ބެލްޖިއަމްގެ ރޯޔަލް އެންޓްވާޕް އަށް ކުޅެމުން އަންނަ އާތަރ ވާމީރެން ހޯދުމުގެ މަސައްކަތުގައި ބާސެލޯނާގެ މައްޗަށް އާސެނަލުން ބޮޑު ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

އެގޮތުން، ކުރިއަށް އޮތް ޖަނަވަރީ މަހުގެ ޓްރާންސްފާ ބާޒާރުގައި އާސެނަލުން، ވާމީރެންގެ ސޮއި ހޯދުމުގެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށް ވެސް ހަބަރުތައް ބުނެއެވެ.

ވާމީރެން، 18، އަކީ އާސެނަލްގެ ކޯޗު މިކޭލް އާޓޭޓާ އެ ޓީމުގައި ކުޅުވާ ސިސްޓަމަށް ވަރަށް ގުޅޭނެ ކުޅުންތެރިއަކަށް ވާނެ ކަމަށާއި، ބާސެލޯނާ އިން އޭނާގެ ސޮއި ހޯދުމަށް މަސައްކަތްކުރަމުންދިޔަ ނަމަވެސް، އޭނާ ކުޅޭނީ ޕްރިމިއާ ލީގުގައި ކަމަށް ހަބަރުތައް ބުނެއެވެ.

އާސެނަލުން އޭނާގެ ސޮއި ހޯދުމުގެ ރޭހުގައި ކުރިއަށްޖެހިލީ، މާލީ ގޮތުން އެ ޓީމު އޮތް ރަނގަޅު ހާލަތުގެ ސަބަބުން ކަމަށާއި، ބާސެލޯނާ އަށް ހޫނު މޫސުމުގެ ކުރީން ވާމީރެންގެ ޓްރާންސްފާގެ ކަންތައްތައް ނިންމުމުގެ ގާބިލްކަން މިވަގުތު ނެތް ކަމަށް ވެސް ސްޕެއިނުގެ ނޫސްތަކުން ބުނެއެވެ.

އާސެނަލުން ވާމީރެންގެ ސޮއި ހޯދުމަށްޓަކައި އެ ޓީމުގައި އޭނާ އަށް އެކަށީގެންވާ ވަރަށް ކުޅުމުގެ ފުރުޞަތުތައް ލިބޭނެކަން ކަށަވަރުކޮށްދޭން ޖެހޭނެ ކަމަށް ވެސް ފަހުގެ ހަބަރުތައް ބުނެއެވެ.