ރާއްޖޭގެ ފަތުރުވެރިކަން ކުރެއްވި ބާނީންނަށް "ޕްރެޒިޑެންޓްސް ޓޫރިޒަމް ގޯލްޑް އެވޯޑް" މިރޭ ދީފިއެވެ.

މި އެވޯޑު ދީފައި ވަނީ ފަތުރުވެރިކަމަށް 50 އަހަރު ފުރުނު މުނާސަބަތުގައި ރާއްޖޭގައި އެންމެ ފުރަތަމަ ހުޅުވި ރިސޯޓު ކުރުނބާ މޯލްޑިވްސްގައި ބޭއްވި "ފަތުރުވެރިކަމުގެ ރަން ޔޫބީލް ގާލާ އިވްނިން" ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

"ޕްރެޒިޑެންޓްސް ޓޫރިޒަމް ގޯލްޑް އެވޯޑް" ލިބިވަޑައިގެންނެވީ ހެލްތު މިނިސްޓަރު އަހުމަދު ނަސީމާއި ޔުނިވަސަލްގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) އާއި ޗަމްޕާ ހުސައިން އަފީފަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، މިރޭ ޗަމްޕާ ހުސެއިން އަފީފަށް އެވޯޑު ދެއްވަނީ. -- ފޮޓޯ: ރައީސް އޮފީސް

އެމްޔޫ މަނިކަކީ 1972 ވަނަ އަހަރު ރާއްޖެ އަށް ފަތުރުވެރިކަން ތައާރަފްކޮށް ދެއްވި އެއް ބާނީއެވެ. އެމަނިކުފާނު ވަނީ މި ސިނާއަތަށް މެދުކެނޑުމެއް ނެތި މިއަދާ ހަމައަށް އަގުހުރި އެތައް ހިދުމަތްތަކެއް ކޮށް ދެއްވައިފައެވެ.

ޗަމްޕާ ހުސެއިން އަފީފަކީ 1970 ވަނަ އަހަރު ރާއްޖެ އަށް ފަތުރުވެރިކަން ތައާރަފްކޮށް ދެއްވި އެއް ބާނީއެވެ. އެމަނިކުފާނު ވެސް ވަނީ މި ސިނާއަތަށް މެދުކެނޑުމެއް ނެތި އަގުހުރި ހިދުމަތްތަކެއް ކޮށް ދެއްވައިފައެވެ.

ނަސީމަކީ ރާއްޖެ އަށް ފަތުރުވެރިކަން ގެނައުމަށްޓަކައި އޭރުގެ މާކެޓުތަކަށް ރާއްޖެ ތައާރަފްކޮށް ދެއްވައި އެ ސިނާއަތް ކުރިއަރުވަން އަމަލީ ގޮތުން މަސައްކަތްކޮށް ދެއްވި އެއް ބާނީއެވެ.

ކުރުނބާގައި ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގެ ފަތުރުވެރިކަމަށް އެކި ރޮނގު ރޮނގުން ހިދުމަތް ކުރި ފަރާތްތަކަށް ވެސް އެވޯޑު ހަވާލުކޮށްފައިވެއެވެ.

އެގޮތުން ރައީސް ސުމުއްވުލް އަމީރު އަލްމަރްހޫމް އިބްރާހިމް ނާސިރާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް ފައިސަލް ނަސީމާއި މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު މޫސާ (އުއްޗު) އާއި ވިލާ ގްރޫޕްގެ ޗެއާމަން ގާސިމް އިބްރާހިމްގެ ނަމާއި ސަން ސިޔާމް، އަލްމަރްހޫމް ކަނޑި އިސްމާއިލް މަނިކު ފަދަ ބޭފުޅުންނަށް އެވޯޑު ދެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ހަސަން

    ނަސީމަކީ ބާޣީންގެ ލިސްޓްގައި ރާއްޛޭގައި އެންމެ ކުރިން ޖެހުނު މީހާ. އޭނާ މަޝްހޫރުވީ އެ ރޮނގުން.
    އޮނަރަބްލް ވަހީދުއްދީން ފިޔަވައި ތިބީ ހުސް އަމިއްލަ އެދުމުން ފޯވި މީހުން

  2. ބަރުގޮނު

    ސިޔާސީ ވާދަވެރިޔަކު ވެރިކަމުގައި ހުރީތީ ފަތުރުވެރިކަން ބޮއިކޮޓްކޮށް އެޞިނާޢަތު އިދަޖައްސަން ހިންމަތާއެކު މަސައްކުރި ބަޔަކަށް ދޭންވާ އެއްޗެއް ރައީސް ނަޝީދަށާ އެމް.ޑީ.ޕީ ގެ އިސް ސަފުގެ ވަރަށްގިނަ މެމްބަރުންނަށް ދޭންޖެހޭ.

