ރާއްޖޭގައި ކުރިއަށްގެންދާ ޔޫއެންޑަބްލިއުޓީއޯގެ ގްލޯބަލް ސަމިޓް މިއަދު ފަށައިފިއެވެ.

މިއަދު ކްރޮސްރޯޑްސްގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ސަމިޓް ފައްޓަވާ ދެއްވީ ޔޫއެންޑަބްލިއުޓީއޯގެ ސެކްރެޓަރީ ޖެނެރަލް ޒޫރަބް ޕޮލޮލިކަޝްވިލީ އެވެ.

ސަމިޓްގައި ވާހަކަދައްކަވަމުން ޒޫރަބް ވިދާޅުވީ ކޮވިޑް-19 އެކު ފަތުރުވެރިކަމަށް ދިމާވެފައިވާ ދަތިތަކުން އަރައިގަތުމުގައި ގައުމުތައް ގުޅިގެން މަސައްކަތްކުރުން ވަރަށް މުހިންމު ކަމަށެވެ.

ޔޫއެންޑަބްލިއުޓީއޯގެ ބޭނުމަކީވެސް ގައުމުތައް ގުޅުވާލުން ކަމަށް ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، ގައުމުތަށް ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ފުރުސަތުތައް ފަހިކޮށްދިނުން މުހިންމު ކަމަށެވެ.

ޔޫއެންޑަބްލިއުޓީއޯގެ ގްލޯބަލް ސަމިޓްގައި ޖެނެރަލް ސެކެރެޓަރީ ޒޫރަބް - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

ސަމިޓްގައި ނޫސްވެރިންނާއި ވާހަކަފުޅުދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވީ ކޮވިޑަށް ފަހުން ރާއްޖޭގެ ފަތުރުވެރިކަން ކޮވިޑްގެ ކުރިން އޮތް ހާލަތަށް ގެންދިޔުމަށް ވަރަށް ގިނަ މަސައްކަތްތައް ކޮށްފައިވާ ކަމަށެވެ.

އެ މަސައްކަތްތަކުގެ ސަބަބުން ކޮވިޑްގެ ކުރިން އޮތް ހާލަތަށް ފަތުރުވެރިކަން ގެނެވިއްޖެ ކަމަށާއި އެ ކާމިޔާބީއިން އެހެން ގައުމުތަކުން މިސާލުނަގާ ކަމަށް ވިދާޅުވިއެވެ. ރާއްޖޭގެ ކާމިޔާބީގެ ވާހަކަތައް އެހެން ގައުމުތަކުން އެނގެން ބޭނުންވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"މިފަދަ ބައްދަލުވުންތަކުގައި ގައުމުންތަކުން ރާއްޖޭގެ ކާމިޔާބީއާ ގުޅޭގޮތުން ގިނަ ސުވާލުތަކެއް ކުރޭ. އެގޮތުން ކޮވިޑާއެކުވެސް ރާއްޖޭގެ ފަތުރުވެރިކަމަށް އެހާބޮޑު ކުރިއެރުމެއް ލިބުނީ ކިހިނެއްތޯ ގައުމުތަކުން ސުވާލުކުރޭ. މި ސަމިޓަކީ ކޮވިޑުން އަރައިގަތުމަށް ރާއްޖެއިން ކުރި މަސައްކަތްތައް ކިޔައިދިނުމަށް ލިބޭ ރަނގަޅު ފުރުސަތެއް. " މިނިސްޓަރު ވިދާޅުވި އެވެ.

ޔޫއެންޑަބްލިއުޓީއޯގެ ގްލޯބަލް ސަމިޓްގެ ތެރެއިން ޓޫރިޒަމް މިނިސްޓަރ ނޫސްވެރިންނަށް މައުލުމާތު ދެނީ - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

މިއަދު ބޭއްވި ސަމިޓް ބައްދަލުވުމުގައި ގައުމުތަކުން މަޝްވަރާ ކޮށްފައިވަނީ އީޖާދީ އަދި ޑިޖިޓަލް ބަދަލުތަކުގެ އެހީގައި ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވިދާނެ ގޮތްތަކާއި ގުޅޭގޮތުންނެވެ.

އެ މަޝްވަރާގައި މެލޭޝިއާ، އިންޑޮނޭޝިއާ، ޖަޕާން އަދި ޓިމޯލެސްޓޭގެ ވަޒީރުން ފެންވަރުގެ ބޭފުޅުން ބައިވެރިވެވަޑައިގެންފައެވެ.

މި ބައްދަލުވުމުގައި ޔޫއެންޓަބްލިއުޓީއޯގެ އިސްބޭފުޅުންނާއި، ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ޖަމިއްޔާތަކުގެތެރޭގައި ހިމެނޭ ޕެސިފިކް އޭޝިއާ ޓްރެވަލް އެސޯސިއޭޝަން (ޕާޓާ) ޕެސިފިކް ޓޫރިޒަމް އޮގަރނައިޒޭޝަން (އެސްޕީޓީއޯ) އަދި އެއަރޕޯޓްސް ކައުންސިލް އިންޓަރނޭޝަނަލް އޭޝިއާ ޕެސިފިކް (އޭސީއައި)ގެ އިސް ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންނެވި އެވެ.

ދުނިޔޭގެ ޓޫރިޒަމް ދާއިރާގެ އިސް ގިނަ ފަރާތްތަކަކާއެކު ކްރޮސްރޯޑް މޯލްޑިވްސް އާއި ޕެރެޑައިސް އައިލެންޑް ރިސޯޓް އެންޑް ސްޕާގައި ބާއްވާ މި ސަމިޓު އޮންނާނީ މިމަހުގެ 13 އިން 16 ގެ ނިޔަލަށެވެ.

ޓޫރިޒަމް މިނިސްޓްރީ އާއި ޔޫއެންޑަބްލިއުޓީއޯއާ ގުޅިގެން މި ސަމިޓު ބާއްވަނީ ރާއްޖޭގެ ޓޫރިޒަމްގެ ރަންޔޫބިލް ފާހަގަ ކުރުމުގެ ގޮތުންނެވެ.