ފާއިތުވެ ދިޔަ 32 އަހަރު ތެރޭގައި ދިވެހި ރާއްޖެއަށް 27 ފަހަރު މަތިން ޗުއްޓީ ހޭދަކުރަން އައި ޖަރުމަން ވިލާތުގެ ފަތުުރުވެރިކަމަށް ޓުއަރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މައުސޫމް މަރުހަބާ ދަންނަވައިފިއެެވެ.
ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށްފަހު، އެނބުރި ދާ މީހުން އައިސް ރާއްޖޭގައި އެތައް ދުވަހެއް ވަންދެން އުޅެއެވެ. ރާއްޖޭގެ ހިތްގައިމު ގޮނޑުދޮށާއި، ރާއްޖޭގެ ރީތިކަން އެ މީހުން ބަލާ ބަލާ ފޫހިނުވެއެވެ. މިގޮތަށް އަންނަ ބައެއް ފަތުރުވެރިން ރާއްޖޭގެ އެތައް މަންޒިލަކަށް ދަތުރު ކުރެއެވެ. ދިގު ޗުއްޓީއެއް ނަގައިގެން މިހެން އަންނަ ފަތުރުވެރިން، އެނބުރި ގައުމަށް ދަނީ އެ މީހުންގެ ހިތް ރާއްޖެއަށް ދޫކޮށްލުމަށް ފަހުއެވެ.
މިނިސްޓަރ މައުސޫމް މިއަދު މަރުހަބާ ދެންނެވި އެ ފަތުރުވެރިޔާއަކީ 1988 ވަނަ އަހަރު ރާއްޖެއަށް ފުރަތަމަ ފަހަރަށް ޗުއްޓީ ހޭދަކުރަން އައި ފަތުރުވެރިއެއް ކަމަށް މިނިސްޓަރ މައުސޫމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެެ ފަތުރުވެރިޔާ މިއަދު ރާއްޖެ އައިއިރު، އޭނާ އަންނަ ކޮންމެ ފަހަރެއްގައި މަސް ދުވަސް ވަންދެން ރާއްޖޭގައި މަޑު ކުރާ ކަމަށެވެ.
"ވަރަށް ބޮޑަށް މަރުހަބާ އެންޑީގެ ސެކަންޑް ހޯމް، އެންމެ ފޭވަރޭޓް ރިސޯޓުގައި ހިތްހަމަ ޖެހޭ ފަދަ ޗުއްޓީއެއް ހޭދަކޮށްލާ". މިނިސްޓަރ ލިޔެފައި ވެއެވެ.
He is from #Germany. He arrived in Maldives today on his 27th holiday here. His first holiday was in 1988. On each holiday he stays for a month or so. Welcome back to your 2nd home #Andy. Enjoy your stay at your favorite resort.#Malediven #Urlaub.#Maldives @visitmaldives pic.twitter.com/vvRM0jSnP3
— Abdulla Mausoom (@Mausoom_Maus) October 16, 2020
ކޮވިޑް-19 އާ ހެދި ރާއްޖޭގެ ފަތުރުވެރިކަން މެދުކަނޑާލާފައި އޮތުމަށްފަހު ރާއްޖެ އަލުން ފަތުރުވެރިންނަށް ހުޅުވާލީ ޖުލައި 15 ވަނަ ދުވަހުއެވެ. އެ ދުވަހުގެ ފަހުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު މިހާރު ވަނީ 26،000 އަށް އަރާފައެވެ.
މިއީ ފަތުރުވެރިކަމުގެ ސީޒަަން ކަމުން ރާއްޖެ އަންނަ ފަތުރުވެރިން މި ދުވަސްވަރު ވަރަށް ބޮޑަށް އިތުރުވާނެ ކަމަށް ބެލެވެއެވެ.
ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވަން ކުރަމުންދާ މަސައްކަތުގެ ތެރެއިން ރާއްޖޭގެ ބައެއް ރަށްތަކުގެ ގެސްޓްހައުސްތައް އިއްޔެ ވަނީ ހުޅުވައި ހިދުމަތްދޭން ފަށާފައެވެ.