(ހއ. އުލިގަން) ރާއްޖެ ހުރަސް ކުރާ ޔޮޓް ފަހަރުތައް އެންމެ ގަޔާވާ މަންޒިލަށް މި ރަށްވާ ސަބަބުތައް ގިނައެވެ. އެއީ ގުުދުރަތީ ގޮތުން ރަށާއި ތުނޑި ރީތިވެފައި ހިތްގައިމު މޫދެއް އޮތުމުންނެވެ. އެ ރަށަށްދާ މީހަކު ނަމަ ރަށުގައި ފައި ބީއްސާނުލާ ނާންނާނެ ކަން ޔަގީނެވެ. އެހާ ވެސް އުޅެލަން ފަސޭހަ ރަށެކެވެ.

ކ. މާފުށީގައި ފުޅާވެފައި އޮތް ލޯކަލް ޓޫރިޒަމްއެކޭ އެއްގޮތަށް މި ރަށް ވެސް ފަތުރުވެރިންނަށް ހުޅުވާލެވިދާނެއެވެ. އެކަމަކު، ބޭނުން ވަނީ ރަނގަޅު ޕްލޭނެކެވެ. ރާއްޖޭގެ އެންމެ އުތުރުގައި އޮންނަ ރަށްތަކުގެ ތެރެއިން ގިނަ އަދަދެއްގެ ޔޮޓްތައް ބަނދަރު ކުރާ ރަށަކީ މިއީއެވެ. އުމުރުން ދުވަސްވީ މީހުންގެ ކައިރިން އޮޅުން ފިލުވާލި ގޮތުން ނަމަ، 1980 ގެ އަހަރުތަކުން ފެށިގެން ވެސް މި ރަށަށް ޔޮޓްތައް ބަނދަރުކުރިއެވެ.

އެ ރަށަށް ފުރަތަމަ ޔޮޓް ބަނދަރުކޮށްފައި ވަނީ 1980 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 21 ވީ ހޯމަ ދުވަހު ހެނދުނު 9:30 ގައެވެ. މިއީ އެ ރަށު ރައްޔިތުންނަށް ވަރަށް ތާރީހީ ދުވަހެކެވެ.

އޭގެ ފަހުން، ރަށަށް ބޮޑެތި ޔޮޓް ފަހަރާއި ކުދި ޔޮޓް ފަހަރު ވެސް ކައިރި ކުރެއެވެ.

ހއ. އުލިގަމު މަތިން ނަގާފައިވާ ފޮޓޯއެއް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އުލިގަމު ކައުންސިލް ރައީސް އަހްމަދު މުއާޒް މުހައްމަދު ވިދާޅުވީ، ޔޮޓްތަކުގައި މި ރަށަށް އަންނަ ފަތުރުވެރިން އާންމުކޮށް ގޮސް އުޅެނީ ރަށުގެ ގޮނޑުދޮށަށާއި ރަށުގެ ތުނޑި ހިމެނޭ ސަރަހައްދަށް ކަމަށެވެ. އެ ސަރަހައްދުގެ ތުނޑިއަށް ފަތުރުވެރިން ގޮސް މޫދަށް އެރިލާ ހަދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ރަށަށް އަންނަ ފަތުރުވެރިން ރަށުގައި ހިންގާ އެކި ހަރަކާތްތަކުގައި ވެސް ބައިވެރިވެ އުޅެއެވެ. އަދި ރަށުގައި ލޯކަލް އެޖެންޓުން ކުރިއަށްގެންދާ ހާއްސަ ހަރަކާތްތަކުގައި ވެސް ބައިވެރިވެއެވެ. އޭގެ ތެރޭގައި މޯލްޑިވިއަން ނައިޓް، ބީޗް ޕާޓީ ފަދަ ހަރަކާތްތައް ކުރިއަށް ގެންދިޔައެވެ.

