ފީފާ ވޯލްޑް ކަޕް 2022 ގެ މިއަދުގެ ދެވަނަ މެޗުގައި ސައުދީ އަރަބިއްޔާ ބަލިކޮށް، ޕޮލޭންޑުން ގްރޫޕް ސީގެ ފޯރިގަދަ ކޮށްލައިފިއެވެ.

ޕޮލޭންޑު މި މެޗު ކާމިޔާބު ކޮށްފައިވަނީ 2-0ގެ ނަތީޖާއަކުން ސައުދީ ބަލިކޮށްގެންނެވެ. މިއީ މި ދެޓީމުން ވެސް ވޯލްޑް ކަޕުގެ މެޗެއްގައި ކުރިމަތިލާ ފުރަތަމަ ފަހަރެވެ.

މިއަދުގެ މެޗަށް ސައުދީން ނިކުތްއިރު، ސައުދީ އޮތީ ގްރޫޕު ސީގެ ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓާއި އެކުއެވެ. އަދި ޕޮލޭންޑް އޮތީ އެއް ޕޮއިންޓާއި އެކީ ތާވަލުގެ ދެވަނައިގައެވެ.

މިމެޗުން ޕޮލޭންޑް މޮޅުވުމާއި އެކީ ޕޮލޭންޑުން ވަނީ ސައުދީ ވައްޓާލައި ތާވަލުގެ އެއްވަނަ އަށް ހަތަރު ޕޮއިންޓާއި އެކީ އަރާފައެވެ. އަދި އެޓީމަށް ގަދަ 16 އަށް ދިއުމުގެ އުއްމީދު ވެސް ވަނީ އާވެފައެވެ.

މިއަދުގެ މެޗު ފެށިގެން ދެޓީމުން ދިޔައީ ދާދި ހަމަހަމަ ކުޅުމެއް ދައްކަމުންނެވެ. އެހެން ނަމަވެސް މެޗުގެ ފަސް މިނެޓާއި ހަމައަށް ސައުދީން ވަނީ ޕޮލޭންޑް ކޮޅަށް ނުރައްކާ ކުރުމަށް ވަރަށް މަސައްކަތް ކޮށްފައެވެ. އަދި މި މިނެޓާއި ހަމައަށް ބޯޅަ ހިފަހައްޓައިގެން ކުޅެފައިވަނީ ވެސް ސައުދީންނެވެ.

ސައުދީގެ ކުޅުންތެރިއަކު ބޯޅަ ހިފައިގެން-- ފޮޓޯ: ގެޓީ އިމޭޖެސް

މެޗުގެ 12 ވަނަ މިނެޓާއި ހަމައަށް ވަރުގަދަކޮށް ކުޅެމުން ދިޔަ ސައުދީން ވަނީ އެ މިނެޓުގައި ވަރުގަދަ ހަމާލައެއް ޕޮލޭންޑް ކޮޅަށް ފޮނުވާލާފައެވެ. ސައުދީގެ 23 ނަންބަރު ސަލީމް އަލް ދައުސާރީ ފޮނުވާލި އެ ހަމަލާ ޕޮލޭންޑުގެ ކީޕަރު ހުއްޓުވާފައެވެ. މި މެޗުގައި ޕޮލޭންޑުގެ ތިން ކުޅުންތެރިންނަށް 6 މިނެޓު ތެރޭގައި ވަނީ ރީނދޫ ކާޑު ދައްކާފައެވެ.

މި މެޗުގައި ސައުދީން ވަރުގަދަކޮށް ކުޅެމުން އައި ނަމަވެސް، މިއީ ޕޮލޭންޑަށް މުހިންމު މޮޅެއް ކަމުން އެޓީމުން ވެސް ވަނީ ގޯލެއް ކާމިޔާބު ކުރުމަށް ވަރަށް މަސައްކަތް ކޮށްފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މެޗުގެ 39 ވަނަ މިނެޓުގައި ލެވަންޑޯސްކީ ފަހިކޮށްދިން ބޯޅައަކުން ޒެލެންސްކީ ވަނީ ގޯލެއް ޖަހައި މެޗުގެ ލީޑު ނަގާފައެވެ.

ޕޮލޭންޑުން ކާމިޔާބު ކުރި ގޯލާއި އެކީ ކުޅުންތެރިން އުފާ ފާޅު ކުރަނީ-- ފޮޓޯ: ގެޓީ އިމޭޖެސް

ޕޮލޭންޑުންގެ މެޗުގެ ލީޑު ނެގިތާ މާ ގިނައިރުތަކެއް ނުވަނީސް އެޓީމުގެ ބިއެކް އޭރިއާ ތެރެއިން ކުރި ފައުލަކުން ވަނީ ޕެނަލްޓީއެއް ލިބިފައެވެ. ނަމަވެސް އެ ޓީމުގެ ޖޯޒީ ނަންބަރު 9 ފިރާސް އަލް ބްރިކާން ފޮނުވާލި ބޯޅަ ކީޕަރު ވަނީ ހުއްޓުވާފައެވެ. އަދި ބޯޅަ ރީބައުންސަށް ދިއުމުން އެޓީމުން ފޮނުވާލި ހަމަލާ ވެސް ކީޕަރު ވަނީ ހުއްޓުވާފައެވެ. މިއީ މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް ސައުދީއަށް ލިބުނު ރަނުގެ ފުރުސަތެކެވެ.

