މީހުން ދިރިއުޅޭ ގޭގޭގެ ވަކި ކޮޓަރިތަކުގައި ރާއްޖެ އަށް އަންނަ ފަތުރުވެރިންނަށް ތިބެވޭ ގޮތަށް ތައާރަފުކުރާ "ހޯމްސްޓޭ" ޓޫރިޒަމް ގަވާއިދު ރޭ އާންމުކުރިއިރު ފަތުރުވެރިން ބައިތިއްބާ ގެތަކުގެ ވެރިފަރާތުން މީރާގައި ރަޖިސްޓްރީކޮށް ޓެކްސް ދައްކަން ޖެހޭނެ ކަމަށް ބުނެފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އެކުލަވާލި ގަވައިދުގައި ބުނެފައިވާ ގޮތުގައި ގަވާއިދުގެ ދަށުން ހޯމްސްޓޭގެ ގޮތުގައި ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގެ ހުއްދަ ދޫކުރެވޭނީ، ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތަކަށެވެ.

ގަވައިދުގައި ބުނެފައި ވަނީ ހޯމްސްޓޭގެ ގޮތުގައި ޓޫރިސްޓް ގެސްޓްހައުސްއެއް ހިންގުމުގެ ހުއްދައަށް އެދި ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ހުށަހަޅާއިރު، ޓޫރިޒަމް ގުޑްސް އެންޑް ސަރވިސަސް ޓެކްސް ދެއްކުމަށް މީރާގައި ރަޖިސްޓްރީ ކޮށްފައިވާ ކަމުގެ ލިޔުން ހުށަހަޅަން ޖެހޭނެއެވެ.

މީގެ އިތުރުން ހޯމްސްޓޭގެ ގޮތުގައި ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގެ ހުއްދައަށް އެދި ހުށަހަޅާ ވިޔަފާރީގެ އެންމެހައި ބައިވެރީންނާއި ޑިރެކްޓަރުންގެ ފަސް އަހަރުދުވަހުގެ ކުށުގެ ރިކޯޑް ވެސް ހުށަހަޅަން ޖެހޭނެއެވެ.

ގަވައިދުގައި ވަނީ ފަތުރުވެރިން ބައިތިއްބާ ކޮޓަރި ހުންނަން ޖެހޭނެ ގޮތުގެ ތަފްސީލްތައް ވެސް ހިމަނާފައެވެ. އެކޮތުން ކޮޓަރީގެ ބޮޑުމިނުގައި މަދުވެގެން 120 އަކަފޫޓް ހުންނަން ޖެހޭނެ ކަމަށް ގަވައިދުގައި ބުނެފައި ވެއެވެ. އޭގެ އިތުރުން ކޮޓަރީގައި ބާލީސް ހުންނަން ޖެހޭނެ އަދަދާއި، ތަޅު ހުންނަން ޖެހޭނެ ގޮތާއި އަދި ފާހާނާ ހުންނަން ޖެހޭނެ ގޮތުގެ ތަފްސީލްތައް ވެސް ގަވައިދުގައި ހިމަނާފައިވެއެވެ.

ހޯމް ސްޓޭ ގެސްޓްހައުސްގެ ހުއްދައަށް އެދޭ ތަންތަނާއި ހުއްދަ ދީފައިވާ ހޯމްސްޓޭގެ ގޮތުގައި ހިންގާ ޓޫރިސްޓް ގެސްޓްހައުސްތައް، ބަލައި ފާސްކުރަން ޓޫރިޒަމް މިނިސްޓްރީން ބޭނުންވި ނަމަވެސް ބަލަައި ފާސްކުރެވޭނީ މަދުވެގެން 24 ގަޑިއިރުގެ ނޯޓިހެއް ދިނުމަށްފަހު އެވެ.

މާދަމާ ދިއްގަރުގައި ހޯމް ސްޓޭ ތައާރަފް ކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. Anonymous

    ބަދުއަހުލާގީ ކަންތައް ވަރަށް ބޮޑަށް ފުޅާވާނެ

  2. ޖަނާ

    ޣައިރު ދީންތައް ފެތުރުމުގެ ޙީލަތްތެރި އަދި މީހުން ދަލުގައި ޖައްސާ ދުރުރާސްތާ ޕްލޭނެއް.

  3. ތެދު

    ޢިސްލާމީ ވަހުދަތު ހަލާކުކުރަން ލާދީނީން ހިންގާ ބޮޑުފާހިޝްކަންތައްގަނޑެއް..؟! އެއްޖިންސުން ފާހިޝް ކަންތައްކުރާބަޔަކު، ކުޑަކުދިންނާ ބެހޭބަޔަކު އައިސް ގޭގެތެރޭ ތިބޭބަޔަކާފާހިޝް އަމަލްހިންގަންފެޝީމަ ދެން..؟؟!!! ﷲ އައްބިރުވެތިވެ ރައްޔިތިން ހޭއެރުމައް ނަސާހަތްތެރިވަން.

  4. މަންތިރި

    ޢާއިލީ މަސްލަޙަތަށް ބެލުމެއްނެތި، ރައްޔިތުންގެ ގެދޮރު ކުއްޔަށްދީގެން ފައިސާ ހޯދުމުގެ މަކަރުވެރި ވިސްނުން ގެންގުޅޭ މުޑުދާރު ބކރ ތަކެއް. އެންމެ ފުރަތަމަ ކުރަންވީ ކަމަކީ ސަރުކާރު ގެރިން ދިރިއުޅޭ ގެތަކުގައި ޢާއިލާއެކު ޓޫރިސްޓުން ގެންގުޅެންވީ. އޭގެފަހުން މުޑުދާރު ގެރިންތައް ނިމިދާންވީ. މިކަމަކީ މަކަރުވެރި ދުރުވިސްނުމެއްގެ ތެރެއިން ޒަމާނުންސުރެ ދިވެހިޢާއިލާތަކުގައި އޮތް ހަމަޖެހުންނަގާލާ، އިސްލާމްދީނުގެ އަޤީދާ ބަލިކަށިކުރުމަށް އަދުއްވުން ހިންގާ ޖަރީމާއެއް.

  5. ޖުހާ

    ކެނެރީގޭ ނަސީދުއާ އެމް.ޑީޕީގެ މަކަރުވެރި ރޭވުން ހާސިލްވާތަން ތިޔަފެނުނި. ވަރަށް ނުރައްކާތެރި ނުބައި ނުލާފާ ބައެއްގެ ރޭވުން.

  6. ސސ

    ތިޔަ ހޯމް ސްޓޭ ޓޫރިޒަމް މާލޭގައި ހިންގާތާ 50 އަހަރު އެއްވެސް ތަނެއްގައި ރަޖިސްޓްރީ ނުކޮށް، އެކަމަކު އަތޮޅުތަކުގެ ރައްރަށުގައި މިކަންކުރަންވީމާ ރެޖިސްޓްރީ ކުރަންޖެހޭ ތަންތަންވެސް އެހާމެ ގިނަ ބައިއަޅަން ޖެހޭ ތަންތަންވެސް އެހާމެގިނަ ވެއްޖެ !