"ކައިރި ބައެއް ރަށްތަކަށްވެސް ދާނެ، މިރަށުގައި ބަނދަރުކޮށްފައި. ސީދާ ގޮތެއްގައި ވެސް ނުސީދާ ގޮތެއްގައިވެސް ކައިރި ރަށްތަކަށް މީގެ މަންފާ ކުރާނެ". މުއާޒް ވިދާޅުވިއެވެ.

މި ރަށުގައި އެންމެ ތަފާތު އެއް ކަމަކީ އާއްްމު ރައްޔިތުންގެ ތެރޭގައި ވެސް ފަތުރުވެރިން އުޅޭ ކަމެވެ. އެއީ މިރަށު ރައްޔިތުންނަށް އާ ކަމެއް ނޫނެވެ. އަބަދުހެން އެ މީހުންނާ ފަތުރުވެރިން ދިމާވާނެއެވެ. ބައެއް މީހުން މިހެން އަންނަ ފަތުރުވެރިންނާ ހާއްސަ ގުޅުމެއްވެސް ބާއްވައެވެ.

އުލިގަމް ބަނދަރުގައި ޔޮޓްތައް - ފޮޓޯ: ކައުންސިލް

"އެކަމަކު ދިވެހި ރާއްޖޭގައި ހެދިފައި ހުރި އާއްމު ގާނޫނުތަކާއި އެއްގޮތްވާގޮތުގެ މަތިން ކަންތައް ކުރަން ޖެހޭނީ". މުއާޒްއެވެ.

ކޮވިޑް-19ގެ ހާލަތު އެންމެ ގޯސް ދުވަސްވަރުގައި މި ރަށު ބަނދަރަށް ޔޮޓްތައް ކައިރި ކުރި ނަމަވެސް ރަށު ތެރެއަށް އެރުމުގެ ހުއްދައެއް ނުދެއެވެ. އެކަމަކު އޭރު ވެސް އެ ފަތުރުވެރިން ރަށުގެ މީހުންނާ ވަކިން ރަށުގެ މޫދުގައި އުޅެލުމުގެ ފުރުސަތު ކައުންސިލުން ވަނީ ދީފައެވެ.

އޭގެ ކުރިއަށް ޖެހިލާ ނަމަ ކަނޑައެޅިފައިވާ ހުދޫދެއްގެ ތެރެއިން ފަތުރުވެރިންނާއި އެންމެން ވެސް މަޖަލުގައި އުޅެ ހަދައެވެ. ތަންތަން ފޮޓޯ ނެގުމާއި ކަންތައްތަކުގައި އުޅެ ހަދައެވެ.

މިރަށަށް ފަތުރުވެރިން މިގޮތަށް އައި ކަމުގައިވިޔަސް، އެހެން ރަށްތަކުގައި ހުންނަހެން ގެސްޓް ހައުސްތަކެއް މިރަށުގައި ނުހުރެއެވެ.

މުއާޒް ވިދާޅުވީ، ކުރިން މިރަށުގައި ޓީޝާޓް ފަދަ އެއްޗެހި ފަތުރުވެރިންނަށް ވިއްކާ ހެދި ކަމަށެވެ.

"އެކަމަކު މިހާރު ސުވެނިއާ ޝޮޕްތައް މިރަށުގައި ނުހުރޭ. އެކަމަކު ވަކި ހާއްސަ އެއްޗަކަށް އޯޑަރު ދީފިއްޔާ ހަދާނެ ". މީގެކުރިން ދެއްވި އިންޓަވިއުއެއްގައި މުއާޒް ވިދާޅުވިއެވެ.

އުލިގަމް ބަނދަރުގައި ޔޮޓްތައް - ފޮޓޯ: ކައުންސިލް

ފީ ބޮޑުވި މައްސަލައަށް ހައްލެއް!