ސައުދީއަށް ލިބުނު ޕެނަލްޓީ އެޓީމަށް ކާމިޔާބު ނުކުރެވުމުން ޓީމު ވަނީ ފުރަތަމަ ހާފުގެ 45 މިނެޓު ހަމަވެ، އިތުރަށް ދެއްކި 10 މިނެޓުގައި ވަރަށް ބޮޑަށް ޕްރެޝަރަށް ވެއްޓިފައެވެ.

ޕޮލޭންޑުގެ ކީޕަރު ސައުދީން ޖެހި ޕެނަލްޓީ ސޭވް ކުރަނީ-- ފޮޓޯ: ގެޓި އިމޭޖެސް

ޕޮލޭންޑުގެ ގޯލާއި އެކީ ސައުދީން މެޗުގެ ދެވަނަ ހާފް ފަށާފައިވަނީ ވަރުގަދަކޮށެވެ. އެގޮތުން ޕޮލޭންޑުގެ ހާފްގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން އެޓީމުން ވަނީ ކުޅެފައެވެ.

މެޗުގެ 54 ވަނަ މިނެޓުގައި ސައުދީގެ ކުޅުންތެރިން ވަނީ ބޯޅަށް ގޯލަށް ވެއްދުމަށް ވަރަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް ސައުދީން ކުރި މަސައްކަތުގެ ހުރަހަކަށްވީ، ދެޓީމުގެ ކުޅުންތެރިން ބޮނޑިވެގަތުމެވެ.

މެޗުގެ 59 ވަނަ މިނެޓުގައި ފިރާސް އަލް ބިރާކަން ފޮނުވާލި ބޯޅަ ގޮސްފައިވާއިރު، 60 ވަނަ މިނެޓުގައި މުހައްމަދު ކައްނޯ ފޮނުވާޅި ބޯޅަ ވެސް ގޮސްފައިވަނީ ގޯޅުގެ މަތިންނެވެ. އަދި 62 ވަނަ މިނެޓުގައި ޕޮލޭންޑުން ފޮނުވާލި ބޯޅަ ވަނީ ގޯލުގެ މަތީ ދަނޑީގައި ޖެހި ހުއްޓިފައެވެ. އަދި 65 ވަނަ މިނެޓުގައި ވެސް ޕޮލޭންޑުން ފޮނުވި ހަމަލާ ވަނީ ދަނޑީގައި ޖެހިފައެވެ.

ސައުދީގެ ފިރާސް-- ފޮޓޯ: ގެޓީ އިމޭޖެސް

މެޗުގެ 77 ވަނަ މިނެޓުގައި ސައުދީގެ އަލް މަލްކީއަށް ހުސްކޮށް ލިބުނު ބޯޅަށްއެއް އޭނާ ވަނީ ގޯލަށް ފޮނުވާލާފައެވެ. ނަމަވެސް އޭނާ ފޮނުވާލި ބޯޅަ ގޮސްފައިވަނީ ގޯލުގެ ވާތް ފަޅިން ބޭރަށެވެ. ދެވަނަ ހާފްގެ 60 ވަނަ މިނެޓުން ފެށިގެން ސައުދީން މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް ގިނަ ހަމަލާތަކެއް އުފެއްދުމަށް ވަނީ މަސައްކަތް ކޮށްފައިކަން ފާހަގަ ކޮށްލެވެއެވެ.

ސައުދީން މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތް ކުރި ނަމަވެސް، ޕޮލޭންޑުން ވަނީ 81 ވަނަ މިނެޓުގައި ލަނޑެއް ޖަހައި ނަތީޖާ 2-0 އަށް ބަދަލު ކޮށްލާފައެވެ. ޕޮލޭންޑަށް މި ލަނޑު ކާމިޔާބު ކޮށްދިފައިވަނީ ސައުދީގެ ޑިފެންޑަރަކަށް ހެދުނު ގޯހަކުން އެޓީމުގެ ކެޕްޓަން ލެވެންޑޯސްކީއެވެ.

މި ގޯލުގެ އިތުރުން ވެސް ލެވެންޑޯސްކީ ސައުދީގެ ކީޕަރު ބޯމަތިން ފޮނުވާލަން އުޅުނު ބޯޅައެއް ކީޕަރު ވަނީ ހުއްޓުވާފައެވެ.

ޕޮލޭންޑުގެ ކެޕްޓަން ބޯޅަ ހިފައިގެން-- ފޮޓޯ: ގެޓީ އިމޭޖެސް

ސައުދީން މިހާތަނަށް ވޯލްޑް ކަޕުގައި ފަސް ފަހަރު ކުޅެފައިވާއިރު، އެޓީމަށް ގަދަ 16 އަށް ދަތުރު ކުރެވިފައިވަނީ 1994 ވަނަ އަހަރުގެ މުބާރާތުންނެވެ. ދެން ކުޅުނު މުބާރާތްތަކުގައި އެޓީމުން ވަނީ ގްރޫޕު ސްޓޭޖުން ކަޓާފައެވެ.

ޕޮލޭންޑަށް ބަލާއިރު، އެޓީމުން ވަނީ ވޯލްޑް ކަޕުގައި 8 ފަހަރު ކުޅެފައެވެ. އޭގެ ތެރެއިން ދެ މުބާރާތުގެ ތިން ވަނަ ނަގާފައިވާއިރު، ދެން ކުޅުނު މުބާރާތްތަކުގެ ކުޅެވިފައިވަނީ ގްރޫޕް ސްޓޭޖުގެ މެޗުތަކާއި ގަދަ 16 ގެ އެއް މެޗެވެ.