2021 ވަނަ އަހަރުގެ އިންކަމް ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑި މާދަމާއަށް ހަމަވާތީ މީރާ އިން އެކަން ހަނދާންކޮށްދީފިއެވެ.

މީރާ އިން ބުނީ، ބޭންކުތަކާއި އިންޝުއަރެންސްގެ ވިޔަފާރިކުރާ ފަރާތްތަށް ފިޔަވައި އެހެން ފަރާތްތަކުން އިންކަމް ޓެކްސް ބަޔާނުގެ ގޮތުގައި ހުށަހަޅަންޖެހެނީ MIRA 604 ފޯމް ކަމަށެވެ.

އިންކަމް ޓެކްސް ބަޔާން ހުށަހަޅައި ފައިސާދައްކަންޖެހެނީ ވަކި ޝަރުތުތަކެއް ހަމަވާނަމައެވެ. މި ޝަރުތަކަކީ ކޮބައިތޯ ދެނެގަތުމަށް އެހީތެރިވުމުގެ ގޮތުން، މީރާގެ ވެބްސައިޓުގައިވާ އިންޓަރެކްޓިވް ގައިޑް ބޭނުންކުރެވޭނެއެވެ.

އިންކަމް ޓެކްސް ބަޔާން ހުށަހަޅަން ނުޖެހެ ފަރާތްތައް

• 2020 އަދި 2021 ވަނަ އަހަރުގެ ޖުމުލަ އާމްދަނީ 2 މިލިއަން ރުފިޔާއަށް ވުރެ އިތުރު ނުވާ އަދި 2020 އަދި 2021 އަހަރުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ 720,000ރުފިޔާއަށް ވުރެ އިތުރު ނުވާ ފަރުދުން 2021 ވަނަ އަހަރަށް އިންކަމް ޓެކްސް ބަޔާން ހުށަހެޅުމުން އިސްތިސްނާވާނެއެވެ.

• ފަރުދަކަށް 2021 ވަނަ އަހަރު ލިބުނު ޖުމުލަ އާމްދަނީއަކީ ވަޒީފާދޭ އެންމެ ފަރާތަކުން ލިބުނު އުޖޫރަ ކަމުގައިވާނަމަ، އެ ފަރާތުން 2021 ވަނަ އަހަރަށް އިންކަމް ޓެކްސް ބަޔާން ހުށަހަޅާކަށް ނުޖެހޭނެއެވެ.

• 2020 އަދި 2021 އަހަރުގެ ޖުމުލަ އާމްދަނީ 2 މިލިއަން ރުފިޔާއަށް ވުރެ އިތުރު ނުވާ އަދި 2020 އަދި 2021 އަހަރުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ 500,000ރުފިޔާއަށް ވުރެ އިތުރު ނުވާ ކުންފުނިތަކާއި ޕާޓްނަރޝިޕްތަކުން 2021 ވަނަ އަހަރަށް އިންކަމް ޓެކްސް ބަޔާން ހުށަހެޅުމުން އިސްތިސްނާވާނެއެވެ.

• 2020 އަދި 2021 އަހަރުގައި އެއްވެސް އާމްދަނީއެއް ލިބިފައިނުވާނަމަ ކުންފުނިތަކާއި ޕާޓްނަރޝިޕްތަކުން 2021 ވަނަ އަހަރަށް އިންކަމް ޓެކްސް ބަޔާން ހުށަހަޅާކަށް ނުޖެހޭނެއެވެ.

އިންކަމް ޓެކްސް ބަޔާންހުށަހެޅުމުގައި ސަމާލުވާންވީ ކަންކަން!

• އިންކަމް ޓެކްސް ބަޔާނާއެކު މަލީ ހިސާބުތައް ހުށަހަޅަންޖެހޭނީ ހަމައެކަނި ވިޔަފާރި އާމްދަނީ ލިބޭ ފަރާތްތަކުންނެވެ.

• ވިޔަފާރި އާމްދަނީ ލިބޭ ފަރާތްތަކުން، އެ ފަރާތުގެ ޖުމުލަ އާމްދަނީ 10 މިލިއަން ރުފިޔާއަށް ވުރެ އިތުރުވާނަމަ، އިންކަމް ޓެކްސް ބަޔާނާއެކު އޮޑިޓަރުގެ ރިޕޯޓް ހުށަހަޅަންޖެހޭނެއެވެ.

• އުޖޫރަ ލިބޭ ފަރާތްތަކުން ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރަންވާނީ، ފައިސާ އާއި ފައިސާއިން ނޫންގޮތަށް ލިބިފައިވާ އިނާޔަތާއި މަންފާ ހިމަނައިގެންނެވެ.

• އުޖޫރަ ލިބޭ ފަރާތްތަކުގެ ތެރެއިން މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް އުނިކޮށްފައިވާ ފަރާތްތަކުން، އިންކަމް ޓެކްސް ބަޔާން ހުށަހަޅަންޖެހޭނަމަ، ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރާނީ، އެ ގޮތުން ޓެކްސް އުނިކޮށްފައިވާ އުޖޫރައިގެ އަދަދު ވެސް ހިމަނައިގެންނެވެ. އެހެންނަމަވެސް ދައްކައިފައިވާ ވިތުހޯލްޑިންގ ޓެކްސްގެ އަދަދު،މުޅި އަހަރަށް ދައްކަންޖެހޭ ޓެކުހުގެ އަދަދުން ކެނޑޭނެއެވެ.

މީގެ އިތުރުން، އިންކަމް ޓެކްސް ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުމަކީ އޮންލައިކޮށް ކުރެވޭކަމެއް ކަމަށް ވެފައި، ޓެކްސް ދައްކާ ހުރިހާ ފަރާތްތަކަށްވެސް މީރާ ކަނެކްޓް އެކައުންޓްދޫކޮށްފައިވާތީ، ޓެކުހާ ގުޅޭ ޒިންމާތައް އަދާކުރުމަށް މީރާއަށް އައުމުގެ ބަދަލުގައި ހުރިހާފަރާތްތަކުންވެސް އޮންލައިން ޚިދުމަތް ބޭނުންކުރުމަށް މީރާ އިން ވަނީ އެދިފައެވެ.

އަދި، ފަރުދުންގެ ތެރެއިން ހަމައެކަނި އުޖޫރައިން އާމްދަނީ ލިބޭ ފަރާތްތައް، ނުވަތަ ހަމައެކަނި ނުއުފުލޭ މުދާ ކުއްޔަށް ދީގެން އާމްދަނީ ލިބޭ ފަރާތްތަކުގެ ތެރެއިން ހަރަދުގެ ގޮތުގައި ކުލީގެ 20% އުނިކުރާ ފަރާތްތައް، ނުވަތަ ހަމައެކަނި މި ދެ ބާވަތުން އާމްދަނީ ލިބޭ ފަރާތްތަކުން، "ސިމްޕްލިފައިޑް އިންކަމް ޓެކްސް ބަޔާނެއް" ގެ ގޮތުގައި މިހާރު އިންކަމް ޓެކްސް ބަޔާން ހުށަހެޅޭނެ ކަމަށް މީރާއިން މައުލޫމާތުދެއެވެ.