މި އަހަރު މިހާތަނަށް 1.5 މިލިއަން ފަތުރުވެރިން ރާއްޖެ އައިސްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން އާއްމު ކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މި އަހަރު ރާއްޖެއަށް 1.6 މިލިއަން ފަތުރުވެރިން އަންނާނެ ކަމަށް އަންދާޒާކޮށްފައި ވެއެވެ. މިއީ ޓޫރިޒަމް ޕީކް ދުވަސް ވަރެވެ. މި ދުވަސްވަރު ރާއްޖެ އަންނަ ފަތުވެރިންގެ އަދަދު އަބަދުވެސް މަތިވާކަން ފާހަގަކޮށްލެވެއެވެ.

ޓޫރިޒަމް މިނިސްޓްރީން އާައްމު ކުރި ތަފާސްހިސާބުތައް ދައްކާގޮތުން ޑިސެމްބަރު 14 ވަނަ ދުވަހުގެ ނިޔަލަށް 1،566،083 ފަތުރުވެރިން ރާއްޖެ އައިސްފައި ވެއެވެ.

އެ މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މި މަހު މިހާތަނަށް 74،840 ފަތުރުވެރިން ރާއްޖެ އައިސްފައި ވެއެވެ.

މި އަހަރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައި ވަނީ އިންޑިއާއިންނެވެ. އެގޮތުން އެ ގައުމުން 224،640 ފަތުރުވެރިން ރާއްޖެ އައިސްފައި ވެއެވެ. ދެވަނައަށް ރާއްްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައި ވަނީ ރަޝިޔާއިންނެވެ. އެ ގައުމުން ރާއްޖެއަށް 189،586 ފަތުރުވެރިން އައިސްފައި ވެއެވެ. ތިން ވަނައަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައި އިނގިރޭސިވިލާތުން ރާއްޖެ އައިސްފައި ވަނީ 168،123 ފަތުރުވެރިންނެވެ.

މި އަހަރު މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ފާއިތުވެ ދިޔަ އަހަރު ރާއްޖެ އައި ފަތުރުވެރިންނާއި އަޅާ ކިޔާއިރު ވަނީ އިތުރު ވެފައެވެ.