ކޮވިޑް-19 ފެތުރެމުން އަންނާތީ ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށްފަހު އަލުން ހުޅުވި ފަހުން މިއަދު އަނެއްކާވެސް ރެކޯޑް އަދަދަކަށް ފަތުރުވެރިން އަތުވެއްޖެއެވެ.

ޓްއަރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މައުސޫމް ކުރެއްވި ޓްވީޓެއްގައި ވަނީ މިއަދު ރާއްޖެ އަށް 5555 އަށް ވުރެ ގިނަ ފަތުރުވެރިން އައިކަން ފާހަގަ ކުރައްވާ މަރުހަބާ ވިދާޅުވެފައެވެ.

މިނިސްޓަރ މައުސޫމް ވަނީ ރާއްޖެ އަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެ، ލިބެމުންދާ ކާމިޔާބީ ފާހަގަކޮށް ޓްއަރިޒަމް ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށާއި އަދި ހުރިހާ ދިވެހިންނަށް ޝުކުރު އަދާކުރައްވާފައެވެ.

ވާޗުއަލްކޮށް ބާއްވާ މެރިން އެކްސްޕޯ ހުޅުވައިދެއްވަމުން މިއަދު ދެއްކެވި ވާހަކާގައި މިނިސްޓަރ މައުސޫމް ވިދާޅުވީ ކުރިއަށް އޮތް 10 ދުވަހު ފަތުރުވެރިން އަންނަ އަދަދު އިތުރުވެ، ކޮންމެ ދުވަހަކު އަންނަ ފަތުރުވެރިންގެ އަދަދު 4000 ގައި ހިފެހެއްޓޭނެ ކަމަށެވެ.

ކޮވިޑް-19 ފެތުރެން ފެށުމުގެ ކުރިން ރާއްޖެ އަށް އެވްރެޖްކޮށް ދުވާލަކު 4000 އާއި 5000 ދެމެދުގެ އަދަދަކަށް ފަތުރުވެރިން އާދެއެވެ.

ކުރިއަށް އޮތީ ކްރިމަސް ޗުއްޓީ އާއި އާއަހަރުގެ ޗުއްޓީ ކަމުން ރާއްޖެ އަށް އަންނަ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް އިތުރު ވެގެން ދާނެ ކަމަށް ބެލެވެއެވެ. ނަމަވެސް މިހާރު ފަތުރުވެރިން ރާއްޖެ އައުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ރާއްޖެ އަސް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޔޫރަޕްގެ ބައެއް ގައުމުތަކުގައި ކޮވިޑް-19 ފެތުރުން ވަރަށް ބޮޑަށް އިތުރު ވެފައިވުމެވެ.

އޭގެ އިތުރުން ރާއްޖޭގެ އެންމެ ބޮޑު މާކެޓް ކަމަށްވާ ޗައިނާގެ ފަތުރުވެރިން އަދިވެސް އެގައުމުން ބޭރަށް ދަތުރު ކުރުމުގެ ހުއްދަ ދީފައި ނުވުމަކީ ވެސް ރާއްޖެއަށް މިހާރު އޮތް ނުތަވަސްކަމެކެވެ. މިހާރު ޗައިނާގެ ފަތުރުވެރިންނަށް ރާއްޖެ ދަތުރު ކުރެވޭނަމަ ރާއްޖެއަށް ކުރިން ފަތުރުވެރިން އައި އަދަދަށްވުރެ ވެސް އިތުރަށް ބައެއް ދުވަސް ދުވަހު ފަތުރުވެރިން އައުމުގެ ފުރުސަތު އެބައޮތެވެ.