ވިލާ ކުންފުނީގެ ސަބްސިޑަރީއެއް ކަމަށްވާ އައިލެންޑް ފައިނޭންޝަލް ސާވިސަސް އަށް އެމްއެމްއޭ އިން ދޫކޮށްފައިވާ ފައިސާ ފޮނުވުމުގެ ލައިސަންސް ހިފެހެއްޓުމުން ވެސްޓަން ޔުނިއަން މަނީ ޓްރާންސްފާގެ ހިދުމަތް މެދުކެނޑިއްޖެއެވެ.

ވެސްޓަން ޔޫނިއަންގެ ރާއްޖޭގެ އެޖެންޓަކީ އައިލެންޑް ފައިނޭންޝަލް ސާވިސް އެވެ. ރާއްޖޭގައި ވެސްޓަން ޔޫނިއަންގެ ހިދުމަތް އެންމެ ފުޅާ ދާއިރާއެއްގައި ދެމުން ގެންދަނީ އައިލެންޑް ފައިނޭންޝަލް ސާވިސް އިންނެވެ. ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނާއި ބޭރުގައި ތިބޭ ދިވެހި ކިޔަވާ ކުދިން އަދި ވިޔަފާރިވެރިން ވެސް އެކި ގައުމުތަކަށް ފައިސާ ފޮނުވަން ވެސްޓަން ޔޫނިއަންގެ ހިދުމަތް ބޭނުން ކުރެއެވެ.

އެމްއެމްއޭ އިން ކޮށްފައިވާ އިއުލާނުގައި ބުނީ އައިލެންޑް ފައިނޭންޝަލް ސާވިސަސް ޕްރައިވެޓް ލިމިޓެޑަށް އެ އޮތޯރިޓީން ދޫކޮށްފައިވާ، ރެމިޓަންސް ހިދުމަތް ދިނުމަށް ބޭނުންވާ ޕޭމަންޓް ހިދުމަތް ދިނުމުގެ ލައިސަންސް ވަކި ގޮތެއް އަންގަންދެން މި މަހުގެ 8 އިން ފެށިގެން ހިފަހައްޓާފައިވާ ކަމަށެވެ.

ލައިސަންސް ހިފެހެއްޓި ސަބަބެއް އެމްއެމްއޭއަކުން ނުބުނެ އެވެ.

ނަމަވެސް އައިލެންޑް ފައިނޭންޝަލް ސާވިސަސް އިން ބުނީ ލައިސަންސް ހިފަހައްޓާފައި ވަނީ ފައިސާ ފޮނުވުމަށް ބޭނުން ކުރާ އެޕްލިކޭޝަނަށް ބަދަލުތަކެއް ގެނައުމަށް ކަމަށެވެ. އެކުންފުނިން ބުނީ އަންނަ އާދީއްތަ ދުވަހު އަލުން ފައިސާ ފޮނުވުމުގެ ހިދުމަތް ފެށޭނެ ކަމަށް އުއްމީދު ކުރާކަމަށެވެ.

ވެސްޓަން ޔޫނިއަން އަކީ އެމެރިކާގެ ކުންފުންޏެކެވެ. އެކުންފުނިން ދުނިޔޭގެ 200 އަށް ވުރެ ގިނަ ގައުމަށް ފައިސާ ފޮނުވެއެވެ.