ދިރާގުން ކުޅުދުއްފުށީ ސިޓީގައި ހުންނަ ޖަލާލުއްދީން ސްކޫލުގައި ކުރިއަށްގެންދާ ސްޕެޝަލް އެޑިއުކޭޝަން ޔުނިޓަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ޖަލާލުއްދީން ސްކޫލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ދިރާގުން ވަނީ އެކުންފުނީގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ޕްރޮގްރާމްގެ ދަށުން އެ ސްކޫލްގެ ސްޕެޝަލް އެޑިއުކޭޝަން ޔުނިޓަށް ބޭނުންވާ އަދި ދަރިވަރުންގެ ކިޔެވުން އިތުރަށް ފުރިހަމަކުރުމަށް މަގުފަހިވެގެންދާނެ ތަފާތު ވަސީލަތްތައް ހަދިޔާކޮށްދީފައެވެ.

އެގޮތުން ދިރާގުން ވަނީ ކޮމްޕިއުޓަރ ސިސްޓަމްތަކާއި ފަރުނީޗަރު، ޖިމް ކަސްރަތު ބޯޅަ އަދި އެ ޔުނިޓަށް ބޭނުންވާ އެކި ފޮތްތަކާއި ޕަޒްލްތައް ހަދިޔާ ކޮށްދީފައެވެ.

ކުޅުދުއްފުށީ ސިޓީގެ މޭޔަރު، މުހައްމަދު އާތިފް ޝަރަފްވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި ދިރާގުގެ ޑިރެކްޓަރ، ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް، މުހައްމަދު މިރްޝާން ހަސަން، ޖަލާލުއްދީން ސްކޫލްގެ ޕްރިންސިޕަލް އައިމިނަތު މުޙައްމަދު އާއި ސްކޫލް މެނޭޖްމަންޓް، ދަރިވަރުންނާއި ބެލެނިވެރިންގެ އިތުރުން ދިރާގު ކުޅުދުއްފުށީ އޮޕަރޭޝަން ސެންޓަރުގެ މުވައްޒަފުން ވެސް ވަނީ ބައިވެރިވެފައިވެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކުޅުދުއްފުށީ ސިޓީގެ މޭޔަރ މުޙައްމަދު އާތިފް ވިދާޅުވީ، ތަޢުލީމަށް ކުރާ ކޮންމެ ހޭދައަކީ މުސްތަޤުބަލަށް ކުރެވޭ މުހިންމު އިންވެސްޓްމެންޓެއް ކަމަށެވެ.

އެހެންކަމުން ޖަލާލުއްދީން ސްކޫލްގެ ސްޕެޝަލް އެޑިއުކޭޝަން ޔުނިޓަށް ދިރާގުން ފޯރުކޮށްދެއްވި އެހީތެރިކަމަށް ދިރާގުގެ ވެރިންނަށާއި މުވައްޒަފުންނަށް ނުހަނު އިހްލާސްތެރިކަމާއެކު ޝުކުރު އަދާކުރާ ކަމަށް އާތިފް ވިދާޅުވިއެވެ. އަދި ދިރާގުން ވެދެއްވި އެހީގެ ސަބަބުން ސްކޫލްގެ ވަސީލަތްތައް އިތުރުވެ، ދަރިވަރުންނަށާއި މުދައްރިސުންނަށް ރަނގަޅު އަދި ދެމެހެއްޓެނިވި ފައިދާއެއް ވާނެކަމަށް ޔަގީންކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ޖަލާލުއްދީން ސްކޫލްގެ ސްޕެޝަލް އެޑިއުކޭޝަން ޔުނިޓަށް ދިރާގުން ފޯރުކޮށްދިން އެހީތެރިކަމަށް ވަރަށް ޚާއްސަ ޝުކުރެއް ދަންނަވަން. ތި ވެދެއްވި އެހީގެ ސަބަބުން ސްކޫލްގެ ދަރިވަރުންނަށާއި ޓީޗަރުންނަށް ރަނގަޅު އަދި ދެމެހެއްޓެނިވި ފައިދާއެއް ވާނެކަން ޔަޤީން" އާތިފް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ދިރާގުގެ ޑައިރެކްޓާރ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މިރްޝާން ވިދާޅުވީ، ކުޑަކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ޒުވާނުން ބާރުވެރިކުރުމަކީ ދިރާގުގެ ސީއެސްއާރު ޕްރޮގްރާމްގައި ޚާއްޞަ އަހައްމިއްޔަތު ކަމެއްދޭ ދާއިރާއެއް ކަމަށެވެ. އަދި އަބަދު ވެސް ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް އެހީތެރިވުމަށާއި ރާއްޖޭގެ އެކިކަންކޮޅުތަކުގައި މުޖުތަމަޢުތައް ބާރުވެރިކުރުމަށް އިސްކަމެއްދޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ޖަލާލުއްދީން ސްކޫލުގެ ޕްރިންސިޕަލް އައިމިނަތު މުޙައްމަދު މި ރަސްމިއްޔާތުގައި ވަނީ ދިރާގުގެ އެއްބާރުލުމާއި ދީލަތި އެހީތެރިކަމަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ. އަދި މި ވަސީލަތްތަކުގެ ސަބަބުން ސްކޫލުގެ ސްޕެޝަލް އެޑިއުކޭޝަން ޔުނިޓަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ ކަމަށާއި ޖަލާލުއްދީން ސްކޫލްގެ މަޤްސަދެއްކަމަށްވާ އިންކްލޫސިވް އެޑިއުކޭޝަނަށްވެސް ވަރަށް ބޮޑު ބާރަކަށްވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ދިރާގުން އަބަދު ވެސް މަސައްކަތް ކުރަމުންދަނީ މުވާސަލާތީ ގުޅުމުގެ އިތުރުން މުޖުތަމަޢުއަށް ބޭނުންވާ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. މިގޮތުން ދިރާގުން މިހާރު ވެސް ދަނީ ކުޑަކުދިންނަށް އެހީތެރިވުމާއި މުޖުތަމަޢުގެ ޒުވާނުން ބާރުވެރިކުރުވުމުގެ ގިނަ މަސައްކަތްތަކެއް ކުރަމުންކަން ފާހަގަ ކޮށްލެވެއެވެ.