ރާއްޖޭގެ އެންމެ ރަނގަޅު ގެސްޓް ހައުސްގެ އެވޯޑް ނ.ފޮއްދޫގައި ހިންގަމުންދާ ސާއްބަ ސަމަރ ސުއިޓް އަށް ލިބިއްޖެ އެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަަހަރު ފާހަގަކުރުމުގެ ގޮތުން މިދިޔަ އާދިއްތަ ދުވަހުގެ ރޭގައި ބޭއްވި ރަސްމިއްޔާތެއްގައި ސަރުކާރުން ވަނީ މޯލްޑިވްސް ޓޫރިޒަމް އެވޯޑް ލޯންޗުކޮށް، އެވޯޑް 27 ފަރާތަކަށް ދީފައެވެ.

އޭގެ ތެރެއިން ރާއްޖޭގެ އެންމެ ރަނގަޅު ގެސްޓް ހައުސްގެ އެވޯޑް ލިބިފައިވަނީ ސާއްބަ ސަމާ ސުއިޓް އަށެވެ. އެ އެވޯޑްގެ އިތުރުން ފަތުރުވެރިކަމުގެ ފަހުރުވެރި ތިން އެވޯޑެއް އެ ގެސްޓް ހައުސްއަށް ވަނީ ލިބިފަ އެވެ.

ސާއްބަ ސަމާ ސުއިޓްއަށް ލިބުނު އެވޯޑްތަކަކީ:

  • ބެސްޓް ގެސްޓް ހައުސް
  • ބެސްޓް ސްޓާފް ޑައިން އިން އެކްސްޕީރިއެންސް
  • އެކްސްސްލަންސް އިން ސްޓާފް ރިކްރިއޭޝަން
  • ބެސްޓް އިންޕްލައީ

ފަތުރުވެރިކަމުގެ ޝަރަފުވެރި ހަތަރު އެވޯޑެއް ސާއްބަ ސަމާ ސުއިޓަށް ލިބުމުން އެ ގެސްޓް ހައުސްގެ ވެރިޔާ މުހައްމަދު އައްބާސް "ވަގުތަށް" ވިދާޅުވީ ފޮއްދޫގައި ގެސްޓް ހައުސް ތަރައްގީ ކުރީ އެ ރަށުގެ ރައްޔިތުންނަށް އުޅެވެންނެތް ހާލުގައި އޮތް ކަމަށެވެ.

އެންމެ ފުރަތަމަ 10 އެދާއިއެކުގައި އެ ރަށުގައި ފެށި ސާއްބަ ސަމާ ސުއިޓް ގެސްޓް ހައުސް މިހާރު ފުޅާކުރައްވާފައިވާ ކަން ފާހަގަކުރައްވަމުން އައްބާސް ވިދާޅުވީ މިހާރު ފޮއްދޫގައި ތިން ގެސްޓް ހައުސް އެއް ހުންނާނެ ކަމަށެވެ.

އެއީ 24 އެނދުގެ ސާއްބަ ބީޗް ސޫޓް ގެސްޓް ހައުސްއާއި އާއި 24 އެނދުގެ ސާއްބަ ބީޗް ވިލާ އެންޑް ސްޕާ އާއި ސާއްބަ ސަމާ ސުއިޓް ގެސްޓް ކަމަށް ވިދާޅުވި އެވެ.

"ހަތަރު މިލިއަން ރުފިޔާ އިންވެސްޓް ކޮށްގެން އަޅުގަނޑުމެން ގެސްޓް ހައުސް ހެދީ. މިހާރު އިންވެސްޓް ކުރި އަދަދު 30 މިލިއަނަށް އަރާނެ. އަޅުގަނޑުމެން ހިންގާ ގެސްޓް ހައުސްއިން ފޮއްދޫ ރައްޔިތުންނަށް ވެސް ވަރަށް ބޮޑަށް މަންފާ ކުރަމުން ދަނީ." އައްބާސް ވިދާޅުވި އެވެ.

އައްބާސް ވިދާޅުވީ ސާއްބަ ސަމާ ސުއިޓް ގެސްޓްހައުސުން ހިދުމަތް ދެމުންދާތާ ހަތަރު އަހަރުވެފައިވާރު ފަތުރުވެރިކަމުގެ ޝަފަރުވެރި ހަތަރު އެވޯޑެއް ލިބުމުން ވަރަށް އުފާވާ ކަމަށެވެ. މިއީ ފަތުރުވެރިންނަށް އެ ގެސްޓް ދެމުންދާ ހިދުމަތުގެ އަގު ކަމަށް ވިދާޅުވި އެވެ.

ފޮއްދޫގައި ސާއްބަ ސަމާ ސުއިޓްގެ އިތުރު ގެސްޓް ހައުސްއެއް ހެދުމުގެ ވިސްނުން ގެންގުޅުއްވާކަން ފާހަގަކުރައްވަމުން އައްބާސް ވިދާޅުވީ އެ މަސައްކަތައް ދިމާވެފައިވާ ގޮންޖެހުމަކީ އެ ރަށުގައި ލޭންޑް ޔޫސް ޕްލޭން ފައިނަލް ވެފައި ނެތުމުން ކުލީ ބިން ނުލިބުން ކަމަށެވެ.

އައްބާސް ވަނީ ފޮއްދޫގެ ރައްޔިތުންނާއި ކައުންސިލްގެ ފަރާތުން އެ ގެސްޓްހައުސްއަށް ލިބެމުންދާ އެއްބާރުލުމަށް ޝުކުރުއަދާކުރައްވާފަ އެވެ. އަދި އެ ގެސްޓްހައުސްގެ އަގުވަޒަންކޮށް އެވޯޑް ދީފައިވާތީ ސަރުކާރަށްވެސް ޝުކުރު އަދާ ކުރެއްވެވި އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުއްބުލް ވަތަން

    ވަރަށްއުފާވޭ ޝެއިޚުން މިވިޔަފާރީގަ އުޅޭތީ ޔަހޫދީ ންނާ ނަސާރާއިންނާ ހިންދޫނަށް ހިޔާވަހިކަންދީ ދިރިއުޅޭ ރަށްރަށުގެ ގޮނޑުދޮއްތަކުގަ ބިކިނީގަ ގެސްޓުން ގެންގުޅޭތީ