މިރަށަށް އެއް އިރެއްގައި އެތައް ބައިވަރު ޔޮޓްތައް ބަނދަރު ކުރަމުންދިޔައިރު، އެތައް ފަތުރުވެރިންނެއް ރަށު ތެރޭގައި އުޅެެއެވެ. އެކި ކަންކަމުގައި އެ ފަތުރުވެރިން ޝާމިލްވެ އުޅުނެވެ. ނަމަވެސް އެރަށަށް ބަނދަރު ކުރާ ޔޮޓް ފަހަރުތަކުން ނަގާ ފީތައް ބޮޑުވުމާއެކު ޔޮޓްތައް ބަނދަރު ކުރުން ވަރަށް ބޮޑުތަނުން ދަށަށް ދިޔައެވެ. ހާއްސަކޮށް މީގެ 10 ވަރަކަށް އަހަރު ކުރިއަށް ބަލާއިރު، އެތައް ޔޮޓްތަކެެއް މިރަށަށް ބަނދަރު ކުރިއެވެ. ނަމަވެސް ފީތައް ބޮޑުވުމާއެކު އެކަމަށް ހައްލެއް ގެނެސްފައި ވަނީ މި ސަރުކާރުންނެވެ.

އެ ހައްލު ހޯދުމަށް ކަމާ ގުޅުން ހުރި ދައިރާތަކުން ބައިވެރިވެގެން މަހާސިންތާއެއް ވެސް ބޭއްވިއެވެ.

މީގެ ކުރިން ރާއްޖެ އަންނަ ކޮންމެ ސައިޒެއްގެ ޔޮޓަކުންވެސް ކޮޅަކަށް ނަގަމުން އައީ 1000ރ. އެވެ. ނަމަވެސް ގެނެވުނު ބަދަލާއެކު މިދިޔަ އަހަރުގެ މެއި މަހުން ފެށިގެން ކަނޑުމަގުން ރާއްޖެ އަންނަ 15 މީޓަރަށްވުރެ ކުޑަ ޓޫރިސްޓް އުޅަނދުތައް ދައްކަން ޖެހެނީ 250ރ. އެވެ. އަދި 15 މީޓަރަށް ވުރެ ބޮޑު އުޅަނދުތަކުން ކޮޅަކަށް 1000ރ. ދައްކަން ޖެހޭނެއެވެ. އަދި ކުރިން 30 މީޓަރަށް ވުރެ ކުދި އުޅަނދުފަހަރުތަކަށް 5،000ރ. ނުނަގަން ވަނީ ނިންމައިފައެވެ.

އެހެންކަމުން މި ބަދަލުގެ ނަތީޖާއަކަށްވީ %75 ފީތައް ކުޑަވެގެން ދިޔުމެވެ. މި ގެނެވުނު ހެޔޮ ބަދަލުތަކާއެކު އެރަށަށް ބަނދަރު ކުރާ ޔޮޓްތަކުގެ އަދަދުތައް ވަނީ އިތުރުވެގެން ގޮސްފައެވެ. ފާހަގަކޮށްލަން ޖެހޭ ކަމަކީ ރާއްޖެއަށް އާއްމުކޮށް އަންނަ ޔޮޓްތަކުގެ ދިގު މިން 15 މީޓަރު ހަމަ ނުވާ ކަމެވެ.

އުލިގަމަށް ޔޮޓް މޫސުން!

ފަތުރުވެރިކަމުގެ ސީޒަން ފެށިގެން މިހާރު ކުރިއަށްދާއިރު، މި ހިތްގައިމު ރީތި ރަށަށް އެތައް ފަތުރުވެރިން މި އަންނަނީ ޔޮޓްތަކުގައެވެ. ކޮންމެ އަހަރެއްގެވެސް އެއް ދުވަސްވަރެއްގައި މިރަށަށް ޔޮޓްތައް ގިނަވެއެވެ. ސަބަބެއް ނެތިއެއް ނޫނެވެ.

