ކޮވިޑް-19 އާއި ގުޅިގެން މެދުކަނޑާލި ރަޝިއާ އާއި ރާއްޖެއާ ދެމެދު ދަތުރުތައް ފަށަން ތައްޔާރުވެއްޖެއެވެ.

ރަޝިޔާގެ ބައިނަލްއަގުވާމީ ދަތުރުތައް ކުރުން ވަނީ މިދިޔަ މާޗް މަހުގެ ތެރޭގައި ހުއްޓާލާފައެވެ.

މިދިޔަ ބުރާސްފަތި ދުވަހު ރަޝިއާ ސަރުކާރުން ކުރި އިއުލާނެއްގައި ބުނެފައި ވަނީ، ރާއްޖެ ހިމެނޭހެން ތިން ގައުމަކަށް ދަތުރުކުރުމުގެ ހުއްދަ ދީފައިވާ ކަމަށެވެ. ރާއްޖޭގެ އިތުރުން އެ ސަރުކާރުން ދަތުރު ކުރުމަށް ހުއްދަ ދީފައި ވަނީ، މިސްރަށާއި ދުބާއީއަށެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ޒިޔާރަތް ކުރަމުން އަންނަ ފަތުރުވެރިންގެ އަދަދު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. ރާއްޖެ އަށް މީގެ ކުރިން ރަޝިއާ ފަތުރުވެރިން ވެސް ގިނަ އަދަދަކަށް ދަތުރު ކުރިއެވެ.

ޖުލައި މަހުގެ 15 ވަނަ ދުވަހު ބޯޑަރު ހުޅުވާލި ފަހުން މިހާތަނަށް ރާއްޖެއަށް ދަތުރު ކޮށްފައި ވަނީ 9000 ފަތުރުވެރިންނެވެ. މިއީ އެހެން އަހަރުތަކާ އަޅާ ބަލާއިރު ވަރަށް ބޮޑުތަނުން މަދު އަދަދެކެވެ.

މީގެ ކުރިން މަރުކަޒީ ބޭންކު (އެމްއެމްއޭ) އިން ހާމަކޮށްފައިވާ ގޮތުގައި މިއަހަރު ރާއްޖެއަށް ފަތުރުވެރިކަމުގެ ސިނާއަތުން ލިބޭ އާމްދަނީ 50 އިންސައްތަ އާއި ހަމަޔަށް މަދުވާނެއެވެ.

މިހާރު ރާއްޖެއަށް އެހެން ބައެއް ގައުމުތަކުންވެސް ވަނީ ދަތުރުތައް ފަށާފައެވެ.

މިހާރު ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތް ކުރުމުގެ ކުރިން ކޮވިޑް-19 ހުރިތޯ ޓެސްޓު ހެދުން ފަދަ ބައެއް މުހިންމު ފިޔަވަޅުތައް އަޅަން ޖެހެއެވެ.