މިހާރު އިންޑިއާގައި ކުރިއަށްދާ އައިސީސީ ކްރިކެޓް ވޯލްޑް ކަޕްގައި މިއަދު ކުޅުނު ފުރަތަމަ މެޗުގައި ފަސް ވިކެޓުން ނެދަލެންޑްސް ބަލިކޮށް، ސްރީ ލަންކާ އިން މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.

މި ފަހަރުގެ މުބާރާތުގައި ސްރީ ލަންކާ ކުޅުނު ފުރަތަމަ ތިން މެޗުން ވަނީ ބަލިވެފައެވެ.

މި މޮޅާއެކު އެ ޓީމު ވަނީ ލީގު ބުރުގައި ވާދަކުރާ 10 ޓީމުގެ ތެރެއިން ނުވަވަނަ އަށް ޖެހިލާފައެވެ. މި މެޗުން ބަލިވި ނެދަލެންޑްސް އޮތީ އަށް ވަނައިގައެވެ. މި ދެ ޓީމަށް ވެސް ހަތަރު މެޗުން ދެ ޕޮއިންޓް ލިބިފައިވާއިރު، ނެދަލެންޑްސް އަށް ކުރިލިބެނީ ނެޓް ރަން ރޭޓުންނެވެ.

ލަކްނޯގައި ހުންނަ އެކާނާ ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗުގެ ޓޮސް ދިމާވުމުން ނެދަލެންޑްސް އިން ގަސްދުކުރީ ކުޅެން އަރާށެވެ. ނެދަލެންޑްސް އިން ކުޅެން އަރައި، 49.4 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 262 ލަނޑެވެ.

ނެދަލެންޑްސްގެ އިނިންގްސްގައި އެންމެ ރަނގަޅަށް ކުޅުނު ސިބްރާންޑް އެންޖެލްބްރެކްޓް 82 ބޯޅައިން 70 ލަނޑުހެދިއިރު، ލޯގަން ވެން ބީކް ވަނީ 75 ބޯޅައިން 59 ލަނޑު ހަދައިފައެވެ. ދެން އެންމެ ރަނގަޅަށް ކުޅުނު ކޮލިން އެކާމަން 29 ލަނޑުހެދިއިރު، އެ ޓީމުގެ ކެޕްޓަން، ސްކޮޓް އެޑްވާޑްސް ނުބައިވީ އެންމެ 16 ލަނޑަށެވެ. މި އިނިންގްސްގައި ސްރީ ލަންކާގެ ދިލްޝާން މަދުޝަންކާ އާއި ކަސުން ރަޖިތާ ކުރެން ކޮންމެ ކުޅުންތެރިއަކު ހަތަރު ވިކެޓްނެގިއެވެ.

ޖަވާބުގައި ކުޅެން އަރައި، ބާކީ 10 ބޯޅަ އޮއްވާ، ސްރީ ލަންކާ އިން މެޗު ކާމިޔާބުކުރީ ފަސް ވިކެޓަށް 263 ލަނޑު ހަދައިގެންނެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ސަދީރާ ސަމަރަވިކްރަމާ އެވެ. ސަމަރަވިކްރަމާ ނުބައިނުވެ 107 ބޯޅައިން 91 ލަނޑުހެދިއިރު، މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެސް އޭނާ އެވެ. ދެން އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނު ޗަރިތު އަސަލަންކާ 44 ލަނޑުހެދިއިރު، ދަނަންޖާޔާ ޑެ ސިލްވާ 30 ލަނޑުހެދިއެވެ. މި އިނިންގްސްގައި ނެދަލެންޑްސްގެ އާރްޔަން ދަތު ތިން ވިކެޓްނެގިއިރު، ޕޯލް ވެން މީކެރެން އާއި އެކާމަން ވިކެޓެއްނެގިއެވެ.

މި މުބާރާތުގައި މާދަމާ ކުޅޭ މެޗުގައި އިންޑިއާ ބައްދަލުކުރާނީ ނިއު ޒީލެންޑާ އެވެ.