މިރީތި ރަށުގެ ރީތިކަން ބަލާލަން ނާންނާނީ ކާކު ހެއްޔެވެ؟.

ކޮންމެ އަހަރަކުވެސް މި ފެބްރުއަރީ އަދި މާރިޗް މަސް ތެރޭގައި އެތައް ޔޮޓްތަކެއް މިރަށު ބަނދަރުގައި އޮވެއެވެ.

އުލިގަމް ބަނދަރުގައި ޔޮޓްތައް - ފޮޓޯ: ކައުންސިލް

އަދި ފަތުރުވެރިކަމުގެ މި ސީޒަންގައި ވެސް އެރަށަށް އެތައް ޔޮޓްތައް ބަނދަރު ކުރެެއެވެ.

އެރަށު ކައުންސިލް ރައީސް މުއާޒް ވިދާޅުވީ، މިދިޔަ ދެ އަހަރެއްގައި ޔޮޓް ފަހަރު އައުން މަދުވި ކަމަށެވެ. ނަމަވެސް އޭގެ ކުރިއަށް ބަލާއިރު، ސީޒަނެއްގެ ތެރޭގައި 100 އަަށް މައްޗަށްވެސް ޔޮޓް ފަހަރުތައް އައިކަން އޭނާ ފާހަގަކުރެއްވިއެވެ.

އަދި މިހާރު މިރަށަށް ގިނަ އަދަދެއްގެ ޔޮޓްތަށް އައުމަށް މަސައްކަތް ކުރަމުންދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކުރިން ރެކޯޑް ކުރެވިފައިވާ އަދަދުތައް!

  • - ފުރަތަމަ ޔޮޓް ބަނދަރު ކުރީ 1980 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހު
  • - 1995 ވަނަ އަހަރު 30 ޔޮޓް ބަނދަރު ކުރި، 81 މީހުން ރަށަށް ޒިޔާރަތް ކުރި
  • - 1996 ވަނަ އަހަރު 38 ޔޮޓް ބަނދަރު ކުރި، 103 މީހުން ރަށަށް ޒިޔާރަތް ކުރި
  • - 1997 ވަނަ އަހަރު 98 ޔޮޓް ބަނދަރު ކުރި، 274 މީހުން ރަށަށް ޒިޔާރަތް ކުރި
  • - 1998 ވަނަ އަހަރު 99 ޔޮޓް ބަނދަރު ކުރި، 256 މީހުން ރަށަށް ޒިޔާރަތް ކުރި
  • - 1999 ވަނަ އަހަރު 114 ޔޮޓް ބަނދަރު ކުރި
  • - 2000 ވަނަ އަހަރު 72 ޔޮޓް ބަނދަރު ކުރި
  • - 2001 ވަނަ އަހަރު 71 ޔޮޓް ބަނދަރު ކުރި
  • - 2002 ވަނަ އަހަރު 83 ޔޮޓް ބަނދަރު ކުރި
  • - 2003 ވަނަ އަހަރު 106 ޔޮޓް ބަނދަރު ކުރި، 283 މީހުން ރަށަށް ޒިޔާރަތް ކުރި
  • - 2004 ވަނަ އަހަރު 70 ޔޮޓް ބަނދަރު ކުރި

ފަހުން ރެކޯޑް ކުރެވުނު އަދަދުތައް!

  • - 2018 ވަނަ އަހަރު 33 ޔޮޓް ބަނދަރު ކުރި
  • - 2019 ވަނަ އަހަރު 45 ޔޮޓް ބަނދަރު ކުރި
  • - 2020 ވަނަ އަހަރު 39 ޔޮޓް ބަނދަރު ކުރި
  • - މި އަހަރު މިހާތަނަށް 35 ޔޮޓް ބަނދަރު ކުރި

ޔޮޓް މެރީނާއާއެކު އުއްމީދުތަކެއް!

