ފާއިތު ތިން އަހަރު ދުވަހުގެ ތޭރެގައި ހަތަރު ބިލިއަނަށްވުރެ ގިނަ ރުފިޔާ ސަބްސިޑީއަށް ހޭދަކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

ފާއިތުވި ތިން އަހަރު ދައުލަތުގެ ބަޖެޓުން ސަބްސިޑީގެ ގޮތުގައި ކޮށްފައިވާ ހޭދަ ހޯދަން އެދުނީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު، ބޮންޑޭއެވެ. އޭނަ ވަނީ ފާއިތުވި ތިން އަހަރު ދައުލަތުގެ ބަޖެޓުން ސަބްސިޑީ ދިނުމަށް ހޭދަކުރެވުނު ޖުމުލަ އަދަދާއި އެ ދޫކުރުމުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އިސްކަންދޭ އުސޫލެއް އޮވޭތޯ ފިނޭންސް މިނިސްޓަރާއި ސުވާލުކޮށްފައެވެ.

އެ ސުވާލަށް ލިޔުމުން ޖަވާބެއް އަރުވަމުން ފިނޭންސް މިނިސްޓްރީން ވަނީ ފާއިތުވި ތިން އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ ސަބްސިޑީގެ ހަރަދުތަކުގެ ތަފްސީލު ހިއްސާކޮށްފައެވެ.

މިގޮތުން، ސަބްސިޑީއަށް މިދިޔަ އަހަރު ކޮށްފައިވާ ހޭދައިގެ ތަފުސީލު:

ސަބްސިޑީ - 99،864،040 ރުފިޔާ

ކަރަންޓު އަގޮހެޔޮ ކުރުމުގެ ގޮތުން ދޭ ފައިސާ - 735،584،966 ރުފިޔާ

ފެން އަގުހެޔޮ ކުރުމުގެ ގޮތުންދޭ ފައިސާ - 40،638،551 ރުފިޔާ

ކާބޯތަކެތި އަގުހެޔޮ ކުރުމުގެ ގޮތުންދޭ ފައިސާ - 238،938،307 ރުފިޔާ

ޕްރީ ސުކޫލު ހިންގުމަށްދޭ ފައިސާ - 20،674،633 ރުފިޔާ

ފިއުލް ސަބްސިޑީ - 460،323،692 ރުފިޔާ

ބަޔަކު ކާޑު އުފުލަނީ:

ފިނޭންސް މިނިސްޓްރީން ފާހަގަކޮށްފައިވާ ގޮތުގައި ކާބޯތަކެތީގެ ސަބްސިޑީގެ 0.1% ފިޔަވާ މިހާރު ދޫކުރާ ހުރިހާ ސަބްސިޑީ އަކީ ހިދުމަތް ފޯރުކޮށްދޭ ފަރާތަށްދޭ އިންޑައިރެކްޓް ސަބްސިޑީއެވެ. އެހެންވެ، އެ ސަބްސިޑީ ހުރިހާ އެންމެނަށް ވެސް ލިބޭނެ ކަމަށް ބުނެފައިވެއެވެ.

"މިހާރު ސަބްސިޑީގެ ފައިދާ ލިބޭ މީހުންގެ ތެރޭގައި މުއްސަނދިންނާއި، ބިދޭސީންނާއި، ވިޔަފާރިތަކާއި ފަތުރުވެރިން ވެސް ހިމެނެއެވެ. އަދި، ވިޔަފާރިތަކަށް ދެވޭ ސަބްސިޑީއަކީ ވެސް އެ ހައްގުވާ ހުރިހާ ވިޔަފާރިތަކަށް އެއްވަރަށް ދެވޭ ސަބްސިޑީއެކެވެ" މިނިސްޓަރ އަމީރުގެ ޖަވާބުގައި ވެއެވެ.

މީގެ އިތުރުން، މިދިޔަ އަހަރު މަސްވެރިންގެ ފިއުލް ސަބްސިޑީއަށް ވެސް 1،323،480 ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. އޭގެ ކުރީ ދެ އަހަރު އެއަށްވުރެ ބޮޑު އަދަދެއް އެކަމަށް ވަނީ ހޭދަކޮށްފައެވެ.

މަސްވެރިންނަށް ސަބްސިޑީ ދެނީ ފިޝަރީޒް މިނިސްޓްރީ މެދުވެރިކޮށެވެ. މިގޮތުން މަސްވެރިން ތެޔޮ ގަތުމަށް ފަހުގައި މިނިސްޓްރީގައި އެދުމުން ކުރި ހަރަދުގެ ތެރެއިން އިމްޕޯޓް ޑިއުޓީއަށް ޖެހޭ އަދަދު (5%) މިނިސްޓްރީ މެދުވެރިކޮށް މަސްވެރިންނަށް އަނބުރާ ފޯރުކޮށްދޭނެ ކަމަށް ބުނެފައިވެއެވެ.