  3. ޑައެލޯގް

    ފަތުރުވެރިކަމުގެ އެއްވެސް ކަމެއްގައި އެމްޑީޕީ މީހަކު ބައިވެރިވުމުގެ ހައްގެއްލިބިގެެނެއްނުވެއެވެ. ސަބަބަކީ ޓުވަރިސްޓުން ނައުމަށް ބޭރުގަ މަސައްކަތްކޮށް ޓުވަރިޒަމް ބޯއީކަޓް ކުރަންގޮވިމީހުން އެމްޑީޕީގައި ތިބީ ބަޔަކު ރުހުނަސް ނުރުހުނަސް ހަގީގަތަކީ މިއީއެވެ.

  4. ޢަލީ

    އެމީހުންއެމީހުންގެ މުއްސަނދިކަން ކުރިއެރުވީ ދިވެހީންގެ ލޭ ބޮއެގެން އަޅުންގެ ގޮތުގައި މަސައްކަތް ކުރުވައިގެން. ބަސްމަގު އެހާމެ ހުތުރުކޮށް މުއައްޒަފުންނާ މުޚާޠަބު ކުރަނީ. އަދި އެމީހުންނަށް އިޚުލާސްތެރިކަމާއެކު މަސައްކަތްކޮށްދިން މީހުންގެ އަގު ވަޒަމެއް ނުކުރޭ. މުޅި ޢުމުރު އެމީހުންނަށް އިޚްލާސްތެރިކަމާއެކު މަސައްކަތް ކޮށްދިން ފަރާތްތައް ސިއްހީ އަދި އެނޫންވެސް އެމީހުން ބޭނުންވާ ވަރަށް މުސްތަގުބަލުގައި މަސައްކަތް ނުކުރެވޭނެހެން ހީވާއިރަށް ހަމަ ސައްޕެއްޖަހާ ފޮނުވާލަނީ. މިއީ ތިޔަ ރަނުގެ ބާނީންގެ ހަގީގަތް. ޚައްސަކޮށް ޔުނިވާރސަލް މިކަމަށް އަރާތިބި.

  5. ދެކޮޅުނުޖެހޭއެވޯޑް

    ގެސްޓްހައުސް ހިންގި މީހާއަށް އެވޯޑްދިނީ ގެސްޓްހައުސްއެއް ހަދައިގެން ކޮންފަރެންސް ރޫމް ހަދައިގެން ވަރަށް މަތީ ފެންވަރުގައި ޚިދުމަތްދެމުންދާތާ 15 އަހަރަށްވުރެން ގިނަ ދުވަސްވެގެން. އެހެންވީމާ 15 އަހަރު ކުރިން ސަރުކާރު މިއޮތީ ގެސްޓްހައުސް ހެދުމުގެ ސިޔާސަތެއްގެ ދަށުން ގެސްޓް ހައުސް ހަދަން ބަޔަކަށް ހުއްދަދީފައި. އޭގެ ފަހުން މިއަންނަނީ ގެސްޓްހައުސް ސިޔާސަތު ކަނޑައަޅައި ހުއްދަދީ ހުޅުވާލީ 2008 ގެ ނޮވެމްބަރުގެ ފަހުން ކަމަށް. އެހެންވިއްޔާ 15 އަހަރުވެއްޖެތަ. ނޫނީ މާކުރިން ކަނޑައަޅާފައި ހިންގަމުން އައި ކަމެއްގެ މެޑެލްޖަހައި އޮޅުވާލި މީހަކަށް އެވޯޑެއް ދިނީތަ! ޔަގީނުންވެސް ކޮންމެވެސް އެއްގޮތެއް ވެއްޖެ.

  6. މުޙައްމަދު

    ފަތުރުވެރިކަމުގެ ދުވަސް ފާހަގަ ކުރިއިރު އެ ދާއިރާގައި ތިބި މުވައްޒަފުން ތިބީ ބުރަ މަސައްކަތުގައި. މަސައްކަތާ ގުޅުންނެތް ސްކޫލް ޓީޗަރުންނާއި ދަރިވަރުންނާއި ޞިއްޙީ ޚިދުމަތްތެރިންނާއި ސިވިލް ސާވިސް މުވައްޒަފުންތިބީ އެއްވެސް ކަމެއްނެތި ގޭގަ. ކަމާ ގުޅުންހުރި ޖަލްސާ ބޭއްވުނީ ރޭގަނޑުގެ ވަގުތެއްގައި. ކުލަގަދަކޮށް ފާހަގަ ކުރަން ބުނި ކަމެއްގެ އެއްވެސް ކުލައެއްނެތް.

  7. ޙަަަހަ

    ތިމީހުންނަށް ވަނީ ޓެކްސްވެސް ކުލިވެސް ވަނީ މާފްކޮށްފަ ، ރައްޔިތުންނަށް އޮތީ ކޯޗެއް