ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ކާގޯ އެކްސްޕޯޓް ޓާމިނަލް ކުރިމައްޗަށް ވާގޮތަށް އޮންނަ ޖެޓީ ސަރަޙައްދަކީ ހަމައެކަނި މުދާ އެކްސްޕޯޓް ކުރުމަށް މުދާ ގެންނަ އުޅަނދުފަހަރަށް ހާއްސަ ކުރެވިފައިވާ ސަރަހައްދެއް ކަމަށައި އެހެންކަމުން އެކި ކަންކަމުގައި އެއާޕޯޓަށް އަންނަ އުޅަނދުތައް ހުއްދަ ނެތި އެސަރައްދު ބޭނުން ނުކުރަން އެއާޕޯޓްސް ކޮމްޕެނީ އިން އަންގައިފިއެވެ.

އެއާޕޯޓްސް ކޮމްޕެނީ އިން ކުރި އިއުލާނެއްގައި ވިދާޅުވީ މިއަދާއި ހަމައަށް ރާއްޖެއަށް އިމްޕޯޓްކުރެވޭ މުދާ އެރުވުމަށާއި އެކިއެކި ކަންކަމުގައި އެއަރޕޯޓް އަށް އަންނަ އުޅަނދުފަހަރު ދަނީ މިސަރަހައްދުގެ ޖެޓީ ކުންފުނީގެ ހުއްދަނެތި ބޭނުންކުރަމުންނެވެ. އަދި ދޯނިފަހަރު އެޅުމަށްފަހު ދޯނީގެ ފަޅުވެރިން ދޯނިން ފައިބައިގެން ދިޔުމުގެ ސަބަބުން ދޯނިތައް މިސަރަހައްދުން ނަގަން ޖެހޭ ހާލަތްތަކުގައި ވަރަށް ދަތި ކަމަކަށްވަނީ ވެފައި ކަމަށް ވެސް އެމްއޭސީއެލް އިން ވިދާޅުވިއެވެ.

"މިކަމުގެ ސަބަބުން އެކްސްޕޯޓް ކުރާ ފަރާތްތަކަށް ގަޑިއަށް އެކްސްޕޯޓް ކުރަން ގެންނަން ޖެހޭ މުދާ ގެނެސް ބޭލުމުގެ މަސައްކަތްތަށް ދަތިތައް ކުރިމަތިވަމުން އަންނަކަން ވަނީ ފާހަގަކުރެވިފައެވެ. ރާއްޖެއިން ބޭރުކުރުމަށް ގެނެވޭ މުދަލާއި ގުޅުންހުރި މަސައްކަތްތައް އެ މުދާ އުފުލަން ހަމަޖެހިފައިވާ މަތިންދާބޯޓު ފުރާ ގަޑިއަށް ނުނިމި ބޯޓު ޑިލޭވުން ފަދަ ކަންކަން ދަނީ އިތުރުވަމުންނެވެ." އިއުލާނުގައި ވެއެވެ.

އެހެންކަމުން 10 ޑިސެމްބަރ 2018 ވާ ހޯމަ ދުވަހު މެންދުރު 1400 އިން ރޭގަނޑު 2200 އަށް މި ދެންނެވުނު ސަރަހައްދަށް ގާތްކުރެވޭނީ ހަމައެކަނި އެކްސްޕޯޓް މުދާ ހިފައިގެން އަންނަ އުޅަނދުފަހަރަށް ކަމަށާއި އަދި މިނޫންގަޑިތަކުގައި ވެސް އެސަރަހައްދުގައި އިމްޕޯޓް ބޭނުމަށް އުޅަނދެއް ގާތްކުރާނަމަ، އެތަނުގައި ހަރަކާތްތެރިވާ އެމްއޭސީއެލް ކާގޯ އެކްސްޕޯޓް ފޯމަންގެ ހުއްދަ ލިޔުމުން ހޯދުމަށްފަހު ނޫނީ ދޯނިފަހަރު އެސަރަހައްދަށް އެޅުމަކީ މަނާ ކަމެއްކަމަށް އެމްއޭސީއެކް ވިދާޅުވިއެވެ.

އަދި މި ދެންނެވުނު ހުއްދަ އާއި ޙިލާފުވާ ފަރާތްތައް ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް އެމްއޭސީއެލްގެ އިއުލާނުގައި ވެއެވެ.