މިހާރު އިންޑިއާގައި ކުރިއަށްދާ އައިސީސީ ކްރިކެޓް ވޯލްޑް ކަޕްގައި އިއްޔެ ކުޅުނު މެޗުން 62 ލަނޑުން ޕާކިސްތާން ބަލިކޮށް، އޮސްޓްރޭލިއާ އިން ތާވަލްގެ ހަތަރުވަނަ އަށް ޖެހިލައިފިއެވެ.

މިއީ މި ފަހަރުގެ މުބާރާތުގައި އޮސްޓްރޭލިއާ މޮޅުވި ދެވަނަ ފަހަރެވެ. އެ ޓީމު އެންމެ ފުރަތަމަ ކުޅުނު ދެ މެޗުން ބަލިވިނަމަވެސް، އެންމެ ފަހުން ކުޅުނު ދެ މެޗު ވަނީ ކާމިޔާބުކޮށްފައެވެ. އަނެއްކޮޅުން، މިއީ ޕާކިސްތާން ބަލިވި ދެވަނަ މެޗެވެ. އެ ޓީމު އެންމެ ފުރަތަމަ ކުޅުނު ދެ މެޗު ކާމިޔާބުކުރިއިރު، އެންމެ ފަހުން ކުޅުނު ދެ މެޗުން ވެސް ބަލިވެފައެވެ.

މި ނަތީޖާއާއެކު އޮސްޓްރޭލިއާ ވަނީ ލީގު ބުރުގައި ވާދަކުރާ 10 ޓީމުގެ ތެރެއިން، ހަތަރުވަނަ މަގާމަށް ޖެހިލާފައެވެ. އެ ޓީމު ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބުކޮށް، ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. ކުރިން އެ މަގާމުގައި އޮތް ޕާކިސްތާނަށް ވުރެ އޮސްޓްރޭލިއާ އަށް ކުރިލިބެނީ ނެޓް ރަން ރޭޓުންނެވެ. މިހާތަނަށް ކުޅުނު މެޗުތަކަށްފަހު އެއްވަނައިގައި އުޅޭ ނިއު ޒީލެންޑާއި ދެވަނައިގައި އޮތް އިންޑިއާ އަށް ލިބިފައިވަނީ 8 ޕޮއިންޓެވެ. ނިއު ޒީލެންޑަށް ކުރިލިބެނީ ނެޓް ރަން ރޭޓުންނެވެ. ތިނެއްގައި އޮތީ ދެކުނު އެފްރިކާ އެވެ. އެ ޓީމު އެއް މެޗުން މަދުން ކުޅެފައިވާއިރު، ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. އޮސްޓްރޭލިއާ އަށް ވުރެ އެ ޓީމަށް ކުރިލިބެނީ ވެސް ނެޓް ރަން ރޭޓުންނެވެ.

ބެންގަލޫރުގައި ހުންނަ އެމް ޗިންނަސްވާމީ ސްޓޭޑިއަމްގައި އިއްޔެ ކުޅުނު މި މެޗުގެ ޓޮސް ދިމާވުމުން ޕާކިސްތާނުން ގަސްދުކުރީ ހޮވަން އަރާށެވެ. އޮސްޓްރޭލިއާ އިން ކުޅެން އަރައި، އެ ޓީމުގެ އޯޕަނިންގ ބެޓްސްމަނުން ކަމަށްވާ، ޑޭވިޑް ވޯނާ އާއި މިޗޭލް މާޝްގެ މެދުގައި ފުރަތަމަ ވިކެޓަށް ހެދި 259 ލަނޑުގެ ޕާޓްނާޝިޕާއެކު ވަނީ 50 އޯވަރުގެ ތެރޭގައި ނުވަ ކުޅުންތެރިން ނުބައިވެގެން 367 ލަނޑު ހަދައިފައެވެ.

