ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ތަރައްގީ ކުރާ އާ ރަންވޭއިން ފްލައިޓް ނައްޓާލާ ސަރަހައްދުގެ މަސައްކަތް ފަށައިފި އެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ވިދާޅުވި ގޮތުގައި ވީއައިއޭ އާ ރަންވޭގެ "ޖެޓް ބްލަސްޓް" އޭރިއާގެ މަސައްކަތް ފަށައިގެން ކުރިއަށްދާ ކަމަށެވެ.

އެ މަސައްކަތް މި އަހަރުގެ ފަހު ތިން މަސް ދުވަހުގެ ތެރޭގައި ނިންމަން މަސައްކަތް ކުރާއިރު ރަންވޭގެ އެކި ލޭޔަރު ތަކުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. ރަންވޭގެ އެންމެ މަތީ ފަށަލަ ކަމަށްވާ ތާރު ފަށަލަ ފެތުރުގެ މަސައްކަތް ވެސް ފަށާފައިވާއިރު މިއީ ހަ ލޭޔަރުގެ މައްޗަށް ހިމެނޭ ރަންވޭއެކެވެ.

އާ ރަންވޭގެ މަސައްކަތް ކުރަނީ ޗައިނާގެ އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލޯނަކުން ޗައިނާ ބީޔޫސީޖީ ކުންފުނިންނެވެ. އަދި ކުރިން ފަޅެއްގެ ގޮތުގައި އޮތް ސަރަހައްދު ހިއްކައިގެން ހަދަމުންދާ މި އާ ރަންވޭގެ ދިގު މިނުގައި 3،400 މީޓަރު އަދި ފުޅާމިނުގައި 60 މީޓަރު ހުރެ އެވެ.

ދުނިޔޭގެ މިހާރުގެ އެންމެ ބޮޑު ބޯޓުފަހަރު ވެސް ޖެއްސޭ ފެންވަރަށް ތަރައްގީކުރާ ރަންވޭ މި އަހަރު ފަހުކޮޅު ހުޅުވާނެކަމަށް އެމްއޭސީއެލް އިން މައުލޫމާތުދެއެވެ.