ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން އެންމެ ކުރީގައި އުޅޭ ޖިރޯނާ އާއި ރެއާލް މެޑްރިޑް މޮޅުވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ވެލެންސިއާ އަތުން 1-5 އިން ރެއާލް ވަނީ މޮޅުވެފައެވެ. ޖިރޯނާ ވަނީ ރަށުން ބޭރުގައި 2-1 އިން ރަޔޯ ވަޔެކާނޯ ބަލިކޮށްފައެވެ.

މި ނަތީޖާއެކު ޖިރޯނާ އެއްވަނައިގައި އޮތީ 13 މެޗުން ލިބުނު 34 ޕޮއިންޓާއެކު އެވެ. ދެވަނައިގައި ރެއާލް އޮތީ 13 މެޗުން 32 ޕޮއިންޓް ހޯދައިގެންނެވެ. ބާސެލޯނާ އަށް 12 މެޗުން ލިބުނު 27 ޕޮއިންޓާއެކު ތިންވަނައިގައި އޮތްއިރު، އޭގެ ދެ ޕޮއިންޓް ފަހަތުން އެތުލެޓިކޯ މެޑްރިޑް އޮތީ ހަތަރުވަނައިގައެވެ.

ރެއާލްގެ ދަނޑުގައި ރޭ ކުޅުނު މެޗު ފެށިގެން ތިންވަނަ މިނެޓުގައި އެ ޓީމުގެ ސްޕެއިން ފުލްބެކް، ޑަނީ ކަރްވަހާލް ވަނީ ލީޑްނަގައިދީފައެވެ. ފުރަތަމަ ހާފު ނިމުމުގެކުރީން، ރެއާލްގެ ބްރެޒިލް ވިންގް، ވިނީޝަސް ޖޫނިއާ ވަނީ ނަތީޖާ 2-0 އަށް ބަދަލުކޮށްލާފައެވެ. އޭނާ މި ލަނޑުޖެހީ ރޮޑްރީގޯ ދިން ބޯޅައަކުންނެވެ.

ރޭގެ މެޗުގައި ރެއާލް މެޑްރިޑްގެ ރޮޑްރީގޯ (ކ) ވެލެންސިއާގެ ގޯލަށް އަމާޒުކޮށް ހަމަލާއެއް ފޮނުވާލަނީ. --ފޮޓޯ: ރޮއިޓާސް

ދެވަނަ ހާފުގެ ކުޅުން ފެށިތާ ފުރަތަމަ ފަސް މިނެޓުގެ ތެރޭގައި ރެއާލުން ވަނީ އިތުރު ދެ ގޯލް ޖަހައިފައެވެ. މެޗުގެ 49 ވަނަ މިނެޓުގައި ރެއާލްގެ ތިންވަނަ ލަނޑު، ވިނީޝަސް ކާމިޔާބުކުރިއިރު އޭގެ މިނެޓެއްފަހުން ރޮޑްރީގޯ ވަނީ އެ ޓީމަށް ހަތަރު ލަނޑުގެ ލީޑެއްނަގައިދީފައެވެ. އަދި އޭގެފަހުން، މެޗު ނިމެން ހަ މިނެޓަށްވެފައިވަނިކޮށް ރޮޑްރީގޯ ވަނީ އެ ޓީމުގެ ފަސްވަނަ ލަނޑުޖަހައިދީފައެވެ. މި މެޗުގައި އަނިޔާގެ ސަބަބުން ރެއާލްގެ އިނގިރޭސި މިޑްފީލްޑަރު، ޖޫޑް ބެލިންހަމް ނުކުޅެއެވެ.

ވެލެންސިއާ އިން ޖެހި ހަމައެކަނި ލަނޑު، 88 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ހޫގޯ ޑުރޯ އެވެ. އޭނާ މި ލަނޑުޖެހީ އެ ޓީމުގެ ހޫގޯ ގޮންޒާލެޒް ނެގި ހުރަހަކުންނެވެ.

ޖިރޯނާ އިން ފަހަތުންއަރައި ރަޔޯ ބަލިކުރި މެޗުގައި އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ އާޓެމް ޑޮވްބީކް އާއި ސާވިއޯ އެވެ. ރަޔޯގެ ހަމައެކަނި ލަނޑުޖަހައިދިނީ އަލްވާރޯ ގާސިއާ އެވެ.

ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، އަލްމޭރިއާގެ ދަނޑުގައި 1-3 އިން ރެއާލް ސޮސިއެޑާޑް ވަނީ މޮޅުވެފައެވެ. ގްރަނަޑާގެ ދަނޑުގައި 1-1 އިން ގެޓަފޭއާ އެއްވަރުވިއިރު، ލަސް ޕަލްމާސް އިން ރަށުން ބޭރުގައި އޮސަސޫނާއާ ބައްދަލުކުރި މެޗު ނިމުނީ ވެސް 1-1 އިންނެވެ.