މިރަށުގައި ޔޮޓް މެރީނާއެއް ތަރައްގީ ކުރުމަށް ބިޑަށް ވެސް ލިއެވެ. އެކަމަކު އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވާތީ ކުރިއަށްގެންދެވޭ ގޮތް ވަނީ ނުވެފައެވެ. ޔޮޓް މެރީނާ ތަރައްގީ ކުރެވިއްޖެނަމަ އިތުރު ފަތުރުވެރިންތަކެއް އެރަށަށް އައިސް މުސްތަގްބަލު އޮތީ ވަަރަށް އުޖާލާކޮށެވެ.

މިރަށަށް ޔޮޓް މެރީނާއާއެކު ހޮޓާވެސް ތަރައްގީ ކުރަން ބިޑް ކުރިއެވެ.

މިހާރުގެ ކައުންސިލުންވެސް މިރަށުގައި ޔޮޓް މެރީނާއެއް ތަރައްްގީ ކުރުމުގެ ހިޔާލު ގެންގުޅެއެވެ. އެގޮތަށް އެފަދަ ތަނެއް ތަރައްގީ ކުރެވިއްޖެނަމަ ގިނަ ފައިދާތަކެއް ކުރާނެ ކަމަށް މިރަށު ކައުންސިލުން ގަބޫލު ކުރެއެވެ.

ހއ. އުލިގަމު މަތިން ނަގާފައިވާ ފޮޓޯއެއް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

"ވަގުތު"އާ ވާހަކަދައްކަވަމުން އިއްޔެ މުއާޒް ވިދާޅުވީ، މިރަށަކީ ޒަމާނުއްސުރެ ފެށިގެން ޔޮޓް ފަހަރު ޒިޔާރަތް ކުރާ ރަށަކަށް ވުމާއެކު އެ ފަރާތްތަކުގެ ކަންބޮޑުުވުންތައް އަބަދުވެސް ކައުންސިލާ ހަމައަށް އަންނަ ކަމަށެވެ.

އެގޮތުން ޔޮޓްތައް ގުދުރަތީ ފަރު މައްޗަށް ދާން ޖެހުމުން، ފަރު ހަލާކުވާތީ އެ ފަރާތްތަކުންވެސް ކަންބޮޑުވާ ކަމަށް މުއާޒް ވިދާޅުވިއެެވެ.

ހއ. އުލިގަމު ބަނދަރު މަތިން ނަގާފައިވާ ފޮޓޯއެއް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

"އެއީ އެބޭފުޅުން އަޅުގަނޑުމެންނަށްވުރެ ބޮޑަށް ކަންބޮޑުވާ ކަންބޮޑުވުމެއް، އެހެންވީމަ އެކަންކަން ހައްލު ކުރުމުގެ ބޭނުމުގައި ވެސް ޔޮޓް މެރީނާއެއް ގޮތަށް، ހެދިއްޖެކަމުގައިވާ ނަމަ އެކަންވެސް ހައްލުވެެގެން ދާނެ". އޭނާ ވިދާޅުވިއެވެ.

މުއާޒް ވިދާޅުވީ، މިރަށަކީ ރާއްޖޭގައި އެންމެ ގިނައިން ޔޮޓް ފަހަރު އަންނަ ރަށަށް ވި ކަމުގައި ވިޔަސް، އެ ޔޮޓް ފަހަރުތަކަށް ހާއްސަކޮށް މިރަށުން ހިދުމަތް ނުދެވޭ ކަމަށެވެ. އެގޮތުން މަރާމާތުގެ މަސައްކަތްތަކާއި، އިތުރު ކަންކަން ކުރެވެން ނުހުންނަކަަން އޭނާ ފާހަގަކުރެއްވިއެވެ.

