ރެއާލް މެޑްރިޑްގެ ހުރިހާ ކުޅުންތެރިން ވެސް ބޭނުންވަނީ ފްރާންސްގެ ފޯވާޑް، ކިލިއަން އެމްބާޕޭ އާއެކު އެ ޓީމަށް ކުޅެން ކަމަށް ބްރެޒިލްގެ ވިންގް، ވިނީޝަސް ޖޫނިއާ ބުނެފިއެވެ.

އެމްބާޕޭ، 24، ގެ ޕީއެސްޖީ ކޮންޓްރެކްޓް އަންނަ ޖޫން މަހުގެ ނިޔަލަށް ހަމަވާއިރު، މީގެކުރީން އެކި ފަހަރުމަތިން ރެއާލުން އޭނާގެ ސޮއި ހޯދުމަށް މަސައްކަތްކޮށްފައިވާ ކަމަށް މީޑިއާ ހަބަރުތައް ބުނެއެވެ.

ސްޕެއިނުގެ މީޑިއާ ހަބަރުތައް ބުނާގޮތުން، ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް އެ ޓީމަށް އެންމެ ގެންނަން ބޭނުންވާ ކުޅުންތެރިއަކީ ވެސް އެމްބާޕޭ އެވެ. އެހެންނަމަވެސް، މިހާތަނަށްއައިއިރު ޕީއެސްޖީން ފަސޭހައިން އެމްބާޕޭ ދޫކޮށްލަން ބޭނުންނުވާތީވެ، އެކަން ހާސިލްވާގޮތެއްނުވިއެވެ.

ދާދިފަހުން ފްރާންސް ފުޓްބޯލް އަށް ދިން އިންޓަވިއުއެއްގައި ވިނީޝަސް ބުނީ، "މި ކްލަބުގެ ހުރިހާ ކުޅުންތެރިން ވެސް އެންމެ އެދެނީ އެމްބާޕޭ އާއެކު ކުޅުމަށް،"

"އަހަރެންގެ އުއްމީދަކީ ކޮންމެވެސް ދުވަހަކުން އެކަން އެގޮތަށް ވާނެ ކަމަށް." ވިނީޝަސް ބުންޏެވެ.

ޕީއެސްޖީއާ ރެއާލް މެޑްރިޑް ބައްދަލުކުރި މެޗެއްގެ ތެރެއިން، ކިލިއަން އެމްބާޕޭ (ކ) އަތުން ބޯޅަ ހޯދަން ވިނީޝަސް ޖޫނިއާ މަސައްކަތްކުރަނީ. --

ވިނީޝަސް އިތުރަށް ބުނީ، އެމްބާޕޭ އަކީ ދުނިޔޭގައި މިވަގުތު ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމަށާއި، ފަހަރުގައި އެއީ އެންމެ މޮޅު ކުޅުންތެރިޔާ އަށް ވުން އެކަށީގެންވާ ކަމަށެވެ.

ވިނީޝަސް ދިން އިންޓަވިއު ނިންމާލަމުން އޭނާ ވަނީ އެ ޓީމަށް ކުޅެމުން އަންނަ އުމުރުން 20 އަހަރުގެ އިނގިރޭސި މިޑްފީލްޑަރު، ޖޫޑް ބެލިންހަމް އަށް ތައުރީފްކޮށްފަ ވާހަކަ ދައްކައިފައެވެ.

"ޖޫޑް އަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާ. މުޅި ކްލަބުން ވެސް އޭނާ ދެކެ އިންތިހާ އަށް ލޯބިވޭ،"

"އޭނާ ގޯލް ޖަހައި، މި ކްލަބުގަ އެހުރީ ވަރަށް އުފަލުން. އޭނާގެ ހޮވުމެއްގެ ގޮތުގައި ކަނޑައެޅީ ދުނިޔޭގެ އެންމެ މޮޅު ކްލަބު." ނިންމާލަމުން ވިނީޝަސް ބުންޏެވެ.