ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މި މަސްތެރޭގައި ސުޕަ މާރުކޭޓްއެއް ހުޅުވޭނެ ކަމަށް ލަފާކުރެވޭ ކަމަށް އެޗްޑީސީން ބުނެފިއެވެ.

ހިޔާ ފްލެޓްތަކަށް މީހުން ބަދަލުވާން ފެށިއިރު އެތަނުގައި ފިހާރައެއް ނެތުމުން ދިރިއުޅޭ ފަރާތްތަކުން ބޭނުންވާ އެއްޗެހި ގަންނަން ދާން ޖެހޭނީ ފޭސްއެކަކަށެވެ.

"ވަގުތު"އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެޗްޑީސީގެ ރިއަލް ސްޓޭޓް ޑިޕާޓްމަންޓްގެ ޑެޕިއުޓީ ޑިރެކްޓަރ ޝާޒިމް ސައީދު އިއްޔެ ވިދާޅުވީ ކޮމާޝަލްކޮށް ނުވަތަ ވިޔަފާރީއަށް ތަންތަން ދޫކުރުން ކުރިއަށް ގެންދަނީ ތިން މަރުހަލާއަކަށް ބަހާލައިގެން ކަމަށެވެ.

އޭގެ ތެރެއިން މިދިޔަ ހަފްތާގައި ތިން ވަނަ މަރުހަލާ، ބިޑިން ވަނީ ނިންމާފައެވެ. އެއަށް ފަހު ކުރިއަށްދާނީ އެއްބަސްވުންތަކުގައި ސޮއިކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.

ވިޔަފާރިތައް ފަށަން ގްރޭސް ޕީރިއަޑެއްގެ ގޮތުގައި އެޗްޑީސީން ދެނީ ތިން މަހެވެ. ނަމަވެސް ސޮއިކުރެވިފައިވާ ބައެއް ފަރާތްތަކުން މިހާރުން ފެށިގެން ހިދުމަތް ދޭން ފަށަން ބޭނުންވާކަން ޝާޒިމް ފާހަގަކުރެއްވިއެވެ. "ސުޕަމާކެޓެއް މި މަހުގެ ނިޔަލަށް ހުޅުވާލަން އެބޭފުޅުން (ކޮންޓްރެކްޓަރުން) ބޭނުން" ޝާޒިމް ވިދާޅުވިއެވެ.

ފިހާރަތަކަށް ޖާގަ ލިބެނީ ކޮންމެ ޓަވަރެއްގެ އެންމެ ތިރިންނެވެ. އެއީ ގާތްގަނޑަކަށް 1093.40 އަކަ ފޫޓްގެ ޖާގައެވެ.

ދެވަނަ ފިޔަވަހީގައި ކެފޭ، ޕާމަސީ، ސެލުން އަދި ބުކްޝޮޕެއް ހުޅުވުންވެސް އެޗްޑީސީގެ ޕްލޭންގައި ހިމެނެއެވެ.

ހިޔާ ފްލެޓްތައް ނިންމަން ސަރުކާރުން ތިން ތިން މަސް ދުވަހުގެ މުއްދަތު ހަމަވާނީ އަންނަ ޑިސެމްބަރުގެ ނިޔަލަށެވެ. ނަމަވެސް މިހާރު ވެސް ހިޔާ ފްލެޓްތަކުގައި 100 އަށްވުރެ ގިނަ އާއިލާ ދިރިއުޅެމުން އެބަގެންދެއެވެ. ހިޔާ ފްލެޓްތަކަށް މީހުން ބަދަލުވާން ފެށިއިރު އެތަނުގައި ގިނަ އަސާސީ ހިދުމަތްތައް ވެސް ލިބޭކަށް ނެތެވެ. ހިޔާ ފްލެޓްތަކަށް ބަހުގެ ހިދުމަތް ފެށީ ވެސް މިދިޔަ ހަފްތާގެ ހުކުރު ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދޯކާ އެކެއް

    ތިކަމާ އުޅެން އަދި އަވަސް ނޫން ބާ !!! ތީ ކަމެއްވާ ބައެއް ނުން ،،، އިސްތިއުފާ ކިބޫ ‘

    2
    1
  2. ބޮއިހަލާކު

    ތިއަ ތަނުގާ މިސްކިތެއް އެޅޭނެ ދުވަހެއް އަވަސް މުސްތަޤުބަލެއްގާ ފެންނާނެބާ.....
    މިސަރުކާރު މީހުން މިސްކިތް ހެދުމާވަރައް ދެކޮޅުކަމައް ފެންނަމުން ދަނީ......

    2
    1