ހއ. އުލިގަމު ތުނޑި މަތިން ނަގާފައިވާ ފޮޓޯއެއް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

"އަޅުގަނޑު މި ދަންނަވަނީ މިސާލަކަށް އެބޭފުޅުން ޔޮޓް މިތަނުގައި ބާއްވާލާފައި، އެބޭފުޅުންގެ ގައުމަށް ގޮސްފައި އެނބުރި އައިސް، އެގޮތަށް ދަތުރު ކުރާ ފަރާތްތަށްވެސް އެބަ އުޅޭ، އެހެންވީމަ އެ ބޭފުޅުން އެކަން ކަށަވަރުކޮށްލަން މިސާލަކަށް ޔޮޓް މެރިނާއެއްގައި ބާއްވާފައި ހިދުމަތްތައް ހޯދޭނެ ގޮތެއް މިވަގުތަކު ނެތް، އަޅުގަނޑުމެންގެ ރަށުން ވަރަށް މަދު ހިދުމަތްތަކެއް ލިބެނީ". މުއާޒް ވިދާޅުވިއެވެ.

މިރަށުގައި މިހާރު ޔޮޓް ފަހަރުތައް ދެވެނީ މަދު ހިދުމަތްތަކެކެވެ. އެގޮތުން އެެޖެންޓުން މެދުވެރިކޮށް އެ ފަރާތްތަކަށް ކާބޯތަކެއްޗާއި، ފެނާއި، ތެލާއި ދަނީ ދެމުންނެވެ. އަދި މަރާމާތުގެ މަސައްކަތްވެސް އެރަށު މީހުން މެދުވެރިކޮށް އެކަންތައް ކުރަމުން ދެއެވެ.

"މިސާލަކަށް ސްޕެއާ ޕާޓްސް އެއްޗެސް ހޯދަން ވެއްޖެއްޔާ މާލެ އިން ނުވަތަ ކައިރިން ކުޅުދުއްްފުށި ކަހަލަ ރަށަކުން މި ޖެހެނީ ގެންނަން. އޭގެ ބަދަލުގައި ސާވިސް ސެންޓަރެއް ކަހަލަ ތަނެއް އެބޭފުޅުންނަށް، ބޭނުންވާ އެއްޗެހި ލިބޭނެ ވަސީލަތްތަކާއެކު ކަމަށް ގަބޫލުކުރަނީ ޔޮޓް މެރީނާއެއް ތަރައްގީ ކުރިއްޔާ ކުރެވިގެން ދާނީ".

މިއީ އެރަށަށް ލިބޭނެ އިތުރު ފުރުސަތެއް ކަމަށް މުއާޒް ގަބޫލުކުރައްވައެވެ.

ފުރަތަމަ އަދި އެންމެ ބޮޑު ޔޮޓް މެރީނާ ކްރޮސްރޯޑްގައި!

ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ފުރަތަަ ޔޮޓް މެރީނާ ހުޅުވީ ކްރޮސް ރޯޑްސްގައެވެ. މިއީ ޒަމާނީ އަދި ލަގްޒަރީ ފެންވަރުގެ ޔޮޓް މެރީނާއެވެ. އެއްފަހަރާ 30 ޔޮޓް ބަނދަރު ކުރެވޭ މި ޔޮޓް މެރީނާއިން ވޯލްޑް ކްލާސް ހިދުމަތް ލިބޭނެެއެވެ.

ކްރޮސް ރޯޑްސްގެ ޔޮޓް މެރީނާ

އަދި މިތަނުން 10 މީޓަރާއި 60 މީޓަރާއި ދެމެދުގެ އުޅަނދުތަކަށް ހިދުމަތް ދެވޭނެއެވެ.

ރާއްޖޭގައި އަލަށް ފަށާ ޔޮޓް ރެލީއަށް އުލިގަން ތައްޔާރު!

