ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ފިއުލްފާމްގެ މަސައްކަތް ފަށާފައިވާކަމަށް މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.

އެމްއޭސީއެލް އިން މިއަދު ބުނީ، އެ އެއާޕޯޓްގައި އަލަށް ހަދާ ފިއުލްފާމްގެ މަސައްކަތް ފަށާފައިވާކަމަށާއި، މި ޕްރޮޖެކްޓްގެ ދަށުން، ވަށައިގެން 37 މީޓަރުގެ ތިން ތެޔޮ ޓޭންކް ގާއިމްކުރާނެ ކަމަށެވެ. މި ތިން ޓޭންކް ހަދަނީ ފަހުން އިތުރު ދެ ތެޔޮ ޓޭންކްވެސް ބެހެއްޓޭ ގޮތަށެވެ.

ފިއުލް ފާމްގެ މަސައްކަތް ފެށުން - ފޮޓޯ: އެމްއޭސީއެލް

އެއާޕޯޓްގައި މިހާރު ތަރައްްގީ ކުރަމުން ދަނީ 45 މިލިއަން ލީޓަރުގެ ޖެޓް ފިއުލް އާއި އެއް މިލިއަން ލީޓަރުގެ ޑީސަލް އަދި 0.1 ލީޓަރުގެ ޕެޓްރޯލް ރައްކާކުރެވޭނެކަމަށް އެމްއޭސީއެލް އިން މައުލޫމާތުދެއެވެ.

މި ފިއުލް ފާމްވެގެން ދާނީ މިހާރު އެއާޕޯޓްގައި ހުރި ފިއުލްފާމަށްވުރެ ތިން ގުނަ ބޮޑު ފާމަކަށް ކަމަށެވެ. މި މަސައްކަތް ކުރުމަށްވެސް ހަވާލުކޮށްފައި ވަނީ މިހާރު އެއާޕޯޓްގެ ގިނަ މަޝްރޫއުތައް ކުރަމުން އަންނަ ބީޔޫސީޖީއާއެވެ.

ފިއުލް ފާމްގެ މަސައްކަތް ފެށުން - ފޮޓޯ: އެމްއޭސީއެލް

އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އާރަންވޭ އާއި، އޭޕްރޮން އާއި، ފިއުލް ފާމް އަކާއި ކާގޯ ޓާމިނަލް އެއް ތަރައްގީ ކުރުމަށް ވަނީ ހަމަޖައްސާފައެވެ. މި ހުރިހާ މަޝްރޫއެއްގެ މަސައްކަތް ގާތްގަނޑަކަށް ވަނީ ފަށާފައެވެ. އެއާޕޯޓުގެ މި ޕްރޮޖެކްޓަށް ޖުމްލަ 800 މިލިއަން ޑޮލަރު ހަރަދުވާނެއެވެ.

އަދި މިިހާރު އެއާޕޯޓްގައި އަލަށް އިމާރާތް ކުރާ އިންޓަނޭޝަނަލް ޕަސެންޖާ ޓާމިނަލް އެޅުމުގެ މަސައްކަތް ފަށަން ވަނީ ތައްޔާރުވެފައެވެ.