އޮސްޓްރޭލިއާގެ ޑޭވިޑް ވޯނާ ބެޓްކުރަނީ. އޭނާ ވަނީ މި މެޗުގައި ސައްތައެއް ހަދާފަ. --ފޮޓޯ: ގެޓީ އިމޭޖަސް

އޮސްޓްރޭލިއާގެ އިނިންގްސްގައި އެންމެ ރަނގަޅަށް ކުޅުނީ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު، ވޯނާ އެވެ. އޭނާ ވަނީ 124 ބޯޅައިން 163 ލަނޑު ހަދައިފައެވެ. ވޯނާގެ މި އިނިންގްސްގައި ވަނީ 14 ފަހަރު ހަތަރަކަށް، ނުވަ ފަހަރު ހަޔަކަށް ޖަހައިފައެވެ. މިއީ ޕާކިސްތާނާ ދެކޮޅަށް އޭނާ ހެދި ހަތަރުވަނަ ސައްތަ ވެސް މެއެވެ. ދެން އެންމެ ރަނގަޅަށް ކުޅުނު މާޝް ވަނީ 108 ބޯޅައިން 121 ލަނޑު ހަދައިފައެވެ. މި އިނިންގްސްގައި ޕާކިސްތާނުން އެންމެ ރަނގަޅަށް އުކީ ޝާހީން ޝާހް އަފްރީދީ އެވެ. އަފްރީދީ ވަނީ ފަސް ވިކެޓް ނަގައިފައެވެ. ދެން އެންމެ ރަނގަޅަށް އުކި ހާރިސް ރައުފް ތިން ވިކެޓްނެގިއެވެ.

ޖަވާބުގައި ކުޅެން އެރި ޕާކިސްތާންގެ ހުރިހާ ކުޅުންތެރިން 45.3 އޯވަރުގެ ތެރޭގައި ނުބައިވީ 305 ލަނޑަށެވެ. މި އިނިންގްސްގައި ޕާކިސްތާންގެ އޯޕަނިންގ ބެޓްސްމަނުން ފުރަތަމަ ވިކެޓަށް 134 ލަނޑުހެދިއިރު، އެ ޓީމުގެ ފަހު ފަސް ވިކެޓް ގެއްލުނީ އެންމެ 36 ލަނޑަށެވެ.

ޕާކިސްތާނުން އެންމެ ރަނގަޅަށް ކުޅުނީ އިމާމް-އުލް-ހައްޤު އާއި އަބްދުﷲ ޝަފީޤު އެވެ. އިމާމް ވަނީ 71 ބޯޅައިން 70 ލަނޑު ހަދައިފައެވެ. ޝަފީޤު ވަނީ 61 ބޯޅައިން 64 ލަނޑު ހަދައިފައެވެ. މީގެއިތުރުން، ޕާކިސްތާންގެ ވިކެޓްކީޕަރު ބެޓްސްމަން، މުޙައްމަދު ރިޒްވާން އާއި އިފްތިކާރް އަހުމަދުގެ ކުޅުން ފާހަގަކޮށްލެވުނެވެ. ރިޒްވާން 40 ބޯޅައިން 46 ލަނޑު ހެދިއިރު، އިފްތިކާރް ވަނީ 20 ބޯޅައިން 26 ލަނޑު ހަދައިފައެވެ. ޕާކިސްތާންގެ ކެޕްޓަން، ބާބަރް އާޒަމް ނުބައިވީ 18 ލަނޑަށެވެ. އޮސްޓްރޭލިއާ އިން އެންމެ ރަނގަޅަށް އުކި އެޑަމް ޒަމްޕާ ހަތަރު ވިކެޓްނެގިއިރު، އެ ޓީމުގެ ކެޕްޓަން، ޕެޓް ކަމިންސް އާއި މާކަސް ސްޓޮއިނިސް ކުރެން ކޮންމެ ކުޅުންތެރިއަކު ދެ ވިކެޓްނެގިއެވެ.

މި މުބާރާތުގައި މާދަމާ ކުޅޭ މެޗުތަކުގެ ތެރޭގައި، ނެދަލެންޑްސްއާ ސްރީ ލަންކާ ބައްދަލުކުރާއިރު އިންގްލެންޑް ނިކުންނާނީ ދެކުނު އެފްރިކާއާ ދެކޮޅަށެވެ.