ސަގާފީ ފަތުރުވެރިކަން ކުރިއެރުވުމަށް އަންނަ އަހަރު ތެރޭގައި 'ސަވާދީއްތަ ދަތުރު'ގެ ނަމުގައި ބައިނަލްއަގްވާމީ ޔޮޓު ރެލީއެއް ބާއްވަން ސަރުކާރުން ވަނީ ނިންމާފައެވެ. މި ރެލީ ފަށާ ރަށަކީ އުލިގަމެވެ. މި ރެލީ ފަށަނީ ފެބްރުއަރީ މަސް ތެރޭގައެވެ.

މި ޔޮޓު ރެލީގައި ރާއްޖޭގެ 15 ރަށަކަށް ޔޮޓުތައް ދަތުރު ކުރާ ގޮތަށް ހަމަޖެހިފައި ވެއެވެ. މީގެ ތެރޭގައި ގިނައީ މީހުން ދިރިއުޅޭ ރަށްތަކެވެ. އެއީ އުލިގަން ހިމެނޭހެން ހއ. އަތޮޅުގެ އަށް ރަށަކާއި، ހދ. ކުޅުދުއްފުށި ހިމެނޭހެން އެ އަތޮޅު ތިން ރަށަކާއި، ށ. އަތޮޅު ދެ ރަށަކާއި، ނ. ލަންދޫ އަދި ބ. ތުޅާދޫއެވެ. މީގެ އިތުރުން ހަނިފަރު ބޭ އާއި ބިލެތްދޫ ތިލައަށް ވެސް ދަތުރުކުރާނެއެވެ.

މިއީ މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އާއި، ހެރިޓޭޖް މިނިސްޓްރީ އާއި ސިފައިންގެ ވެލްފެއާ ކޮމްޕެނީ (އެސްއައިޑަބްލިއުއީސީ) އަދި ނޭޝަނަލް ސެންޓަރ ފޯ ކަލްޗަރަލް ހެރިޓޭޖް ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.

"ސަވާދީއްތަ ދަތުރު" އިފްތިތާހުކުރުމުގެ ހަފްލާ

މުއާޒް ވިދާޅުވީ، މި ރެލީ މި ރަށުން ފަށާ ގޮތަށް އޮތް އިރު، ރެޖިސްޓްރޭޝަން އޮންނާނީ މިރަށުގައި ކަމަށެވެ. އަދި މިހާރު އެކަމަށް ވަރަށް ބޮޑަށް ތައްޔާރުވަމުން އަންނަ ކަމަށް މުއާޒް ވިދާޅުވިއެވެ.

"އަޅުގަނޑުމެންވެސް ތައްޔާރުވަމުން މި ދަނީ، އަޅުގަނޑުމެންވެސް އެބަހުރި ސަގާފީ ހަރަކާތްތަކާއި، އަދި ހަވީރުގެ ސަޔަކާއި، ހަވީރު ބީޗްގައި ބާބެކިއުއަކާ އެއްކޮށް ކުރިއަށްގެންދަން ރާވާފައި". މުއާޒް ވިދާޅުވިއެވެ.

އޭގެ އިތުރުން، ރަށުގެ ހުރި ހާއްސަ ތަންތަން ދައްކާލުންވެސް ކުރިއަށްގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އުލިގަމަކީ އިންޑިއާ ކަނޑުގެ ހުޅަނގު އުތުރުން ދަތުރުކުރާ ފަރާތްތައް އަރަބި ކަނޑުން ދަތުރު ފެށުމުގެ ކުރީން ވަރަށް ގިނަ ފަހަރަށް މަޑުކުރާ ރަށެކެވެ. މި ރަށުގައި ޔޮޓް މެރީނާއަކާއި ފަތުރުވެރިންނަށް ހިދުމަތް ދެވޭނެ ވަސީލަތްތައް ގާއިމު ކުރެވިއްޖެ ނަމަ، މާފުއްޓާ އެއް ވަރަށް ނުވަތަ އެއަށް ވުރެ ބޮޑަށް ވެސް ފަތުރުވެރިކަން ކުރިއަރާނެ ކަން ޔަގީނެވެ.