ރާއްޖެއަށް ދިމާވެފައިވާ ކާޑުގެ މައްސަލައަށް ހައްލެއް ހޯދައި ދިނުމުގެ ގޮތުން ރާއްޖެއަށް ގޮދަން ގެނެސް، ފުށް ބަންދު ކުރަން ފަށަން ވެގެން އެސްޓީއޯއިން އަޅަން އުޅޭ ފުށް ފެކްޓަރީގެ މަސައްކަތް އަންނަ އަހަރު ފަހުކޮޅު ނިންމާލެވޭނެ ކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ.

އަމްރު މިގޮތަށް ވިދާޅުވީ ދައުލަތުގެ މީޑިއާ ޕީއެސްއެމް ނިއުސްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުންނެވެ.

އަމްރު ވިދާޅުވީ ފުށް ފެކްޓަރީގެ މަސައްކަތް ކުރަން ހަމަޖެހިފައިވަނީ ބޭރުން ގޮދަން އެތެރެކޮށް ރާއްޖޭގައި ގާއިމުކުރާ ކާރުހާނާގައި ތައްޔާރުކޮށް ބަންދުކުރާ ގޮތަށް ކަމަށެވެ.

ގޮދަން ފުށް ފެކްޓަރީ ތަރައްގީކުރުމުގެ އަމަލީ މަސައްކަތްތައް ފެށުމަށް މިހާރު ތައްޔާރުވެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ފުށް ފެކްޓަރީ ކުޅުދުއްފުށީގައި އަޅަން ބިން ހޯދަން މަޝްވަރާ ކޮށްފި

ފުށް ފެކްޓަރީ ގާއިމް ކުރުމަށް ކުރަން އޮތީ ދެ މަސައްކަތް ކަމަށާއި އެއީ ފުށް ފެކްޓަރީގެ އިމާރާތް އެޅުމާއި އެތަނަށް ބޭނުންވާ ޝިނަރީއާއި ސާމާނު ގެނައުން ކަމަށް ވިދާޅުވި އެވެ.

"މި ފެކްޓަރީއާއި އެކު، ކާޑު ސަބްސިޑީއަށް ސަރުކާރުން ކުރާ ޚަރަދު ކުޑަކުރެވި، ތާޒާކޮށް ފުށް ލިބޭނެ މަގު ތަނަވަސްވެގެންދާނެ. ދައުލަތުގެ ބަޖެޓުގައި ފުށް ސަބްސިޑީއަށް ބޮޑު ޚަރަދެއް ކުރޭ، އެބައި ކުޑަވެގެން ދިޔުމުން އެ ފައިސާ ސަރުކާރުން އެހެން ކަންތައްތަކަށް ބޭނުންކުރެވޭނެ." އަމްރު ވިދާޅުވި އެވެ.

އަދި ފުށުގެ ރައްކާތެރިކަމުގެ ޔަޤީންކަން ލިބިގެންދާނެ ކަމަށާއި ތާޒާ ފުށް، ތަފާތު ވައްތަރުގެ ފުށް އެ ފެކްޓަރީއިން ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.

އެސްޓީއޯއިން ފުށްފެކްޓަރީ އެޅުމަށް ނިންމާފައިވަނީ ކުޅުދުއްފުށީ ސިޓީގައެވެ. އެ ސިޓީން މިހާރު ވަނީ ފެކްޓަރީ އެޅުމަށް ބިން ވެސް ބަލާފައެވެ.

ކިޔުންތެރިންގެ ހިޔާލު