބާރާތުގައި ކުރިއަށް ދިއުމަށް ކަމަށެވެ.

މުބާރާތުގައި ދެން އާޖެންޓީނާ ބައްދަލު ކުރާނީ މި މަހުގެ 27 ވަނަ ދުވަހު މެކްސިކޯއާއި އެވެ. އަދި އަންނަ މަހުގެ އެއްވަނަ ދުވަހު އެޓީމުން ކުރިމަތިލާނީ ޕޮލޭންޑާއިއެވެ. އާޖެންޓީނާ މުބާރާތުން ކުރިއަށް ދިއުމަށް މި ދެޓީމު ބަލި ކުރުން މަޖުބޫރުވާނެއެވެ.