އަންނަ މަހު އަމިއްލަ ގައުމުގައި ފަށާ އައިސީސީ ކްރިކެޓް ވޯލްޑް ކަޕްގެ ކުރީން އެއްދުވަހުގެ ބައިނަލްއަގުވާމީ ކްރިކެޓްގެ އެއްވަނަ މަގާމަށް އިންޑިއާ ޖެހިލައިފިއެވެ.

މިއާއެކު، އިންޑިއާ އަކީ މިހާރު ކްރިކެޓްގެ ހުރިހާ ފޯމެޓެއްގެ އެއްވަނަ މަގާމުގައި އޮތް ޓީމެވެ. މިއީ 2012 ވަނަ އަހަރު ދެކުނު އެފްރިކާ އިން އެ ކާމިޔާބީ ހާސިލްކުރި ފަހުން ޓީ20 އާއި ޓެސްޓްގެ އިތުރުން އެއްދުވަހުގެ ކްރިކެޓްގެ އެއްވަނަ މަގާމު ހޯދި ފުރަތަމަ ފަހަރެވެ.

އިންޑިއާ އިން އެއްދުވަހުގެ ބައިނަލް އަގުވާމީ ކްރިކެޓް ނުވަތަ ވަންޑޭ އިންޓަނޭޝަނަލްސްގެ އެއްވަނަ މަގާމަށް ޖެހިލީ މިހާރު އެ ގައުމުގައި ކުރިއަށްދާ ވަންޑޭ ސީރީޒްގައި އިއްޔެ އޮސްޓްރޭލިއާ އަތުން މޮޅުވި މެޗަށްފަހު، ކުރިން އެ މަގާމުގައި އޮތް އަވަށްޓެރި ޕާކިސްތާން ފަހަތަށް ޖައްސާލުމަށްފަހުއެވެ.

މިވަގުތު އިންޑިއާ އެއްވަނައިގައި އޮތީ 116 ރޭޓިންގ ޕޮއިންޓްސް އާއެކު، ދެވަނައިގައި އޮތް ޕާކިސްތާނަށް ވުރެ އެއް ޕޮއިންޓް އިތުރަށް ލިބިގެނެވެ. އެކަމަކު، އިންޑިއާގައި މިހާރު ކުރިއަށްދާ ވަންޑޭ ސީރީޒް އިން އޮސްޓްރޭލިއާ އަތުން އެ ޓީމު ބަލިވެއްޖެނަމަ، އެ މަގާމު އިންޑިއާ އަށް ގެއްލޭނެއެވެ.

މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި އެއްވަނަ މަގާމަށް އިންޑިއާގެ އިތުރުން އޮސްޓްރޭލިއާ އަދި ޕާކިސްތާން ވެސް ވަނީ ވާދަކޮށްފައެވެ. އިންޑިއާ އިން އެންމެ ފަހުގެ އޭޝިއާ ކަޕް ކާމިޔާބުކުރިއިރު، ޕާކިސްތާންގެ ކުޅުން އެ މުބާރާތުގައި ރަނގަޅުނުވުމުގެ ސަބަބުން މަގާމު ދެމެހެއްޓޭ ގޮތެއްނުވިއެވެ. އޮސްޓްރޭލިއާ އިން އެންމެ ފަހުން ކުޅުނު ސީރީޒްގައި ދެކުނު އެފްރިކާ އަތުން ބަލިވުމުން، އެ ޓީމަށް އެއްވަނަ މަގާމަށް އާދެވޭ ގޮތެއްނުވިއެވެ.

މީގެއިތުރުން، ހުރިހާ ފޯމެޓެއްގައި އިންޑިއާގެ ހަތަރު ކުޅުންތެރިއަކު މިވަގުތު ރޭންކިންގެ އެއްވަނައިގައި ވަނީ ހިމެނިފައެވެ. އެގޮތުން، ޓީ20 ކްރިކެޓްގެ އެއްވަނަ ބެޓްސްމަންގެ މަގާމުގައި އިންޑިއާގެ ސޫރިޔާކުމާރު ޔާދާވް އޮތްއިރު، އެއް ދުވަހުގެ ކްރިކެޓްގެ އެއްވަނަ އުކުންތެރިޔާގެ މަގާމުގައި އޮތީ އިންޑިއާގެ މުހައްމަދު ސިރާޖްއެވެ. އަދި ޓެސްޓް ކްރިކެޓްގެ އެންމެ މޮޅު އުކުންތެރިޔާގެ މަގާމުގައި އިންޑިއާގެ ރަވިޗަންދްރަ އަޝްވިން އޮތްއިރު، އެއްވަނަ އޯލްރައުންޑަރުގެ މަގާމުގައި އޮތީ ރަވިންދްރާ ޖަދޭޖާއެވެ.